މުޅި ސްރީލަންކާގައި ހިންގާފައިވާ ކުއްލި ނުރައްކަލުގެ ހާލަތު އުވާލައިފިއެވެ.

ކުއްލި ނުރައްކަލުގެ ހާލަތު އުވާލީ، ސްރީލަންކާގެ ރައީސް ގޮޓަބާޔަ ރާޖަޕަކްސަ ނެރުއްވައި ގެޒެޓްކުރެއްވި ގަރާރަކުންނެވެ.

ގަރާރުގައި ރައީސް ވިދާޅުވެފައިވަނީ، އާންމު ސަލާމަތާއި ރައްކާތެރިކަމަށް ގާނޫނުއަސާސީން ލިބިދޭ ބާރުގެ ދަށުން 1 އޭޕްރީލްގައި ހިންގާފައިވާ ކުއްލި ނުރައްކަލުގެ ހާލަތު 5 އޭޕްރީލް 2022 ވަނަ ދުވަހުގެ މެންދަމުން ފެށިގެން އުވާލައްވާފައިވާ ކަމަށެވެ.

ސްރީލަންކާގެ ރައީސް، މުޅި ގައުމުގައި ކުއްލި ނުރައްކަލުގެ ހާލަތު ހިންގެވީ ހޯމަދުވަހުގެ ހެނދުނުގެ ނިޔަލަށެވެ. ނަމަވެސް، އެ މުއްދަތު ހަމަވިއިރުވެސް ހާލަތު އުވާނުލައްވައެވެ.

ކުއްލި ނުރައްކަލުގެ ހާލަތު ހިންގެވުމުގެ އިތުރުން، ވެރިރަށް ކޮޅުނބުގައި މުޒާހަރާތައް ހޫނުވެގެން ކާފިއުވެސް އޮތީ ހިންގާފައެވެ.

ސްރީލަންކާގެ ރައީސް ގޮޓަބާޔަ ރާޖަޕަކްސަ، އެގައުމުގައި ހިންގަވާފައިވާ ކުއްލި ނުރައްކަލުގެ ހާލަތު ހިންގެވީ ގާނޫނުއަސާސީއާއި ގާނޫނުތަކާ ޚިލާފަށް ކަމަށްބުނެ އިދިކޮޅު ފަރާތްތަކުން މައްސަލަ، ސްރީލަންކާގެ ސުޕްރީމް ކޯޓަށްވެސް ހުށަހަޅާފައި ވެއެވެ.

އަދި މިމައްސަލާގައި ޕާލަމެންޓުގައި މިރޭ ވޯޓެއް ނަގަންވެސް ތައްޔާރުވަމުން ދިޔަކަމަށް ސްރީލަންކާގެ މީޑިއާއިން ރިޕޯޓް ކޮށްފައި ވެއެވެ. ނަމަވެސް، އެފަދަ ވޯޓެއް ނަގާފައެއް ނުވެއެވެ.

ސްރީލަންކާގައި ވެރިކަންކުރާ ކޯލިޝަން ސަރުކާރުގެ ބައެއް ޕާޓީތައް ސަރުކާރަށް ދެމުން އައި ތާއީދު އަނބުރާ ގެންދިއުމުން، ރައީސް ގޮޓަބާޔަ ރާޖަޕަކްސަގެ ސަރުކާރަށް ޕާލަމެންޓުގައި އޮތް ބޮޑު އަޣުލަބިއްޔަތު އަންގާރަދުވަހު ވަނީ ގެއްލިފައެވެ.

ސަރުކާރަށް އަޣުލަބިއްޔަތު ގެއްލުނު ނަމަވެސް، ރައީސް މަގާމުން ދުރުކޮށް ސަރުކާރު ވައްޓާލުމަށް މެމްބަރުން އުޅުއްވާކަމެއް ސާފު ނުވާކަމަށް މީޑިއާއިން ބުނެއެވެ.