ފިހާރައަކަށް ސައްހަ ނޫން ބޭންކް ސްލިޕެއް ފޮނުވައި އޮޅުވާލައިގެން އައިފޯނެއް ވަގަށް ނެގި މީހަކު ޖަލަށްލާން ކްރިމިނަލް ކޯޓުން ހުކުމްކޮށްފިއެވެ.

މާލޭގެ ފިހާރައަކުން ފޯނެއް ގަތުމަށް އެ ފިހާރައިގެ ވައިބާ ނަމްބަރަށް މެސެޖުކޮށް، އެ ފޯނު އޭނާ ބުނި ތަނަށް ޑެލިވާ ކުރުމުން، އެ ފޯނަށް ފައިސާ ދެއްކިކަން ދެއްކުމަށް، 13،550 ރުފިޔާގެ ސައްހަ ނޫން ބޭންކް ސްލިޕެއް ދައްކައި އޮޅުވާލި ކަމަށް ބުނާ މައްސަލައިގައި ދައުވާ ކުރީ ހދ. ނޭކުރެންދޫ، ވިނަރެސް، އާދަމް ވިޝާންގެ މައްޗަށެވެ. އޭނާ ޖަލަށްލާން ހުކުމްކުރީ 10 އަހަރަށެވެ.

އޭނާ އޮޅުވާލައިގެން ނަގާފައި ވަނީ 64 ޖީބީގެ އެޕަލް އައިފޯން 11ގެ ފެހިކުލައިގެ ފޯނެކެވެ. މި މައްސަލައިގައި އޭނާގެ މައްޗަށް ދައުލަތުން ވަނީ ދެ ދައުވާއެއް ކޮށްފައެވެ.

އެއީ އެހެން މީހެއްގެ މުދަލެއްގެ މައްޗަށް ހުއްދަ ނޫން ގޮތުގައި ބާރު ފޯރުވުމުގެ ކުށުގެ ދައުވާ އާއި އެނގިހުރެ ސައްހަ ނޫން ލިޔުމެއް ތެދުކަމަށް އެންގިކަމުގެ ކުށުގެ ދައުވާއެވެ.

މި މައްސަލައިގައި ދައުވާ އިއްވުމާއެކު އާދަމް ވިޝާން ވަނީ ދައުވާ އަށް އިއުތިރާފުވެފައެވެ. އަދި ކުށަށް އިއުތިރާފުވުމާއެކު ވީހާވެސް ލުއި އަދަބެއް ދިނުމަށް އޭނާގެ ފަރާތުން ވަނީ ޝަރީއަތުގައި އެދިފައެވެ.

ފޭކް ބޭންކް ސްލިޕް ބޭނުންކޮށްގެން އޮޅުވާލައިގެން ވިޔަފާރިކުރުމަކީ ރާއްޖޭގައި އާންމުވަމުން އަންނަ ކަމެކެވެ.