ގައިން ގަޔަށް ނާރާ ބަލިތަކަށް ޚާއްސަ ސަމާލުކަމެއް ދޭން ޖެހޭ ކަމުގައި ރައީސުލްޖުމްހޫރިއްޔާ އިބްރާހިމް މުހައްމަދު ސާލިހް ވިދާޅުވެއްޖެއެވެ.

އެމަނިކުފާނު މިފަދައިން ވިދާޅުވީ ދުނިޔޭގެ ސިއްހަތު ދުވަހުގެ މުނާސަބަތުގައި ދެއްވި ޚިތާބުގައެވެ.

މިއަދު ފާހަގަކުރަމުންދާ ދުނިޔޭގެ ސިއްހަތު ދުވަހާއި ގުޅިގެން ދެއްވި ޚިތާބެއްގައި ރައީސް އިބްރާހިމް މުހައްމަދު ސާލިޙު ވިދާޅުވީ ކޮވިޑުގެ ހާލަތުން އާންމު ހާލަތަށް ރުޖޫއަ ވެފައިވާއިރު ގައިންގަޔަށް ނާރާ ނުރައްކާތެރި ބަލިތަކާ މެދު ޚާއްސަ ސަމާލުކަމެއް ދޭންޖެހޭ ކަމަށެވެ. ސިއްހީ ދާއިރާގެ ތަފާސް ހިސާބުތަކާއި ހަވާލާ ދެއްވައި ރައީސް ސާލިހު ވިދާޅުވީ، އެންމެ ގިނަ ދިވެހިން މަރުވަނީ، ކެންސަރާއި، ހިތުގެ ބަލިތަކާއި، ސްޓްރޯކާއި، ފުއްޕާމޭގެ ބަލިތަކާއި، ކިޑްނީއާ ގުޅުން ހުރި ބަލިތައް ފަދަ، ގައިން ގަޔަށް ނާރާ ބަލިތަކުގައި ކަމަށެވެ. އަދި މި ހުރިހާ ބަލިތަކަކީވެސް، ދުންފަތުގެ އިސްތިއުމާލުކުރުމާ ވަރަށް ބޮޑަށް ގުޅިފައިވާ ބަލިތަކަކަށް ވާއިރު، ދުންފަތުގެ އިސްތިއުމާލުކުރުން ހުއްޓައިލުމަކީ، އެ ބާވަތުގެ ބަލިތަކުގައި މަރުވާ މީހުންގެ އަދަދު މަދުކުރުމަށްޓަކައި، ފަރުދީ ގޮތުން އަދާކުރަންޖެހޭ ވަރަށް މުހިންމު ވާޖިބެއް ކަމަށް ރައީސް ސާލިޙު ވިދާޅުވިއެވެ.

ރައީސް ވިދާޅުވީ ދުނިޔޭގެ ފެންވަރުގައި ސިއްހަތު ދުވަހެއް ފާހަގަކުރުމުގެ ބޭނުމަކީ ވެސް، އެ ދުވަސްވަރެއްގައި ސިއްހީ ގޮތުން އެންމެ ބޮޑަށް ސަމާލުކަން ދޭންޖެހޭ ކަންކަމާ މެދު ހޭލުންތެރިކަން އިތުރުކޮށް، ރައްކާތެރިވުމުގެ ފިޔަވަޅުތައް އެޅުމަށް ސަމާލުކަން ދިނުން ކަމަށެވެ.

އަދި ސިއްހަތާ ގުޅޭ ގޮތުން، މިވަގުތު އެންމެ ބޮޑު ސަމާލުކަމެއް ދޭން ޖެހިފައިވާ އެއް ކަމަކީ، ރާއްޖޭގެ ތިމާވެށީ ހިމާޔަތްކުރުން ކަމަށްވާތީ، ތިމާވެށި ރައްކާތެރިކުރުމުގެ ގޮތުން ސަރުކާރުން އަޅަމުންދާ ފިޔަވަޅުތަކަށް، މިހާރަށްވުރެ ބޮޑު އެއްބާރުލުމެއް ދިނުމަށް، ރައީސް ވަނީ އިލްތިމާސް ކުރައްވާފައެވެ.

