ޔަމަނުގައި އޮތް ބައިނަލްއަގްވާމީ މުޖުތަމައު ގަބޫލުކުރާ ސަރުކާރުގެ ރައީސް އަބްދް-ރައްބު މަންސޫރު ހާދީ ވެރިކަމުގެ ހުރިހާ ބާރުތައް ދޫކުރައްވައި، ރިޔާސީ ކައުންސިލަކާ ވެރިކަން ހިންގުން ހަވާލު ކުރައްވައިފިއެވެ.

މަންސޫރު ހާދީވަނީ، އޭނާގެ ނައިބްގެ މަގާމުގައި ހުންނެވި އަލީ މުހްސިން އަލް-އަހްމަރުވެސް މަގާމުން ވަކިކުރައްވައި، ނައިބް ރައީސްގެ ބާރުތައްވެސް ރިޔާސީ ކައުންސިލާ ހަވާލު ކުރައްވާފައެވެ.

ޔަމަނުގެ އިންފޮމޭޝަން މިނިސްޓަރ މުއައްމަރު އަލް-އިރްޔާނީ ވިދާޅުވީ، ޔަމަނުގެ ސިޔާސީ، އަސްކަރީ އަދި ސަލާމަތާ ގުޅޭ ހުރިހާކަމެއް ވަގުތީގޮތުން ހިނގަމުންދާނީ ރައީސް ހާދީ އަލަށް އުފެއްދެވި ރިޔާސީ ކައުންސިލުން ކަމަށެވެ.

ޔަމަނުގެ ރައްޔިތުންގެ މަސްލަހަތު ހިމެނޭ، ޔަމަނުގެ މިނިވަންކަމާއި އިސްތިގްލާލު ރައްކާތެރިކުރާ އަދި ވަކި ފަރާތަކަށް ނުޖެހޭ ޚާރިޖީ ސިޔާސަތެއް އައު ކައުންސިލުން އެކަށައަޅާނެ ކަމަށްވެސް އިންފޮމޭޝަން މިނިސްޓަރ ވިދާޅުވިއެވެ.

ޔަމަނުގައި ވެރިކަންކުރަން އަލަށް އުފެއްދި ރިޔާސީ ކައުންސިލްގެ ވެރިޔަކަށް އިސްކުރައްވާފައިވަނީ ޑރ. ރަޝާދު އަލް-އާލިމީއެވެ.

އޭނާގެ އިތުރުން، އިތުރު 7 ބޭފުޅުން ކައުންސިލްގައި ހިމެނިވަޑައި ގަންނަވައެވެ.

މި ހުރިހާ ބޭފުޅުން މިއަދުވަނީ ސައުދީ އަރަބިއްޔާގައި ސައުދީ ވަލީއަހުދު މުހަންމަދު ބިން ސަލްމާންއާ ބައްދަލު ކުރައްވާފައެވެ.

ޑރ. ރަޝާދު އަލް-އާލިމީ، ސައުދީ ވަލީއަހުދު މުހަންމަދު ބިން ސަލްމާންއާ ބައްދަލު ކުރައްވަނީ:

ޔަމަނުގައި ރައީސްކަމުގައި ހުންނެވި މަންސޫރު ހާދީ، ރިޔާސީ ކައުންސިލެއް އުފައްދަވައި ވެރިކަން މި ހަވާލުކުރެއްވީ، ސައުދީގައި ބޭއްވުނު ވާހަކަތަކަށް ފަހުގައެވެ.

ރިޔާސީ ކައުންސިލަކާ ޔަމަނުގެ ވެރިކަން ހަވާލު ކުރުމާއެކު ޔަމަނަށް އެތައް 3 ބިލިއަން ޑޮލަރުގެ އެހީ އިއުލާންކޮށް، ހަނގުރާމަ ނިމުމަކަށް ގެނައުމަށް ޔަމަނުގެ ހޫޘީންނާ ވާހަކަ ދައްކަން ފެށުމަށް ސައުދީ އަރަބިއްޔާއިން ވަނީ ކައުންސިލުގައި އެދިފައެވެ.

2014 ވަނަ އަހަރުން ފެށިގެން ޔަމަނުގެ ވެރިރަށް ސަންއާގެ އިތުރުން، ޔަމަނުގެ ބިމުގެ ބޮޑުބައެއްގައި ވެރިކަން ކުރަމުންދަނީ ހޫޘީ ޖަމާއަތުންނެވެ.

ހޫޘީން ވެރިރަށް ހިފުމުން ރައީސް ހާދީ މަންސޫރު ހާދީ ފިއްލަވައިގެން ޔަމަނުގެ ދެކުނަށް ވަޑައިގެންނެވިއެވެ. ހާދީއާއި އޭނާގެ ސަރުކާރުގެ ވެރިންނަށް ހިމާޔަތް ދިނީ ޖެހިގެންއޮތް ސައުދީ އަރަބިއްޔާއިންނެވެ. ހާދީގެ ސަރުކާރު ދުނިޔެ ބަލައިގަތީ ސައުދީގެ މަސައްކަތުންނެވެ.

ޔަމަނުން ހުޘީން ފައްސާލުމަށް 2015 ވަނަ އަހަރުން ފެށިގެން، އަރަބި ބައެއް ގައުމުތަކާ ގުޅިގެން ސައުދީން ޔަމަނަށް އެއްގަމާއި ވައިގެ މަގުން ހަމަލާދީ މުޅި ގައުމު ސުންނާފަތި ކޮށްލި އިރުވެސް ޔަމަނުން ހޫޘީން ބޭރުކޮށެއް ނުލެވުނެވެ.