ކޮންމެފަދަ ހާލަތެއް މެދުވެރިވިޔަސް ސްރީލަންކާގެ ރައީސް ގޮޓަބާޔަ ރާޖަޕަކްސް އިސްތިއުފާ ނުދެއްވާނެކަމަށް ސަރުކާރުން ޕާލަމެންޓަށް އަންގައިފިއެވެ.
ރައީސްގެ ފަރާތްޕުޅުން މިކަން ޕާލަމެންޓަށް އެންގެވީ، ސަރުކާރުގެ ޗީފް ވިޕް ޖޯންސްޓަން ފަރނާންޑޯއެވެ.
މިއަދު ބޭއްވި ޕާލަމެންޓް ސެޝަންގެ ފުރަތަމަ ދަންފަޅީގައި ވާހަކަ ދައްކަވަމުން ޗީފް ވިޕް އަދި ކުރީގެ މިނިސްޓަރ ޖޯންސްޓަން ފަރނާންޑޯ ވަނީ، ސްރީލަންކާގެ ރައީސްކަމަށް ގޮޓަބާޔަ ރާޖަޕަކްސަ ވަޑައިގެންނެވީ 6.9 މިލިއަން ރައްޔިތުންގެ ވޯޓުންކަން ފާހަގަ ކުރައްވާފައެވެ.
ސްރީލަންކާގެ އާބާދީއަކީ 22 މިލިއަނެވެ.
ކޮންމެފަދަ ހާލަތެއް މެދުވެރިވިޔަސް، ޒިންމާދާރު ސަރުކާރެއްގެ ހައިސިއްޔަތުން، ރައީސް ގޮޓަބާޔަ ރާޖަޕަކްސަ މަގާމުން އިސްތިއުފާ ނުދެއްވާނެކަމަށް ފަރނާންޑޯ ވިދާޅުވިއެވެ.
ގައުމަށް ދިމާވެފައިވާ ހާލަތާ ސަރުކާރުން ކުރިމަތިލާނޭ ކަމަށްވެސް ވިދާޅުވިއެވެ.
ސަރުކާރުގެ ޗީފް ވިޕް ޖަލްސާގައި މިމޭރުމުން ވާހަކަ ދެއްކެވިއިރު، މިއަދުގެ ޖަލްސާގައި އިދިކޮޅު ޕާޓީއެއް ކަމަށްވާ އެސްޖޭބީގެ މެމްބަރުންވަނީ ބޯޑުތައް ހިފައިގެން މުޒާހަރާކޮށް އަޑުގަދަކޮށް ރައީސްގެ އިސްތިއުފާއަށް ގޮވާފައެވެ.
ޕާލަމެންޓް ޖަލްސާގައި އެސްޖޭބީގެ މެމްބަރުން ރައީސްގެ އިސްތިއުފާއަށް ގޮވައި އަޑުގަދަ ކުރަން ފެށުމުން، އެ މެމްބަރުންނާއި، ސަރުކާރުގެ ވިޕް ފަރނާންޑޯއާ ދެމެދު ޒުވާބު ހޫނުވެ ޖަލްސާ 10 މިނެޓަށް މެދުކަނޑާލަން ޖެހުނެވެ.
ސްރީލަންކާގެ ރައީސް ގޮޓަބާޔަ ރާޖަޕަކްސަ ރޭގައިވަނީ، 1 އޭޕްރީލްއިން ފެށިގެން އެގައުމުގައި ހިންގަވާފައިވާ ކުއްލި ނުރައްކަލުގެ ހާލަތު އުވާލައްވާފައެވެ.
އެކަމަކު، މިއަދުގެ ޖަލްސާގައި އިދިކޮޅު ލީޑަރު ސާޖިތު ޕްރެމަދާސާވަނީ، ގައުމީ ސަލާމަތަށް އެއްވެސް ނުރައްކަލެއް ނެތް ވަގުތެއްގައި، ކުއްލި ނުރައްކަލުގެ ހާލަތު ހިންގައި، ކާފިއު ހިންގައި އަދި ސޯޝަލް މީޑިއާ ބްލޮކުރަން ސަރުކާރަށް ޖެހުނު ސަބަބާމެދު ސުވާލު ކުރައްވާފައެވެ.
މިސުވާލުތަކަށް ސަރުކާރުން ފުރިހަމައަށް ޖަވާބުދާރީ ވުމަށްވެސް ޕްރެމަދާސާވަނި ސަރުކާރަށް ގޮވާލައްވާފައެވެ.