ފަނޑިޔާރުންނާއި، ފަނޑިޔާރުކަން ކުރެއްވި ބޭފުޅުންނަށް ހެލްތު އިންޝުއަރެންސްގެ ޚިދްމަތް ފޯރުކޮށްދޭނެ ފަރާތެއް ހޯދުމަށް، ފިނޭންސް މިނިސްޓްރީން ބީލަމަށް ހުޅުވާލައިފިއެވެ.

ފިނޭންސް މިނިސްޓްރީން ކޮށްފައިވާ އިއުލާނެއްގައި ބުނެފައިވަނީ، ޑިޕާޓްމަންޓް އޮފް ޖުޑީޝަލް އެޑްމިނިސްޓްރޭޝަންގެ އެދިލެއްވުމުގެ މަތިން ފަނޑިޔާރުންނާއި، ފަނޑިޔާރުކަން ކުރެއްވި ބޭފުޅުންނާއި، އެބޭފުޅުންގެ ޑިޕެންޑެންޓުން އަދި މައިން ބަފައިންނަށް ހެލްތު އިންޝުއަރެންސްގެ ޚިދްމަތް ފޯރުކޮށްދޭނެ ފަރާތެއް ހޯދަން ބޭނުންވާތީ، މިޚިދުމަތަށް ބިޑު ހުށަހެޅުމުގެ ފުރުސަތު ހުޅުވާލާފައިވާކަމަށެވެ.

މި މަސައްކަތްތަކަށް ޝަރުތުހަމަވާ ފަރާތެއް ހޯދުމުގެ ކަންތައް ކުރިޔަށް ގެންދާނީ، ނޭޝަނަލް ކޮމްޕެޓިޓިވް ބިޑިންގ (އެން.ސީ.ބީ) އުސޫލުގެ މަތިންކަމަށް މިނިސްްރީން ބުނެއެވެ. މިކަމަށް ކުރިމަތިލާ ފަރާތްތަކުގައި ހުންނަންޖެހޭ ޝަރުޠުތަކާއި އިވެލުއޭޓްކުރެވޭ ކްރައިޓީރިއާ ބީލަން ފޮތުގައި ވަނީ ބަޔާންކޮށްފައެވެ.

ބީލަމުގައި ބައިވެރިވުމަށް  500 ރުފިޔާ ގެ ނޮން-ރިފަންޑަބަލް ރަޖިސްޓްރޭޝަން ފީއެއް ދައްކަންޖެހޭނެއެވެ. ފައިސާ ބަލައިގަންނާނީ 07 އެޕްރީލް އިން  19 އެޕްރީލް އަށްބަންދު ނޫން ކޮންމެ ދުވަހެއްގެ 9:00 އިން 13:00އަށް، ފިނޭންސް މިނިސްޓްރީގެ އޮންލައިން ޕޭމަންޓް ޕޯޓަލް، ބަނޑޭރި ޕޭ މެދުވެރި ކޮށެވެ.

ޕްރޮޖެކްޓްގެ ބިޑްސެކިޔުރިޓީގެ ގޮތުގައި 50,000 ރުފިޔާ ހުށަހަޅަން ޖެހޭނެއެވެ. ބިޑް ސެކިޔުރިޓީގެ މުއްދަތަކީ ބިޑް ހުޅުވާ ތާރީޚުން ފެށިގެން 148 ދުވަހެވެ.

މި މަސައްކަތްތަކާއި ގުޅޭގޮތުން އާއްމުކުރާނެ އެންމެހައި ލިޔެކިޔުންތައް 10 އެޕްރީލް އިން ފެށިގެން ސޮފްޓްކޮޕީ ފޯރމެޓުގައި މިނިސްޓްރީގެ ވެބްސައިޓް އިން ޑައުންލޯޑް ކުރެވެން ހުންނާނެކަމަށް އިއުލާނުގައިވެއެވެ.

ބީލަން ހުޅުވުން އޮންނާނީ 21 އެޕްރީލް 2022 ވާ ބުރާސްފަތި ދުވަހުގެ 13:00:00 ގައި ފިނޭންސް މިނިސްޓްރީގެ ނެޝަނަލް ޓެންޑަރގެ ޖަލްސާކުރާ މާލަމުގައެވެ.