ރަމަޟާން މަހަށް ހާއްސަކޮށް ފުޓުބޯޅަ އެސޯސިއޭޝަން އޮފް މޯލްޑިވްސް (އެފްއޭއެމް) އިން އިންތިޒާމު ކޮށްގެން ބާއްވާ، މައިލޯ އެފްއޭއެމް ވެޓެރަންސް ލީގު 2022 ގައި ކުޅުނު ތިންވަނަ މެޗުގައި މޯލްޑިވްސް ސޮކަރ މޭޓްސް އިން ޕޮލިސް ކުލަބުގެ މައްޗަށް ކުރިހޯދައިފިއެވެ.

އެފްއޭއެމް އެއް ނަމްބަރު ޓާފް ދަނޑުގައި ކުޅުނު މިމެޗު ސޮކަރ މޭޓްސް އިން ކާމިޔާބު ކުރީ 1-3 ގެ ނަތީޖާއަކުންނެވެ.

މުބާރާތަށް ސޮކާ މޭޓްސް ނުކުތީ ރާއްޖޭގެ ފުޓުބޯޅައިގައި ރަން ތާރީހެއް އޮތް ކުޅުންތެރިންތަކެއް ހިމެނޭ ވަރުގަދަ ސްކޮޑަކާއި އެކުއެވެ.

މެޗު ފެށިގެންވެސް ފާސްޓު އެޓޭކިންގ ގޭމެއް ކުޅެމުންދިޔަ ސޮކަރ މޭޓްސް އުންވަނީ ފުރަތަމަ ހާފުގެ 20 ވަނަ މިނެޓުގައި ލަނޑެއްޖަހާ ލީޑު ނަގާފައެވެ. މިލަނޑު އެޓީމަށް ކާމިޔާބު ކޮށްދިނީ، 2008 ވަނަ އަހަރު ރާއްޖެއިން ސާފް ޗެމްޕިއަންޝިޕްގެ ތަށި އުފުލާލިއިރު، ފައިނަލް މެޗުގައި އިންޑިއާ ކޮޅަށް ލަނޑު ޖަހައިދިން މުހުތާރް ނަސީރު (ޓޫކިލޯ) އެވެ. މިއީ ޕޮލިހުގެ ކީޕަރު ކައިރިން ނަށްޓާލުމަށްފަހު ޓޫކިލޯ ކާމިޔާބު ކޮށްދިން ލަނޑެކެވެ.

އޭގެ ފަސް މިނެޓުފަހުން ސޮކާ މޭޓްސް އިންވަނީ އިތުރު ލަނޑެއްޖަހާ ލީޑު ފުޅާކޮށްފައެވެ. މިއީއަހުމަދު ސައީދު (އައްމަޓީ) ނެގި ހިލޭ ޖެހުމަކުން އެ ޓީމުގެ މުހައްމަދު ފައިސަލް (ކަޓޭ) ބޮލުން ޖެހި ބޯޅަ ދަނޑީގައި ޖެހިފައި ރިބައުންސް ވެގެން އައި ބޯޅަ ގޯލުގެ ތެރެއަށް ވައްދާލައިގެން އަހުމަދު ނަސީމް (އައްމަޑޭ) ކާމިޔާބުކޮށްދިން ލަނޑެކެވެ.

ޕޮލިސް ކުލަބުން ވަނީ ފުރަތަމަ ހާފު ނިމުމުގެ ކުރިން ލަނޑެއްޖަހާ މެޗުގައި ފަރަގު ކުޑަކޮށްފައެވެ. 40 ވަނަ މިނެޓުގައި މިލަނޑު އެޓީމަށް ކާމިޔާބު ކޮށްދިނީ ނަސްރުﷲ އެވެ.

ފަރަގު ކުޑަކުރެވުމާއެކު ޕޮލިހުން މެޗުގައި ޕޮއިންޓެއް ހޯދިދާނެ ކަމުގެ އުންމީދުގައި ކުޅެމުން ދަނިކޮށް ސޮކާ މޭޓްސް އިންވަނީ މެޗުގައި ތިންވަނަ ލަނޑެއްޖަހާ އަނެއްކާވެސް ލީޑުފުޅާކޮށްފައެވެ ޕޮލިހުން ލަނޑުޖެހިތާ ފަސްމިނެޓުފަހުން ސޮކާ މޭޓްސް އަށް މިލަނޑު ކާމިޔާބު ކޮށްދިނީ އިސްމާއިލް އަނިލް އެވެ.

މި މުބާރާތުގައި އެންމެ ވަރުގަދަ ސްކޮޑެއް އޮތް ކަމަށް ބެލެވޭ ސޮކާ މޭޓްސް ޓީމުގައި ޓޫކިލޯގެ އިތުރުން ރާއްޖޭގެ ގޯލްޑަން ޓީމުގައި ހިމެނޭ ކުޅުންތެރިންތަކެއް ހިމެނެއެވެ. އެގޮތުން 2008 ވަނަ އަހަރުގެ ރަން ކާމިޔާބީ ހޯދި ގައުމީ ޓީމުގެ ކެޕްޓަން އައްސަދު އަބްދުލްޣަނީ އާއި ހަމަ އެޓީމުގައި ހިމެނޭ އިތުބާރު ޑިފެންޑަރު އަހުމަދު ސައީދު (އައްމަޓީ) ވެސް ސޮކާ މޭޓްސް އަށް މި މުބާރާތުގައި ކުޅެއެވެ.

މެދުކެނޑުމަކަށްފަހު ކުޅޭ މި ފޯރިގަދަ މުބާރާތުގެ މިފަހަރުގެ މުބާރާތުގައި ޖުމްލަ ހަތް ޓީމެއް ވާދަކުރެއެވެ. އެއީ މޯލްޑިވްސް ސޮކާ މޭޓްސް އާއި ޕޮލިސް ކުލަބުގެ އިތުރުން، ޑަ ގްރާންޑޭ އަމީގޯސް ނިއު ޖެނެރޭޝަން ސްޕޯޓްސް ކުލަބު (ޑީޖީއެސްސީ) އާއި ދިވެހި ސިފައިންގެ ކުލަބު އަދި ހުޅުމާލެ ވެޓެރަންސް އާއި ގްރީން ސްޓްރީޓްސް އަދި އީގަލްސް ވެޓެރަންސް އެވެ.

މުބާރާތުގައި މާދަމާ ހަވީރު އޮންނާނީ ހުޅުމާލެ ވެޓެރަންސް އާއި ކްލަބް އީގަލްސް ކުޅޭ މެޗެވެ. މުބާރާތުގެ ފުރަތަމަ މެޗުގައިވެސް ކުޅުނީ މި ދެޓީމެވެ. އެމެޗުގައި ހުޅުމާލެ ވެޓެރަންސް އިން ވަނީ އީގަލްސްގެ މައްޗަށް ކުރިހޯދާފައެވެ.