އޭއެފްސީ ކަޕުގެ ކޮލިފިކޭޝަންގެ ޕްރިލިމިނަރީ ފުރަތަމަ ބުރުގައި ބޫޓާންގެ ޗެމްޕިއަން ޕަރޯ އެފްސީގެ މައްޗަށް ކުރިހޯދުމަށްފަހު، ރާއްޖޭގެ ކްލަބް ވެލެންސިއާ އިން ޕްރިލިމިނަރީ ދެވަނަ ބުރަށް ދަތުރުކޮށްފިއެވެ.

ރާއްޖޭގެ އެންމެފަހުގެ ލީގު ރަނަރަޕް ވެލެންސިއާ މިމެޗަށް ނުކުތީ އެޓީމުގެ މުހިންމު ބައެއް ކުޅުންތެރިން ނުލައެވެ. އެގޮތުން އަމިއްލަ ސަބަބަކާއި ހުރެ ޓީމުގެ ފަރިތަކުރުންތަކުގައި ބައިވެރިނުވާ ކީޕަރު މުހައްމަދު ފައިސަލް އާއި އަނިޔާގެ ސަބަބުން މިވަގުތު ކުޅުމާއި ދުރުގައި ހުރި އަލީ ފާސިރު (ސެންޓޭ)ގެ އިތުރުން، ޗެރިޓީ ޝީލްޑް މެޗަށްފަހު މިހާތަނަށް އަދި މެޗަކުން ފެނިގެން ގޮސްފައިނުވާ ރާއްޖޭގެ އެންމެ މޮޅު ފުޓުބޯޅަ ކުޅުންތެރިޔާ އަލީ އަޝްފާގް (ދަގަނޑޭ)ގެ އިތުރުން ބިދޭސީ މިޑްފީލްޑަރު ހަލީލް ވެސް މިމެޗުގައި ފެނިގެން ގޮސްފައެއް ނުވެއެވެ.

މިމެޗުގައި ވެލެންސިއާގެ ކެޕްޓަން ބޭންޑު އަޅައިގެން ކުޅުނީ ފައިސަލްގެ ބަދަލުގައި އެޓީމުގެ ގޯލު ބެލެހެއްޓުމާއި ހަވާލުވެގެންހުރި ތޮލާލް ހަސަން (ޓޮޕްލަކް) އެވެ.

މެޗު ފަށައިގެން އެންމެފުރަތަމަ އެޓޭކުކޮށް ނުރައްކާތެރި ހަމަލާއެއް އުފެއްދީ ޕަރޯ އެފްސީ އިންނެވެ. މެޗު ފަށައިގެން މިނެޓެއްވެސް ނުވަނިސް އެޓީމުގެ އަރިމަތިން ކުޅޭ ފޫބް ތިންލޭ އޭރިއާތެރެއިން ޖެހި ބޯޅަ ދިޔައީ ހުރަސްދަނޑިމަތިންނެވެ.

އޭގެފަހުން ވެލެންސިއާ އިންވެސް ވަނީ ޕަރޯގެ ގޯލާއި އަމާޒުކޮށް ނުރައްކާތެރި ހަމަލާއެއް ފޮނުވާލާފައެވެ. ލިބުނު ހިލޭ ޖެހުަކުން ވެލެންސިއާގެ ބޯހަސް މާޓިން ރަނގަޅު ބޯޅައެއް ފޮނުވާލި ނަމަވެސް، މި ހަމަލާ ދިޔައީ ގޯލުގެ ހުރަސް ދަނޑިމަތިން ބޭރަށެވެ.

ވެލެންސިއާ އިންވަނީ އޭގެފަހުން، މެޗުގައި ލަނޑުޖަހަން ލިބުނު ފުރަތަމަ ހުސް ފުރުސަތުގެ ބޭނުންހިފާ ލީޑުނަގާފައެވެ. މެޗުގެ 18 ވަނަ މިނެޓުގައި މިލަނޑު ވެލެންސިއާ އަށް ކާމިޔާބު ކޮށްދިނީ އަބްދުﷲ ޔާމީން (ޔާނު) އެވެ. މިއީ ބޯހަސް އޭރިއާ ތެރެއިން ބޯޅަ ކޮންޓްރޯލް ކޮށްލާ ތަނަވަސްކުރި ފުރުސަތެއްގައި ޔާނު ކާމިޔާބު ކޮށްދިން ލަނޑެކެވެ.

