ހަތް ރަށެއްގައި 30 އެނދުގެ ހޮސްޕިޓަލެއް އަޅައި ދޭނެ ބަޔަކު ހޯދަން ފިނޭންސް މިނިސްޓްރީން އިއުލާނުކޮށްފިއެވެ.

ފިނޭންސް މިނިސްޓްރީން ބުނި ގޮތުގައި ކުވެއިތް ފަންޑް ފޯރ އަރަބް އިކޮނޮމިކް ޑިވެލޮޕްމަންޓް (ކޭއެފްއޭއީޑީ) ގެ އެހީގައި 30 އެނދުގެ ހޮސްޕިޓަލްތަކެއް އަޅައިދޭނެ ބަޔަކު ހޯދަން ބޭނުންވާ ކަމަށެވެ.

ހޮސްޕިޓަލް އަޅަން ނިންމާފައިވާ ރަށްތަކަކީ ހދ. ހަނިމާދޫ، ށ. މިލަންދޫ، ނ. ވެލިދޫ، ކ. ތުލުސްދޫ، ގއ. މާމިގިލި، އަދި ތ. ވިލުފުއްޓެވެ.

އެ މަސައްކަތަށް ބިޑު ހުށަހެޅުމުގެ ފުރުސަތު އެކަމަށް ޝަރުތު ހަމަވާ ފަރާތްތަކަށް ހުޅުވާލާ ކަމަށާއި އެ ބީލަމުގައި ބައިވެރިވެވޭނީ އިމާރާތްކުރުމުގެ އަމަލީ މަސައްކަތްކުރާ ފަރާތްތަކުގެ ގަވާއިދުގެ މަތިން ރަޖިސްޓަރީވެ ޝަރުތު ހަމަވާ ފަރާތްތަކަށް ކަމަށް ވެސް މިނިސްޓަރީގެ އިއުލާނުގައި ވެއެވެ.

ފިނޭންސް މިނިސްޓްރީން ބުނީ އެ މަސައްކަތް ކުރުމަށް ޝަރުތުހަމަވާ ފަރާތެއް ހޯދުމުގެ ކަންތައް ކުރިޔަށް ގެންދެވޭނީ އިންޓަނޭޝަނަލް ކޮމްޕެޓިޓިވް ބިޑިން (އައިސީބީ) އުސޫލުގެ މަތިން ކަމަށެވެ.

ބީލަން ހުށަހަޅާއިރު ބިޑް ސެކިޔުރިޓީގެ ގޮތުގައި 35000 ޑޮލަރު ހުށަހަޅަން ޖެހޭނެ ކަމަށާއި ބިޑް ސެކިޔުރިޓީގެ މުއްދަތަކީ ބިޑު ހުޅުވާ ތާރީހުން ފެށިގެން 28 ދުވަސް ކަމަށް ވެސް އިއުލާނުގައި ބުނެފައިވެއެވެ.

މިކަމާ ގުޅޭގޮތުން ފިނޭންސް މިނިސްޓަރު އިބްރާހިމް އަމީރު ކުރި ޓްވިޓްގައި ވަނީ ސަރުކާރުން ސިއްހީ ދާއިރާ ތަރައްގީ ކުރުމަށް ކުުރާ މަސައްކަތުގެ ތެރެއިން 7 ރަށެއްގައި 30 އެނދުގެ ހޮސްޕިޓަލް އެޅުމުގެ މަސައްކަތް ކުރަމުންދާ ކަމަށެވެ.

އަދި އިއުލާނުގައި ހިމަނާފައިވާ ރަށްތަކުގެ އިތުރުން ގދ. ތިނަދޫ, ޏ. ފުއައްމުލައް, ހދ. ކުޅުދުއްފުށި, އއ. ރަސްދޫ މިހާރު ހަދަމުންދާ ހޮސްޕިޓަލްގެ ޑިޒައިން މަސައްކަތް ނިމުމުން ޓެންޑާ އިއުލާން ކުރެވޭނެ ކަމަށް ވިދާޅުވިއެވެ.

މީގެ ކުރިން ހެލްތް މިނިސްޓަރު އަހުމަދު ނަސީމް ވިދާޅުވީ 30 އަދި 50 އެނދުގެ ހޮސްޕިޓަލްތަކާއި ޓާޝިއަރީ ހޮސްޕިޓަލްތައް ހިމެނޭ ކަމަށެވެ. އަދި އޭގެ ކުރީގައި ރާއްޖޭގެ އެކި ހިސާބުތަކުގައި ހުންނާނެ ހޮސްޕިޓަލްތަކުގެ ފަރުމާތަކެއްވެސް ސަރުކާރުން އާއްމު ކުރިއެވެ.