ދުނިޔޭގެ ބޮޑެތި ގިނަ ކުލަބުތަކަކަށް ކުޅެފައިވާ އާޖެންޓީނާގެ ތަޖުރިބާކާރު ފޯވާޑް ގޮންޒާލޯ ހިގުއިން، އެމެރިކާގައި މިހާރު ކުރިއަށްދާ ފުޓުބޯޅަ ސީޒަން ނިމުމުން ރިޓަޔަރ ކުރަން ނިންމައިފިއެވެ.

މިއީ ހިގުއިން އާއި އެމެރިކާގެ މޭޖަރ ލީގް ސޮކަރ (އެމްއެލްއެސް)ގެ އިންޓަރ މަޔާމީ އަށް ކުޅެމުން އަންނަތާ ތިންވަނަ ސީޒަނެވެ. މި ސީޒަނުގެ ނިޔަލަށް އޭނާ އެކުލަބާއެކު ހަދާފައިވާ އެއްބަސްވުމުގެ މުއްދަތު ހަމަވާއިރު، ބޭރުގެ ބައެއް މީޑިއާތަކުން ވަނީ މި ސީޒަން ނިމުމުން ހިގުއިން އޭނާ އެންމެފުރަތަމަ ކުޅުނު ކުލަބު، އާޖެންޓީނާގެ ރިވަރ ޕްލޭޓަށް ބަދަލުވާން އުޅޭކަމަށް ރިޕޯޓުކޮށްފައެވެ.

އެހެންނަމަވެސް ހިގުއިންގެ ބައްޕަ، ޖޯޖް ހިގުއިން ވަނީ މިވާހަކަތައް ދޮގުކޮށްފައެވެ.

ރަރިފުޅު ގޮންޒާލޯ ހިގުއިންގެ ކުރިމަގާއި ގުޅޭގޮތުން ޓީއެންޓީ ސްޕޯޓްސް ނޫހަށް މައުލޫމާތުދެމުން ޖޯޖް ބުނީ، މިއަހަރުގެ ޑިސެމްބަރު މަހު އެމެރިކާގެ ފުޓުބޯޅަ ސީޒަން ނިމުމުން ހިގުއިން ފުޓުބޯޅައިން ރިޓަަޔަރ ކުރަން ނިންމާފައިވާ ކަމަށާއި، އާޖެންޓީނާގެ ރިވަރ ޕްލޭޓަށްވެސް އަދި އެހެން ކުލަބަކަށްވެސް ދެން ނުކުޅޭނެކަން ހިގުއިން އޭނާއަށް ކަށަވަރުކޮށްދީފައިވާ ކަމަށެވެ.

އަދި މިއީ ޖޯޖް ބޭނުންވާ ގޮތް ނޫންކަމަށާއި، ބޭނުންވަނީ ދަރިފުޅު އަދިވެސް ފުޓުބޯޅައިގައި އިތުރު ކާމިޔާބީ ހޯދާ، ކުރިއަށް އޮތްތަނުގައިވެސް ތަފާތު ދެއްކުމަށްކަމަށް ޖޯޖް ބުނެފައިވެއެވެ.

އުމުރުން 35 އަހަރުގައި ހިގުއިން ފުޓުބޯޅަ ކުޅުން ހުށްޓާލަން ނިންމާފައިވާކަން ހާމަކޮށްފައިވާއިރު އޭނާ ފުޓުބޯޅަ ސީނިއަރ ކެރިއަރު ފެށީ 2005 ވަނަ އަހަރު އާޖެންޓީނާގެ ރިވަރ ޕްލޭޓުންނެވެ. އެ ކުލަބުގައި ހޭދަކުރި ދެއަހަރުގެ ތެރޭގައި ހިގުއިން ވަނީ 38 މެޗު ކުޅެދީ 15 ލަނޑު ކާމިޔާބު ކޮށްދީފައެވެ.