މީގެ އިތުރުން ރައީސް ސާލިހު ވިދާޅުވީ ދުނިޔޭގެ ސިއްހަތު ޖަމުއިއްޔާގެ ތަފާސްހިސާބުތައް ދައްކާ ގޮތުން، ދުނިޔޭގައި ކޮންމެ އަހަރަކު މަރުވާ މީހުންގެ ތެރެއިން، 13 މިލިއަނަށް ވުރެ ގިނަ މީހުން މަރުވެގެންދަނީ، އެކަންކަމުން އަޅުގަނޑުމެންނަށް ސަލާމަތްވެވިދާނެ ފަދަ ތިމާވެށީގެ ތަފާތު ސަބަބުތައް މެދުވެރިވެގެން ކަމަށެވެ. އެހެންކަމުން، މިޒަމާނުގެ ޢިލްމީ މަފްހޫމުގައި މާނަކުރާއިރު، ތިމާވެށީގެ ކޮންމެ މައްސަލައަކީ، އިންސާނުންގެ ސިއްހަތާ ގުޅިފައިވާ މައްސަލައެއްގެ ގޮތުގައި ބަލަންޖެހޭ ކަމަށް ރައީސް ސާލިހު ވިދާޅުވިއެވެ.

"މިއީ ދިވެހިރާއްޖެ ފަދަ، މޫސުމީ ބަދަލުތަކަށް އެންމެ ބޮޑަށް ހުށަހެޅިފައިވާ ޤައުމެއްގައި ދިރިއުޅޭ ހަމަ ކޮންމެ މީހަކުމެ، ފުންކޮށް ވިސްނައި ފިކުރު ހިންގަންޖެހޭ ކަމެއް. ދުނިޔެ ހޫނުވުމާއި، ވައި ނުސާފުވުމާއި، ފެން ތަޣައްޔަރުވުމާއި، އުދައެރުމާއި، ގޮނޑުދޮށްތައް ގިރުމަކީ، ތިމާވެށީގެ ގޮތުން ރާއްޖެ މިވަގުތު ކުރިމަތިލާންޖެހިފައިވާ އެންމެ ބޮޑެތި ގޮންޖެހުންތައް ކަމަށް ވިޔަސް، މިއިން ކޮންމެ ކަމަކީ އަޅުގަނޑުމެންގެ ސިއްހީ ދުޅަހެޔޮކަމާ އެތައް ގޮތަކުން ގުޅިފައިވާ ކަންކަން. އަމިއްލަ ސިއްހަތަށް ރައްކާތެރިވާ ފަދައިން، އަޅުގަނޑުމެންގެ ޤުދުރަތީ ވެށީގެ ރައްކާތެރިކަމަށް ހާއްސަ ސަމާލުކަމެއް ދޭން ޖެހޭ"
ރައީސް ސާލިހް

މިއަހަރުގެ ދުނިޔޭގެ ސިއްހަތު ދުވަހަށް، ދުނިޔޭގެ ސިއްހަތު ޖަމުއިއްޔާއިން ކަނޑައަޅާފައިވާ ޝިއާރު ކަމަށްވާ Our Planet, Our Health (އަހަރެމެންގެ ގުރަހަ، އަހަރެމެންގެ ސިއްހަތު) މި ޝިއާރަށް އަލި އަޅުއްވާލައްވަމުން އެމަނިކުފާނު ވިދާޅުވީ އެ ޝިއާރު އަޅުގަނޑުމެންނަށް ހަނދާންކޮށްދެނީ، އިންސާނުންގެ ސިއްހަތު ސަލާމަތްކުރުމަށްޓަކައި، ދުނިޔޭގެ ތިމާވެށި ހިމާޔަތްކުރުމުގެ ބޭނުންތެރިކަން ކަމަށެވެ.

އަދި މި ޝިއާރު އަޅުގަނޑުމެންގެ ސަމާލުކަމަށް ގެނެސްދެނީ، ދުނިޔޭގެ ތިމާވެއްޓަށް ލިބެމުންދާ ގެއްލުންތަކުގެ ސަބަބުން، އިންސާނީ ދަރިފަސްކޮޅުގެ ދެމިއޮތުމަށް، ނުރައްކާތައް ކުރިމަތިވަމުންދާ މިންވަރު ކަން ރައީސް ފާހަގަކުރެއްވިއެވެ. އަދި އިންސާނުންނަށް މިބިންމަތީގައި ދެމިތިބެވޭނީ ކިހާ ދުވަހަކުތޯ ސުވާލު އުފެދޭ ދަރަޖައަށް، ދުނިޔޭގެ ތިމާވެށި ހަލާކުވެ، އަދިވެސް އިތުރަށް ހަލާކުވަމުންދާކަން މި ޝިއާރުން ހާމަވާ ކަމަށް ރައީސް ސާލިހު ވިދާޅުވިއެވެ.

ދުނިޔޭގެ ސިއްހަތު ދުވަހުގެ ގޮތުގައި ފާހަަގަކުރަމުން އަންނަނީ ކޮންމެ އަހަރެއްގެ ވެސް އޭޕްރީލް މަހުގެ 7 ވަނަ ދުވަހެެވެ.