ކުޅުން ވަރުގަދަކޮށް ޕަރޯ އިން މެޗުގެ ނަތީޖާ ހަމަހަމަ ކުރީ 27 ވަނަ މިނެޓުގައެވެ. ފުލުފުލުގައި ހޯދި ދެ ކޯނަރެއްގެ ތެރެއިން ދެވަނަ ކޯނަރުން މިލަނޑު އެޓީމަށް ކާމިޔާބު ކޮށްދިނީ އެލޮން އެވެ. މިއީ ފޫބް ނަގައިދިން ކޯނަރަކުން މުޅިން ހުސްކޮށްހުރެ ބޮލުން ފޮނުވާލި ހަމަލާއެއް ގޯލުގެ ތިން ދަނޑިން އެތެރެ ކޮށްލައިގެން އެލޮން ކާމިޔާބުކުރި ލަނޑެކެވެ.

މި ދެލަނޑުގެ އިތުރުން މެޗުގެ ފުރިހަމަވަގުތު ހަމަވިއިރު އިތުރު ލަނޑެއް ދެޓީމުންު ކުރެ ޓީމަކަށް ކާމިޔާބު ކުރެވިފައެއް ނުވެއެވެ.

ނަތީޖާ ނެރުން މަޖުބޫރު މިމެޗުގެ ފުރިހަމަވަގުތު ހަމަވިއިރު ދެޓީމުގެ ނަތީޖާ އެއްވަރުވެފައި އޮތުމުން ދެން ޖެހުނީ އިތުރުވަގުތުގެ ދެހާފު ކުޅޭށެވެ.

ވެލެންސިއާ މެޗުން މޮޅުވީ އިތުރުވަގުތުގެ ފުރަތަމަ ހާފުގެ 10 ވަނަ މިނެޓުގައެވެ. މިއީ ޔާނު ހުސްކޮށްލާފައި ނެގި ބޯޅައެއް ގޯލުގެ ތެރެއަށް ވައްދާލައިގެން ބޯހަސް ކާމިޔާބުކުރި ލަނޑެކެވެ.

މި މޮޅާއެކު އޭއެފްސީ ކަޕުގެ ކޮލިފިކޭޝަންގެ ޕްރިލިމިނަރީ ދެވަނަ ބުރުން ވެލެންސިއާ ޖާގަ ހޯދިއިރު، ދެވަނަ ބުރުގައި ވެލެންސިއާ ނުކުންނާނީ މިމަހުގެ 12 ވަނަ ދުވަހު ބަންގްލަދޭޝްގެ ޑާކާ އަބަހާނީ އާއި ދެކޮޅަށެވެ. މިމެޗު ކުޅޭނީ ބަންގްލަދޭޝްގައެވެ.

މި ފަހަރުގެ ކޮލިފައިން ދެ ވަނަ ބުުރުގައި ވެލެންސިއާ އިން އަބަހާނީއާ ކުޅޭ މެޗުން މޮޅުވެއްޖެނަމަ އޭއެފްސީ ކަޕްގެ ގްރޫޕް ސްޓޭޖަށް ކޮލިފައިވާން ކުޅޭ ޕްލޭއޮފް މެޗުގައި ނުކުންނާނީ އިންޑިއާގެ އޭޓީކޭ މޯހަން ބަގާން ނުވަތަ ބްލޫ ސްޓާ ކުޅެގެން މޮޅުވާ ޓީމަކާ ދެކޮޅަށެވެ. ބްލޫ ސްޓާ އިން ކޮލިފައިން ދެ ވަނަ ބުރުން ފުރުސަތު ހޯދީ މިއަދު ނޭޕާލްގެ މަޗިންދުރަ އަތުން ކަތުމަންޑޫގައި 2-1 އިން މޮޅުވެގެންނެވެ.

އޭއެފްސީ ކަޕްގެ ދެކުނު އޭޝިއާ ގްރޫޕްގައި މި ވަގުތު އޮތީ ތިން ޓީމެކެވެ. އެއީ ރާއްޖޭގެ ޗެމްޕިއަން މާޒިޔާ ސްޕޯޓްސް އެންޑް ރެކްރިއޭޝަނާއި އިންޑިއާގެ ގޯކުލަމް ކެރަލާ އަދި ބަންގްލަދޭޝްގެ ޗެމްޕިއަން ބަޝުންދަރާ ކިންގްސް އެވެ. ކޮލިފައިން ޕްލޭއޮފުން މޮޅުވާ ޓީމަކާ އެކު އޭއެފްސީ ކަޕްގެ މި ގްރޫޕްގެ މެޗުތައް ސެންޓްރަލައިޒްކޮށް ކުޅޭނީ އިންޑިއާގެ ކޮލްކަތާގަ އެވެ. މެޗުތައް އޮތީ އަންނަ މަހު 18-24 އަށެވެ.