އަދި 2007 ވަނަ އަހަރު ސެޕެއިންގެ ރެއާލް މެޑްރިޑަށް ބަދަލުވެ، އެކުލަބާއެކު ހޭދަކުރި ހަ އަހަރުގެ ތެރޭގައި ހިގުއިން ވަނީ 264 މެޗު ކުޅެދީ 121 ލަނޑު ކާމިޔާބު ކޮށްދީފައެވެ. އަދި ހިގުއިން ވަނީ ރެއާލް އާއިއެކު ތިން ފަހަރެއްގެ މަތިން ސްޕެނިޝް ލަލީގާ، ސްޕެނިޝް ސުޕަރ ކަޕް ދެފަހަރު އަދި ކޮޕާ ޑެލްރޭ އެއްފަހަރު ކާމިޔާބު ކޮށްފައެވެ.

ރެއާލް އަށްފަހު 2013 ވަނަ އަހަރު އިޓަލީގެ ނާޕޯލީ އަށް ބަދަލުވެ އެކުލަބާއެކުވެސް ހިގުއިން ވަނީ ކާމިޔާބީތަކެއް ހޯދާފައެވެ. އެގޮތުން އެކުލަބާއެކު އިޓާލިއަން ކަޕާއި އިޓާލިއަން ސުޕަރ ކަޕް ކާމިޔާބު ކޮށްފައިވެއެވެ. ނާޕޯލީގައި ތިން އަހަރު ހޭދަކުރިއިރު އެކުލަބަށް 146 މެޗު ކުޅެދީ 91 ލަނޑު ކާމިޔާބު ކޮށްދީފައިވެއެވެ.

އެއަށްފަހު 2016 ވަނަ އަހަރު ދެން ހިގުއިން ކުޅުނީ ޔުވެންޓަސް އަށެވެ. ޔުވެންޓަސްގެ ދާއިމީ ކޮންޓްރެކްޓުގައި ހުރެ ލޯނު އެއްބަސްވުމުގެ ދަށުން އޭނާ ވަނީ އޭސީ މިލާނަށާއި އިނގިރޭސި ޕްރިމިއަރ ލީގުގެ ޗެލްސީ އަށްވެސް ކުޅެދީފައެވެ. ޔުވެންޓަސް އަށް 149 މެޗު ކުޅެދީ 66 ލަނޑު ކާމިޔާބު ކޮށްދީފައިވެއެވެ. އަދި އޭސީ މިލާނަށް 22 މެޗުން އަށް ލަނޑު ކާމިޔާބު ކޮށްދިން އިރު، ޗެލްސީ އަށް ކުޅެދިން 18 މެޗުން ފަސް ލަނޑު ކާމިޔާބު ކޮށްދީފައިވެއެވެ.

ޔޫރަޕު ފުޓުބޯޅަ ދޫކޮށްލާ ހިގުއިން އެމެރިކާގެ އެމްއެލްއެސްގައި ކުޅޭ އިންޓަރ މަޔާމީ އަށް ބަދަލުވީ 2020 ވަނަ އަހަރުއެވެ. މިހާތަނަށް އެކުލަބަށް ކުޅެދިން 44 މެޗުން ހިގުއިން ވަނީ 15 ލަނޑު ކާމިޔާބު ކޮށްދީފައެވެ.

އާޖެންޓީނާގެ ގައުމީ ޓީމަށްވެސް ކުޅެފައިވާ ހިގުއިން ގައުމީ ޓީމަށް 75 މެޗު ކުޅެދީފައިވާއިރު 31 ލަނޑު ކާމިޔާބު ކޮށްދީފައިވެއެވެ. އަދި އާޖެންޓީނާ އިން 2014 ވަނަ އަހަރުގެ ފީފާ ވޯލްޑް ކަޕުގެ ރަނަރަޕް ކަން ހޯދިއިރު އެޓީމުގައި ހިގުއިން ހިމެނުނުއިރު، 2015 އަދި 2016 ވަނަ އަހަރުގެ ކޮޕާ އެމެރިކާގެ ރަނަރަޕް ކަން ހޯދި އާޖެންޓީނާގެ ސްކޮޑުގައިވެސް ހިގުއިން ހިމެނެއެވެ.