މާލެ އަތޮޅު ކާށިދޫގައި އެއާޕޯޓެއް އެޅުމަކީ ބޭނުންތެރި ކަމެއް ނޫންކަމަށް ޕްލޭނިން މިނިސްޓަރު މުހައްމަދު އަސްލަމް ވިދާޅުވެއްޖެއެވެ.

އެމަނިކުފާނު މިހެން ވިދާޅުވީ، 19 ވަނަ ރައްޔިތުންގެ މަޖިލީހުގެ މިއަދުގެ ޖަލްސާގައި ކާށިދޫ ދާއިރާގެ މެމްބަރު އަބްދުﷲ ޖާބިރު ކުރެއްވި ސުވާލަކަށް ޖަވާބުދެއްވަމުންނެވެ.

ކާށިދޫގައި އެއާޕޯޓެއް އެޅުމަކީ ޖާބިރުގެ ވައުދުފުޅެކެވެ.

އެ އެއާޕޯޓް ތަރައްގީކުރާނެ ގޮތުގެ ޕްރޮޕޯސަލްގައިވާ ގޮތުން އެއާޕޯޓުގެ ރަންވޭ ގެ ދިގުމިނުގައި 1320 މީޓަރު ހުންނާނެއެވެ. އަދި ފުޅާމިނުގައި 30 މީޓަރު ހުންނައިރު، 60 މީޓަރުގެ ޓެކްސީވޭ އަކާއި 45 މީޓަރުގެ އޭޕްރަން އެއް ޤާއިމްކުރުމަށް ނިންމާފައި ވެއެވެ. އެ އެއާޕޯޓަށް ކިޔަން ނިންމާފައި އޮތީ "ޖާބިރު އެއާޕޯޓު"އެވެ.

މިނިސްޓަރު އަސްލަމް ވިދާޅުވީ ކާށިދޫއަކީ ވަކިން އޮންނަ ރަށަކަށް ވާތީ ކާށިދޫގައި އެއާޕޯޓެއް އަޅަން ޖެހޭތޯ ނުވަތަ ނޫންތޯ ސުވާލުކޮށްލެވިދާނެ ކަމަށެވެ.

މިނިސްޓަރު ވިދާޅުވީ، އެ ރަަށަށް އަންނަ ތަރައްގީއާއެކު ޓްރެފިކް އިތުރުވެގެންދާނެ ކަމަށެވެ. އެ ހިސާބުން މާލެ އިން ފުރައިގެން ކާށިދޫ އަށް މަތިންދާ ބޯޓަކުންތޯ ދެވޭނެ ގޮތް ހަމަޖެއްސުމާއި ގުޅޭ ގޮތުން ވިސްނިދާނެ ކަމަށެވެ.

ނަމަވެސް، މި ވަގުތު ކާށިދޫގައި އެއާޕޯޓެއް އެޅުމަކީ ފީޒިބަލް ކަމެއް ނޫން ކަމަށް ވެސް އަސްލަމް ވިދާޅުވިއެވެ.

ކާށިދޫގައި އެއާޕޯޓެއް އެޅުމަށް ބޭނުންވާ ފައިސާ ބަޖެޓުގައި ހިމަނައިދިނުމަށް އެދި މީގެ ކުރިން މެންބަރު އަބްދުﷲ ޖާބިރު، ރައީސް އިބްރާހިމް މުހައްމަަދު ސޯލިހަށް ސިޓީއެއް ވެސް ފޮނުއްވެވިއެވެ.

މީގެ އިތުރުން އޯޑީއޯ މެސެޖެއް ފޮނުއްވައި ކާށިދޫގައި އެއާޕޯޓެއް އެޅޭނެ ގޮތް ހައްދަވައިދޭން ޕްލޭނިން މިނިސްޓަރު މުހައްމަދު އަސްލަމަށް ދެންނެވިއެވެ.