ދުނިޔޭގައި އެފަދަ ދެވަނައެއް ނެތް ފުޓުބޯޅަ ކުޅުންތެރިޔާ އަދި އެންމެ މަޝްހޫރު ޝަހުސިއްޔަތުންގެ ތެރޭގައި ހިމެނޭ ފުޓުބޯޅަ ކުޅުންތެރިޔާ ކްރިސްޓިއާނޯ ރޮނާލްޑޯ އަށްވުރެ އޭނާ މާ މަޝްހޫރު ކަމަށް، މީސްމީޑިއާ ސެލެބްރިޓީ ހަސްބުﷲ މަގޮމެޑޯވް ބުނެފިއެވެ.

ދިވެހިންގެ މެދުގައިވެސް ބޮޑު މަގްބޫލުކަމެއް ހޯދާފައިވާ ހަސްބުﷲ އަކީ މީސްމީޑިއާގެ އެކި ޕްލެޓްފޯމް ތަކުގައި މަޖާ އަދި ޝައުގުވެރި އެތައް ވީޑިއޯތަކެއް ހިއްސާ ކޮށްފައިވާ ސޯޝަލް މީޑިއާ އިންފްލުއެންސާ އެކެވެ.

މިކްސްޑް މާޝިއަލް އާޓްސް (އެމްއެމްއޭ) ފައިޓަރަކަށް ވުމުގެ ހުވަފެން ދެކެމުން އައި ހަސްބުﷲ ގެ މި ހުވަފެނުގައި ކުލަ ޖެހުމަށް ހުރަހަކަށްވީ، އުފެދުމުގައިވެސް ހުރި ބައްޔެއްގެ ސަަބަބުންނެވެ. "ޑްވާފިސަމް" ގެ ވައްތަރެއްގެ ގޮތުގައި ބެލެވޭ "އެކޮންޑްރޮޕްލާސިއާ" ނަމަކަށް ކިޔާ ބައްޔެއް ހަސްބުﷲ އަށް ޖެހިފައިވާއިރު މިކަމުގެ ސަބަބުން އޭނާ އުމުރާއި އެއްވަރަށް ހަށިގަނޑު ބޮޑެއް ނުވެއެވެ. އުމުރުން 18 އަހަރުގެ ހަސްބުﷲ ގެ އިސްކޮޅުގައި ހުންނަނީ 3 ފޫޓު 4 އިންޗިއެވެ. ބަރުދަނުގައި 18 ކިލޯގްރާމެވެ.

ރޮނާލްޑޯ އާއިމެދު ހަސްބުﷲ ހިތްހަމަ ނުޖެހިގެން އުޅެނީ، އޭނާގެ ވާދަވެރިޔާ އަބްދުލް ރާޒިގު އާއިއެކު ރޮނާލްޑޯ ފޮޓޯއެއް ނަގާ، މީސްމީޑިއާގައި އެ ފޮޓޯ ހިއްސާ ކުރުމުގެ ސަބަބުން ކަމަށް ބޭރުގެ މީޑިއާތަކުން ރިޕޯޓުކުރެއެވެ.

އަބްދުލް ރާޒިގް (ކ) އާއި ހަސްބުﷲ (ވ)

ރޮނާލްޑޯ އާއި ގުޅޭގޮތުން ހަސްބުﷲ ވާހަކަދައްކާފައިވަނީ، ރޮނާލްޑޯ އާއި އަބްދުލް ރާޒިގުގެ ބައްދަލުވުމާއި ގުޅޭގޮތުން އެމެރިކަން ފުޓުބޯޅަ ކުޅުންތެރިޔާ ކެލެބް ޕްރެސްލީ ސުވާލު ކުރުމުންނެވެ.

