ރަމަޟާން މަހަށް ހާއްސަކޮށް ފުޓުބޯޅަ އެސޯސިއޭޝަން އޮފް މޯލްޑިވްސް (އެފްއޭއެމް) އިން އިންތިޒާމު ކޮށްގެން ބާއްވާ، މައިލޯ އެފްއޭއެމް ވެޓެރަންސް ލީގު 2022 ގައި ކުޅުނު ދެވަނަ މެޗުގައި ދަ ގްރާންޑޭ އަމީގޯސް ނިއު ޖެނެރޭޝަން ސްޕޯޓްސް ކުލަބު (ޑީޖީއެސްސީ) އިން ދިވެހި ސިފައިންގެ ކުލަބުގެ މައްޗަށް ކުރިހޯދައިފިއެވެ.

މިއީ ދަ ގްރާންޑޭ އިން ވެޓެރަންސް ލީގުގައި ކުޅޭ ފުރަތަމަ ފަހަރެވެ. މުބާރާތުގެ ތާރީހުގައިވެސް ކުޅުނު ފުރަތަމަ މެޗުގައި ޑަ ގްރާންޑޭ އިން ވަނީ ސިފައިންގެ ކުލަބުގެ މައްޗަށް 0-1 އިން ކުރިހޯދާފައެވެ.

ދަ ގްރާންޑޭ އަށްވަނި މެޗުގައި ލަނޑުޖަހާނެ ގިނަ ފުރުސަތުތަކެއް ލިބިފައެވެ. އެގޮތުން އެޓީމުގެ ފަހަތަށް ކުޅޭ އިބްރާހިމް ސާމިރު ފޮމިވާލި ހަމަލާ ގޯލުގެ ދަނޑިއަށް އަމާޒުވިއިރު، އޭގެކުރިން ޝުއައިބު ޒާހިރު ފޮނުވާލި ހަމަލާ ދިޔައީ ހުރަސް ދަނޑިމަތިން ބޭރަށެވެ

ފުރަތަމަ ހާފުގައި ގްރާންޑޭ އިން ލަނޑެއް ޖެހުމަށް ކުރި މަސައްކަތް ނާކާމިޔާބުވިއިރު މިހާފު ނިމުނީ ދެޓީމުންކުރެ ޓީމަކަށް ލަނޑެއް ކާމިޔާބު ނުކުރެވިއެވެ.

ގްރާންޑޭ މެޗުން މޮޅުވި ލަނޑު ކާމިޔާބު ކޮށްފައިވަނީ މެޗުގެ 56 ވަނަ މިނެޓުގައެވެ. ލިބުނު ޕެނަލްޓީއެއް ގޯލުގެ ތެރެއަށް ވައްދާލައިގެން މިލަނޑު އެޓީމަށް ކާމިޔާބު ކޮށްދިނީ ހަސަން ޝަރީފް އެވެ. މެޗުގެ މޮޅު ކުޅުންތެރިއަކަށް ހޮވުނީވެސް އޭނާއެވެ. މި ޕެނަލްޓީއަކީ އޭރިއާ ތެރެއިން ދިވެހި ސިފައިންގެ ކްލަބްގެ ކުޅުންތެރިއަކު އަތުގައި ބޯޅަ ޖެހުމުން ލިބުނު ޕެނަލްޓީއެކެވެ.

މެދުކެނޑުމަކަށްފަހު ކުޅޭ މި ފޯރިގަދަ މުބާރާތުގެ މިފަހަރުގެ މުބާރާތުގައި ޖުމްލަ ހަތް ޓީމެއް ވާދަކުރެއެވެ. އެއީ މުބާރާތުގެ ފުރަތަމަ މެޗުގައި ވާދަކުރި ހުޅުމާލެ ވެޓެރަންސް އާއި ގްރީން ސްޓްރީޓްސްގެ އިތުރުން ދިވެހި ސިފައިންގެ ކުލަބާއި މޯލްޑިވްސް ސޮކަރ މޭޓްސް، ޕޮލިސް ކުލަބު އަދި އީގަލްސް ވެޓެރަންސް އާއި ދަ ގްރާންޑޭ އަމީގޯސް ނިއު ޖެނެރޭޝަން ސްޕޯޓްސް ކުލަބު (ޑީޖީއެސްސީ) އެވެ.

މި ފަހަރުގެ މުބާރާތުގެ ގަވާއިދުގައިވާ ގޮތުން ކޮންމެ ޓީމު ލިސްޓެއްގައި ވެސް 35 އަހަރުން މަތީގެ ދެ ކުޅުންތެރިއަކު ހިމެނޭނެ އެވެ. އަދި ބާކީ ކުޅުންތެރިން ވާން ޖެހޭނީ 40 އަހަރުން މަތީގެ ކުޅުންތެރިންނަށެވެ. މީގެ އިތުރުން 2019 ވަނަ އަހަރުން ފެށިގެން ނިމިދިޔަ މުއްދަތުގައި އެފްއޭއެމުން ބޭއްވި ރަސްމީ އެއްވެސް މުބާރާތެއްގައި ބައިވެރިވި ކުޅުންތެރިއަކަށް ވެޓްރަންސް މުބާރާތުގައި ނުކުޅެވޭނެ އެވެ.

މުބާރާތުގައި މާދަމާ ކުޅޭނީ ޕޮލިސް ކުލަބާއި މޯލްޑިވްސް ސޮކަރ މޭޓްސް އެވެ. މިމެޗުވެސް ފަށާނީ ހަވިީރު 16:30 ގައެވެ.