ވެތުވެދިޔަ 24 ގަޑިއިރުގެ ތެރޭގައި ޗައިނާއިން 20،000 މީހުން ކޮވިޑަށް އަލަށް ޕޮޒިޓިވް ވެއްޖެއެވެ.

މިއީ، ކޮވިޑްބަލި ފެނުނުފަހުން ޗައިނާއިން މިހާތަނަށް އެއްދުވަހެއްގައި އެންމެ ގިނަ އަދަދެއްގެ މީހުން ޕޮޒިޓިވްވި ފުރަތަމަ ފަހަރެވެ.

ކޮވިޑްބަލި ހަލުވިކަމާއެކު ފެތުރޭން ފެށުމުން ޗައިނާ ސަރުކާރުން މިހާރުވެސްވަނީ، ޗައިނާގެ އެންމެ ބޮޑު ސިޓީ ކަމަށް ޝަންހާއީ ލޮކްޑައުން ކޮށްފައެވެ. 25 މިލިއަން މީހުންގެ އާބާދީއެއް ހިމެނޭ ޝަންހާއީގައި އާންމުން ގެއިން ބޭރަށް ނުކުތުންވަނީ މަނާކޮށްފައެވެ.

ޗައިނާ ސަރުކާރުގެ ޓީމުތަކުން ގެންދަނީ ޝަންހާއީގެ ރައްޔިތުން ކޮވިޑަށް ޓެސްޓްކުރުމުގެ މަސައްކަތް މެދުނުކެނޑި ކުރަމުންނެވެ. އަދި ބަލި ފެތުރުން ހުއްޓުވަން ހަރުކަށި އެތައް ފިޔަވަޅުތަކެއްވެސް ގެންދަނީ އަޅަމުންނެވެ.

މިދިޔަ މާޗްމަހާ ހަމައަށް ޗައިނާއިން ގެންދިޔައީ ކޮވިޑް ކޭސްތައް އިތުރުވިޔަނުދީ ވަރަށް ބޮޑަށް ހިފަހައްޓަވަމުންނެވެ.

އެއްފަހަރާ ގިނަ ބަޔަކު ޓެސްޓް ކުރުމާއި، ލޮކްޑައުންއާ އެއްފަދަ ފިޔަވަޅުތައް އަޅައިގެންނާއި، ޗައިނާގެ ރައްޔިތުން ބޭރު ގައުމުތަކަށް ދަތުރުކުރުމަށް ހަރުކަށި އުސޫލުތަކެއް ތައާރަފްކޮށްފައި އޮތީވެސް ކޭސްތައް އިތުރުވިޔަ ނުދިނުމަށެވެ.

އެކަމަކު، ވޭތުވެދިޔަ ހަފްތާތަކުގައި ކޮންމެ ދުވަހަކު އަލަށް ޕޮޒިޓިވްވާ މީހުންގެ އަދަދުތައް ހާހުން މައްޗަށް ވަނީ ގޮސްފައެވެ.

ޗައިނާ ސަރުކާރުގެ އޮފިޝަލުން ވިދާޅުވީ، ކުއްލިއަކަށް ކޮވިޑް ކޭސްތައް މައްޗަށް ދާންފެށީ، ހަލުވިކަމާއެކު ބަލި ފަތުރާ އޮމިކްރޮން ވޭރިއެންޓުގެ މިއުޓޭޝަނެއްގެ ސަބަބުން ކަމަށެވެ.

މިކަމާހެދި ޝަންހާއީ ފުލް ލޮކްޑައުންއަކަށް ގޮސްފައިވަނީ މިދިޔަ ހަފްތާގައެވެ.

ޗައިނާގެ ނޭޝަނަލް ހެލްތު ކޮމިޝަނުން ބުނެފައިވަނީ، ޝަންހާއީގެ ހާލަތު ވަރަށް ގޯސް ކަމަށެވެ. އެ ސިޓީގައި ކޮވިޑްބަލި އުޅެނީ އަދިވެސް އެންމެ ޕީކްގައި ކަމަށްވެސް ބުނެފައި ވެއެވެ.

ކަމާބެހޭ ފަރާތްތަކުން މިއަދުވަނީ، އެ ސިޓީގެ މުޅި އާބާދީ ޓެސްޓްކުރަން ފަށާފައެވެ.

އެކަމަކު، ތަޒާ މޭވާއާއި ކާބޯތަކެތި ގަންނަން ނުލިބޭތީ އާންމުންގެ ރުޅިވެސް އިންތިހާއަށް ވަނީ މައްޗަށް ގޮސްފައެވެ. ފިހާރަތަކުންވެސް ހުސްވެފައިވާތީ އޮންލައިންކޮށްވެސް ގަންނަން ނުލިބި މީހުންގެ ރުޅި ސޯޝަލް މީޑިއާއަށް ބަންޑުން ކުރަމުން އެބަގެންދެއެވެ.