އަބްދުލް ރާޒިގް އާއިއެކު ރޮނާލްޑޯ ނަގާފައިވާ ފޮޓޯ

ހަސްބުﷲ ބުނީ، އަބްްދުލް ރާޒިގް ރޮނާލްޑޯ އާއި ބައްދަލުކުރުމުން އެކަމާ ދެރަވެ، ކަންބޮޑު ނުވާ ކަމަށާއި ރޮނާލްޑޯ އަށްވުރެ ހަސްބުﷲ އަކީ މާ މަޝްހޫރު ސެލެބްރިޓީ އެއް ކަމަށެވެ. އަދި ހަސްބުﷲ ވަނީ ރޮނާލްޑޯ ފުޓުބޯޅަ ކުޅޭ ސްޓައިލަށްވެސް ފާޑުކިޔާފައެވެ. ހަސްބުﷲ ވަނީ މީގެކުރިން ރޮނާލްޑޯގެ ފުޓުބޯޅަ ކުޅުމާއި ގުޅޭގޮތުން މަޝްހޫރު ފަރާތަކުން މިހާތަނަށް ބުނެފައި ނުވާ އެއްޗެއް ބުނެ ފާޑުކިޔާފައެވެ. އެގޮތުން ހަސްބުﷲ ބުނީ ދަނޑުމަތީގައި ރޮނާލްޑޯ ކުރާ ހަމައެކަނި ކަމަކީ ޓީމުގެ ކުޅުންތެރިންނަށް ބޯޅަ ޕާސް ކުރުން ކަމަށެވެ.

މަޖާ ވީޑިއޯ ކުޅެގެން މަޝްހޫރުކަން ހޯދާފައިވާ ހަސްބުﷲ މިފަދަ ވީޑިއޯތައް ޓިކްޓޮކާއި ޔޫޓިއުބް ފަދަ އޮންލައިން ޕްލެޓްފޯމް ތަކުގައި ޕޯސްޓުކުތަމުންދާތާ ކުޑަ ދުވަސްކޮޅެއްގެ ތެރޭގައި ގިނަ ބައެއްގެ ލޮލުގައި އޭނާ ވަނީ އަޅައިގެންފައެވެ. އެގޮތުން މިވަގުތު ދުނިޔޭގެ އެއްވަނަ އެމްއެމްއޭ ފައިޓަރު ޚަބީބް ނުރްމަގޮމެޑޮވް އާއި ފުޓުބޯޅައިގެ އެންމެ ވިދުންގަދަ އެއް ޒުވާންތަރި އާލިންގ ބްރައުޓް ހާލަންޑުވެސް ވަނީ އެ މީހުންނަކީ ހަސްބުﷲ ގެ "ފޭނުން" ކަމަށް ބުނެފައެވެ.

ރޮނާލްޑޯ އަށްވުރެ މަޝްހޫރު ކަމަށް ހަސްބުﷲ ބުނެފައިވާއިރު، ހަސްބުﷲ ގެ އިންސްޓަގްރާމް އެކައުންޓަށް 2.1 މިލިއަން މީހުން ފޮލޯ ކޮށްފައިވެއެވެ. ރޮނާލްޑޯގެ އިންސްޓަގްރާމް އެކައުންޓަށް ފޮލޯކުރަނީ 422 މިލިއަން މީހުން ފޮލޯ ކުރެއެވެ. ރޮނާލްޑޯގެ އެކައުންޓަކީ އިންސްޓަގްރާމުގައި އެންމެ ގިނަ ބަޔަކު ފޮލޯ ކުރާ އެކައުންޓެވެ.

ފޭސްބުކް އަށް ބަލާލާއިރު ހަސްބުﷲ ގެ ރަސްމީ ފޭސްބުކް ޕޭޖުކަމަށް ބެލެވޭ ޕޭޖަށް 116،000 މީހުން ފޮލޯ ކޮށްފައިވެއެވެ. ރޮނާލްޑޯގެ ވެރިފައިޑް ރަސްމީ ފޭސްބުކް ޕޭޖަށް 151 މިލިއަން މީހުން ފޮލޯ ކުރެއެވެ.