ކަނޑުމަގުން ރާއްޖެއަށް އެތެރެކުރި 130 ކިލޯގެ މަސްތުވާތަކެއްޗާއެކު ހައްޔަރުކުރި މީހުންގެ ތެރެއިން އެކަމުގައި އިސްކޮށް ހަރަކާތްތެރިވި ދެމީހުން ބޭސްފަރުވާއަށް ދޫކޮށްލުމަށް ކްރިމިނަލް ކޯޓުން ކުރި ހުކުމް ހައި ކޯޓުގައި އިސްތިއުނާފްކުރުމަށް ޕްރޮސިކިއުޓަރ ޖެނެރަލްގެ އޮފީހުން ނިންމައިފިއެވެ.

މި މައްސަލައާއި ގުޅިގެން ހަތް މީހެއްގެ މައްޗަށް ދައުވާ އުފުލާފައިވާއިރު، އެކަމުގައި އެންމެ އިސްކޮށް ހަރަކާތްތެރިވި މީހުންގެ ގޮތުގައި ފުލުހުން ތުހުމަތު ކުރަނީ ގއ. ވިލިނގިލި ލައިޓް ހައުސް، ޝަހީބް އިބްރާހީމް އާއި ހއ. ހޯރަފުށި، ވައިލެޓްވިލާ، އަހުމަދު މޫސާ އަށެވެ.

ޕީޖީ އޮފީހުގެ ޕަބްލިކް ޕްރޮސެކިއުޓާ އަހުމަދު ޝަފީއު ވިދާޅުވީ މިއަދު ނޫނީ މާދަމާ އެމައްސަލަ ހައިކޯޓަށް ހުށަހަޅާނެ ކަމަށެވެ.

މި މައްސަލާގައި އިއްޔެ ކުރިއަށް ދިޔަ އަޑުއެހުމުގައި ޝަރީއަތުގެ ކުރިން ހުށަހަޅާ ހުށެހެޅުންތައް ކުރިއަށް ގެންގޮސްފައިވާއިރު، ޝަހީބާއި އަހްމަދު މޫސާގެ ބޭސްފަރުވާއަށް ރިއާޔަތްކޮށް ބަންދު މުރާޖައާކޮށްދިނުމަށް ދެމީހުންގެ ފަރާތުން ވަނީ ހުށަހަޅާފައެވެ.

ދެފަރާތުގެ ވާހަކަތަކަށް ރިއާޔަތްކޮށް މައްސަލަ ބައްލަވާ ގާޟީ ވަނީ، ރާއްޖޭން ބޭރަށް ފުރުން މަނާކޮށް، ދެމަސް ދުވަހުގެ މުއްދަތަށް އެމީހުން ދޫކޮށްލާފައެވެ.

މި ދެ މީހުންގެ މައްޗަށް ދައުލަތުން އުފުލާފައި ވަނީ މަސްތުވާއެއްޗެއް ރާއްޖެއަށް އެތެރެކުރުމުގެ ކުށުގެ ދައުވާއާއި، މަސްތުވާއެއްޗެއް ޓްރެފިކްކުރުމުގެ ކުށުގެ ދައުވާގެ އިތުރުން ޑައިމޯފިން ޓްރެފިކްކުރުމުގެ ކުށުގެ ދައުވާއެވެ. ރާއްޖެއަށް ކަނޑުމަގުން ގިނަ އަދަދެއްގެ މަސްތުވާތަކެތި އެތެރެކުރަން އުޅޭ ކަމަށް ފުލުހުންގެ އިންޓެލިޖެންސަށް ލިބުނު މައުލޫމާތަކާއި ގުޅިގެން މި މައްސަލައިގައި ހަތް މީހަކު ހައްޔަރުކުރީ 2019 ވަނަ އަހަރުއެވެ. މިމައްސަލާގައި މީގެ ކުރިން ޝަހީބު ދޫކުރި ނަމަވެސް ފަހުން އޭނާ އާއި އަހުމަދު މޫސާ ވަނީ ޝަރީއަތް ނިމެންދެން ބަންދު ކޮށްފައެވެ.