އަލްއުސްތާޛު އިބްރާހީމް ޝިހާބުގެ ހަނދާނީ ވާދައިގެ ތަށްޓަށް ބާއްވާ 35 ވަނަ ވާހަކަދެއްކުމުގެ ގައުމީ މުބާރާތުގައި ބައިވެރިވުމުގެ ފުރުސަތު ދިވެހި ބަހުގެ އެކެޑަމީން ހުޅުވާލައިފިއެވެ.

ވާހަކަދެއްކުމުގެ 35 ވަނަ ގައުމީ މުބާރާތުގައި ބައިވެރިވާން ޝައުގުވެރިވާ ފަރާތްތަކުން، އެކަމަށް އެދި ހުށަހެޅުމުގެ ފުރުސަތު މިމަހުގެ 17 ވަނަ ދުވަހުގެ ނިޔަލަށް ވަނީ ހުޅުވާލާފައެވެ. ބައިވެރިވުމަށް ހުށަހަޅަންޖެހޭނީ އެކަމަށް ހާއްސަކޮށްފައިވާ ގޫގަލް ފޯމެއް މެދުވެރިކޮށް އޮންލައިންކޮށް ކަަމަށް އެކެޑަމީން މައުލޫމާތުދެއެވެ.

މުބާރާތުގައި ވާހަކަދެއްކުމަށް ކަނޑައަޅާފައިވާ ދާއިރާތަކަށް ބަލާއިރު، ދަށު ސާނަވީ އުމުރުފުރާގެ ބަޔަށް ހާއްސަކޮށްފައިވަނީ ދިވެހިބަހާއި އަދަބިއްޔާތު، ގައުމީ ލޯބި، ތާރީހާއި ތަރިކަ، ރާއްޖެ، މި 4 ދާއިރާއިން ގުޅުން ހުރި މައުޟޫއުތަކަށެވެ. އަދި ސާނަވީ އުމުރުފުރާއާއި އަމިއްލަ ފަރާތްތަކުގެ ބައިން 18 އަހަރުން ދަށުގެ އުމުރުފުރާގެ ބަޔަށް ހާއްސަކޮށްފައިވަނީ ދިވެހިބަހާއި އަދަބިއްޔާތު، ތާރީހާއި ތަރިކަ، އިގްތިސާދު، އަދި އިޖްތިމާއީ ވެއްޓާގުޅުންހުރި މައުޟޫއުތަކެވެ.

މީގެ އިތުރުން މަތީ ސާނަވީ އުމުރުފުރާއާއި، އަމިއްލަ ފަރާތްތަކުގެ ބައިގައި ހިމެނޭ 18 އަހަރުން މަތީގެ އުމުރުފުރާއަށް ވާހަކަދެއްކުމަށް ކަނޑައެޅިފައިވަނީ ދިވެހިބަހާއި އަދަބިއްޔާތާއި، ބަވަނަވުން، ތާރީހާއި ތަރިކަ އަދި އަދުގެ ދުނިޔެ، މިދާއިރާތަކާއި ގުޅުންހުރި މައުޟޫއުތަކަށެވެ.

މި މުބާރާތުގެ ވަކިވަކި ދާއިރާތަކުގެ ގަވާއިދުތަކާއި، ވާހަކަދައްކަންޖެހޭ ދާއިރާތަކުގެ ތަފްސީލު ދިވެހިބަހުގެ އެކެޑަމީގެ ވެބްސައިޓުގައި އާއްމުކޮށްފައިކަމަށް އެ އެކެޑަމީން ބުންޏެވެ. އަދި މުބާރާތުގެ ދާއިރާތަކުން ވާހަކަދައްކާނެ މައުޟޫއުތައް މުބާރާތް ފެށުމުގެ މަދުވެގެން 7 ދުވަސް ކުރިން އެކަޑަމީގެ ވެބްސައިޓުން ލިބެން ހުންނާނެކަމަށްވެސް ދިވެހިބަހުގެ އެކެޑަމީން ބުނެއެވެ.

ވާހަކަދެއްކުމުގެ 35 ވަނަ ގައުމީ މުބާރާތުގައި ހިމެނޭ އޮފީސް، ކުންފުނި، ކުލަބު، ޖަމްއިއްޔާ ޖަމާއަތްތަކުގެ ބައި ކުރިއަށްގެންދިއުމަށް ހަމަޖެހިފައިވަނީ ބަހުސް މުބާރާތެއްގެގޮތުގައެވެ. ވާހަކަދެއްކުމުގެ ގައުމީ މުބާރާތް ކުރިއަށްދާނީ ސާނަވީ ގިންތި ފިޔަވާ ދެންހުރި ބައިތައް މޭ 9 އިން 23 އަށެވެ. އަދި ސާނަވީ ގިންތީގެ ބައި އޮންނާނީ ޖޫން 22 އިން 30 އަށެވެ.