ރާއްޖޭގެ ރަސްމީ ފުޓުބޯޅަ ދަނޑު ތަޅާލައި، ތަރައްގީކުރުމަށް ނިންމިއިރު، އެކަމާއި ގުޅިގެން ރައްޔިތުންނާ މަޝްވަރާކުރައްވަނީ ކޮންއިރަކުތޯ އޮޅުންފިލުވައި ޔޫތު މިނިސްޓަރ އަހުމަދު މަހުލޫފް އާ ސުވާލުކުރެއްވުމަށް ރައްޔިތުންގެ މަޖިލީހުގެ ގަލޮޅު ދެކުނު ދާއިރާގެ މެމްބަރު މީކާއީޅް އަހުމަދު ނަސީމް ހުށަހަޅުއްވައިފިއެވެ.

އިންޑިއާ ސަރުކާރުގެ އެހީގެ ދަށުން ގަލޮޅު ދަނޑު ތަރައްގީކުރަން ހަމަޖެހިފައިވާގޮތުގެ ކުރެހުންތައް މިނިސްޓަރ މަހުލޫފް ވަނީ ޓްވިޓަރ މެދުވެރިކޮށް ހިއްސާކުރައްވާފައެވެ.

މިއަހަރަށް ކަނޑައަޅާފައިވާ ބަޖެޓުގައި، އިންޑިއާގެ އެގްޒިމް ބޭންކުން ދޭ ލޯނު އެހީގެތެރެއިން 2022 ވަނަ އަހަރު ގަލޮޅު ދަނޑުގެ ތަރައްގީކުރުމަށް ހިމަނާފައިވަނީ ސާޅީސް ފަސްމިލިއަން، ހަތަރުސަތޭކަ ނުވަދިހަ ހަތަރުހާސް ފައްސަތޭކަ ފަސްރުފިޔާއެވެ. އަދި 2023 ވަނަ އަހަރުގެ ބަޖެޓުގައި 10 މިލިއަން ރުފިޔާ ވަނީ ރަސްމީ ފުޓްބޯޅަ ދަނޑު ތަރައްގީކުރުމަށް ހިމަނާފައެވެ. މި މަޝްރޫއަށް ޖުމްލަ 55 މިލިއަނަށްވުރެ ގިނަ ރުފިޔާ ޚަރަދުކުރާނެއެވެ.

އެހެންނަމަވެސް މީގެކުރިން "ވީޓީވީ"ގެ "ވީސްޕޯޓްސް ޓޯކް" ޕްރޮގްރާމުގައި ބައިވެރިވަޑައިގެން ވާހަކަދައްކަވަމުން މިނިސްޓަރ މަހްލޫފް ވިދާޅުވި، ދަނޑުގެ މަރާމާތަށް ކަނޑައަޅާފައިވާ ބަޖެޓުގައި އެފެންނަ 55 މިލިއަން ރުފިޔާ އެއީ އަދި އެކަމުގެ ކުޑަކުޑަ މިންވަރެއް ކަމަށެވެ. މިހާރު ބެލިބެލުމުން ގަލޮޅު ދަނޑުގެ ތަރައްގީއަށް ގާތްގަނޑަކަށް 25 ނުވަތަ 26 މިލިއަން ޑޮލަރު ހޭދަވާނެ ކަމަށާއި އެކަމަށް ބޭނުންވާ ލާރިވެސް މިހާރު ހަމަޖެހިފައިވާކަން މިނިސްޓަރ ހާމަކުރެއްވިއެވެ.

ގަލޮޅު ދަނޑުގެ ކުރެހުންތައް މިނިސްޓަރ ހިއްސާކުރެއްވުމާއެކު، އެކަމަށް ވަނީ ބައެއް ފަރާތްތަކުގެ ފާޑުކިޔުން އަމާޒުވެފައެވެ. އެގޮތުން، އެކަން ކުރުމަށް ނިންމިއިރު މާލެ ސިޓި ކައުންސިލާ މަޝްވަރާ ކޮށްފައިނުވާތީ މާލެ ސިޓީގެ މޭޔަރ ޑރ. މުހައްމަދު މުއިއްޒު ވަނީ ކަންބޮޑުވުން ފާޅުކޮށްފައެވެ.

އަދި، ރައްޔިތުން އެތަނުގައި އަލުން ދަނޑު ތަރައްގީ ކުރަން ބޭނުންވޭތޯ ނުވަތަ ނޫންތޯ ބަލާފައިނުވާކަމަށާއި، ރަސްމީ ދަނޑަކީ ތަރިކައިގެ ގޮތުގައި ހިމާޠަތްކުރަން ޖެހޭ ތަނެއް ކަމަށް އެމްޑީޕީގެ ކުރީގެ ޗެއަރޕާރސަން ރީކޯ މޫސާ މަނިކުވެސް ވަނީ ވިދާޅުވެފައެވެ.

އެކަމާއި ގުޅިގެން މެމްބަރު މީކާއީލް ވިދާޅުވީ ދަނޑު ތަރައްގީ ކުރަން އިއުލާނުކޮށްފައިވާއިރު، މާލޭގެ ރައްޔިތުންނާއި އަދި ވަކިން ހާއްސަކޮށް އެ ސަރަހައްދުގައި ދިރިއުޅޭ ރައްޔިތުންނާއި އެކަމާއި ގުޅޭގޮތުން އެއްވެސް މަޝްވަރާއެއް ކޮށްފައިނުވާ ކަމުގެ ޝަކުވާ ލިބެމުންދާ ކަމަށެވެ.

މިކާއީލްގެ ހުށަހެޅުއްވުމުގައި މަޝްރޫއު ކުރިއަށްދާއިރު، އާންމުންނާއި މަޝްވަރާ ކުރަން ގަސްތު ކުރައްވަނީ ކޮން އިރަކުތޯ އާއި މާލޭގެ މެދުގައި ދަނޑު ތަރައްގީ ކުރުމުގެ ބަދަލުގައި ހުޅުމާލެއަށް ބަދަލުކޮށް މާލޭގެ ޖާގައިގެ ދަތިކަމަށް ލުޔެއް ގެނައުމުގެ ވިސްނުންފުޅު ގެންގުޅުއްވާތޯ އޮޅުންފިލުވުން ހިމެނެއެވެ.