ކަނޑުމަގުން ރާއްޖެއަށް އެތެރެކުރި 130 ކިލޯގެ މަސްތުވާތަކެއްޗާއެކު ހައްޔަރުކުރި މީހުންގެ ތެރެއިން އެކަމުގައި އިސްކޮށް ހަރަކާތްތެރިވި ދެމީހުން ބޭސްފަރުވާއަށް ދޫކޮށްލައިފިއެވެ.
މި މައްސަލައާއި ގުޅިގެން ހަތް މީހެއްގެ މައްޗަށް ދައުވާ އުފުލާފައިވާއިރު، އެކަމުގައި އެންމެ އިސްކޮށް ހަރަކާތްތެރިވި މީހުންގެ ގޮތުގައި ފުލުހުން ތުހުމަތު ކުރަނީ ގއ. ވިލިނގިލި ލައިޓް ހައުސް، ޝަހީބް އިބްރާހީމް އާއި ހއ. ހޯރަފުށި، ވައިލެޓްވިލާ، އަހުމަދު މޫސާ އަށެވެ.
މި ދެ މީހުންގެ މައްޗަށް ދައުލަތުން އުފުލާފައި ވަނީ މަސްތުވާއެއްޗެއް ރާއްޖެއަށް އެތެރެކުރުމުގެ ކުށުގެ ދައުވާއާއި، މަސްތުވާއެއްޗެއް ޓްރެފިކްކުރުމުގެ ކުށުގެ ދައުވާގެ އިތުރުން ޑައިމޯފިން ޓްރެފިކްކުރުމުގެ ކުށުގެ ދައުވާއެވެ.
ކްރިމިނަލް ކޯޓުގައި މިއަދު އޮތް އަޑުއެހުމުގައި، ޝަރީއަތުގެ ކުރިން ހުށަހަޅާ ހުށެހެޅުންތައް ކުރިއަށް ގެންގޮސްފައިވާއިރު، ޝަހީބާއި އަހްމަދު މޫސާގެ ބޭސްފަރުވާއަށް ރިއާޔަތްކޮށް ބަންދު މުރާޖައާކޮށްދިނުމަށް ދެމީހުންގެ ފަރާތުން ވަނީ ހުށަހަޅާފައެވެ.
އެގޮތުން، ޝަހީބުގެ ދިފާއީ ވަކީލު ވަނީ އޭނާގެ ނަފްސާނީ މައްސަލަތަކާއި ކަށީގެ މައްސަލަތައް ހުރިކަން ފާހަގަކޮށް، އޭނާގެ މައިބަދައިގެ ދެ ޑިސްކު ގުޑާފައިވާއިރު އެކަމަށް ފަރުވާ ނުލިބޭ ކަމަށާއި، ޑޮކްޓަރުން ދިން ލަފައާ އެއްގޮތަށް އޭނާއަށް ކައުންސެލިން ދެމުން ނުދާކަމަށް ބުނެފައެވެ.
އަދި، އަހުމަދު މޫސާގެ ނޭވާލާ ނިޒާމުގައި މައްސަލަތަކެއް ދިމާވެފައިވާ ކަމަށާއި، އެކަމާ ގުޅިގެން ހަދަން ޖެހޭ ޓެސްޓުތައް ވެސް މިހާތަނަށް ހެދިފައި ނެތްކަމަށް އޭނާގެ ދިފާއީ ވަކީލް ވަނީ ބުނެފައެވެ. އެކަމާއި ގުޅިގެން ދައުލަތާއި ސުވާލުކުރުމުން ދައުލަތުން ވެސް ވަނީ އަހްމަދު މޫސާ ހަދަން ޖެހިފައި ހުރި ޓެސްޓްތައް ނުހެދި ހުރި ކަމަށާއި، ޝަހީބް އަށް ލިބެންޖެހޭ ކައުންސެލިން ފޯރުކޮށްދެމުން ނުދާކަން ފާހަގަކޮށްފައެވެ.
ދެފަރާތުގެ ވާހަކަތަކަށް ރިއާޔަތްކޮށް މައްސަލަ ބައްލަވާ ގާޟީ ވަނީ، ރާއްޖޭން ބޭރަށް ފުރުން މަނާކޮށް، ދެމަސް ދުވަހުގެ މުއްދަތަށް އެމީހުން ދޫކޮށްލާފައެވެ.
ރާއްޖެއަށް ކަނޑުމަގުން ގިނަ އަދަދެއްގެ މަސްތުވާތަކެތި އެތެރެކުރަން އުޅޭ ކަމަށް ފުލުހުންގެ އިންޓެލިޖެންސަށް ލިބުނު މައުލޫމާތަކާއި ގުޅިގެން މި މައްސަލައިގައި ހަތް މީހަކު ހައްޔަރުކުރީ 2019 ވަނަ އަހަރުއެވެ. މިމައްސަލާގައި މީގެ ކުރިން ޝަހީބު ދޫކުރި ނަމަވެސް ފަހުން އޭނާ އާއި އަހުމަދު މޫސާ ވަނީ ޝަރީއަތް ނިމެންދެން ބަންދު ކޮށްފައެވެ.