މިދުވަސްވަރު ދެކުނުގެ މަސްވެރިކަން އާދަޔާ ޚިލާފަށް ތިޔާގިވެ، ފްރީޒިންގ ކެޕޭސިޓީއަށްވުރެ އިތުރަށް މަސް ލިބެމުން ދާތީ މޯލްޑިވްސް އިންޑަސްޓްރިއަލް ޕިޝަރީޒް ކޮމްޕެނީ (މިފްކޯ) އިން މަސްކިރުން ލިމިޓްކުރުމާއި ގުޅިގެން، އެމްޑީޕީގެ މެނިފެސްޓޯއަށް ރުޖޫއަވެ މަސްވެރިންނަށް ވެފައިވާ ވައުދުތައް ފުއްދައިދިނުމަށް ރައްޔިތުންގެ މަޖިލީހުގެ ރައީސް، މުހައްމަދު ނަޝީދު ސަރުކާރަށް ގޮވާލައިފިއެވެ.

ގިނަ ދޯނިފަހަރުތަކެއް ދެކުނުގެ ސެންޓަރުތަކާއި ބޯޓުފަހަރަށް މަސްކިރުވުމަށް އަންނަމުންދާތީ މިފްކޯއިން ވަނީ އިއްޔެއިން ފެށިގެން ދޯންޏަކުން މަސްކިރާ އަދަދު ފަސް ޓަނަށް ލިމިޓުކޮށްފައެވެ.

އެކަމާއި ގުޅިގެން "ކެޔޮޅާ މިއީ އަހަރުމެން ބުނި ގޮތެއް ނޫން"، މި ނަމުގައި ރައީސް ނަޝީދު ލިޔުއްވާފައިވާ ލިޔުމެއް ހިއްސާ ކުރައްވައި އެމަނިކުފާނު ވިދާޅުވީ، ސަރުކާރުގެ ކުންފުނިތަކަށް މަސްވެރިކަމުގެ ސިނާއަތް ކުރިއަށް ގެންދެވެން ނެތްކަން ހާމަވަމުން ދާތާ އެތައް ދުވަހެއް ވެފައިވާ ކަމަށާއި، ސަރުކާރަށް އަނެއްކާވެސް ދަންނަވަން އޮތީ އެމްޑީޕީގެ މެނިފެސްޓޯގެ މަގަށް ރުޖޫއަވެ، ވީ ވައުދު ފުއްދުމަށް މަސައްކަތް ކުރުމަށް ކަމަށެވެ.

ކޮންމެ އަހަރެއްގެ އަހަރު ދެކޮޅު މަސްވެރިކަން ރަނގަޅުވެ، އެތައްގަނޑުގައި ހާހަކަށް ވުރެ ގިނަ އަހަރު ފާއިތުވިއިރު، މަސްވެރިކަން ރަނގަޅުވާ މޫސުމުގައި މަސްވެރިން ބާނާ މަސް ގިނަވެ އެއަށް ހަދާނެ ގޮތް ހުސްވެފައި އޮންނަކަން ފާހަގަކުރައްވައި އެމަނިކުފާނު ވިދާޅުވީ، ސަރުކާރުގެ ކުންފުނިތަކުގެ ދަރަނި ބޮޑުކޮށް އެތަންތަނުގެ ފިނިގުދަން ޖާގައާއި ކާރުހާނާ ޖާގަ ބޮޑު ކުރުން ހުއްޓާލައި، އޭގެ ބަދަލުގައި ރަށު ކައުންސިލްތަކާއި، މަސްވެރިންނާއި ވިޔަފާރިވެރިންނަށް ހިއްސާވެވޭނެ ނިޒާމަކުން ހިންގާ ކުދި މަސް ފެކްޓްރީތައް ހެދުން އަވަސްކުރަން ޖެހޭ ކަމަށެވެ.

އެމަނިކުފާނު ވިދާޅުވީ ރާއްޖޭގެ މަސްވެރިކަމުގެ ސިނާއަތް އަބަދުވެސް އޮންނަނީ ދައުލަތުގެ "ކޮންޓްރޯލް" ގެ ދަށުގައި ކަމަށާއި 2012 ވަނަ އަހަރު އެމްޑީޕީގެ ސަރުކާރު ބަދަލުކުރުމަށް ފަހު މަސް ގަތުމުގެ ސިޔާސަތަށް އޭރުގެ ސަރުކާރުން ގެނައި ބަދަލާއެކު މަހުގެ އަގު ދަށްވެގެން ދިޔަ ކަމަށެވެ.

މީގެއިތުރުން، 2018 ވަނަ އަހަރު އެކުލަވާލި މެނިފެސްޓޯގައި ބަޔާންކޮށްފައިވާ "ނޫ އިގްތިސާދު" ގެ ނާރެހަކީ މަސްވެރިކަމުގެ ނަފާ ފުރިހަމައަށް ހޯދުން ކަމަށާއި، "ގޭދޮށު މަސް ޕްލާންޓް" ސިޔާސަތުގެ ދަށުން މަސްވެރިން ބާނާ މަހަށް ހަމަ އަގު ހޯދޭނެ ކަމަށް ދެކެވަޑައިގަންނަވާ ކަމަށްވެސް ރައީސް ނަޝީދު ވިދާޅުވިއެވެ.

މިފްކޯއިން ބުނީ މިމަހުގެ 4 ވަނަ ދުވަހު 770 ޓަނުގެ މަސް އަދި، 5 ވަނަ ދުވަހު 620 ޓަނުގެ މަސް ކިރުވުމަށް ސެންޓަރުތަކަށް އައިސްފައިވާކަމަށެވެ. މިފްކޯގެ ދެކުނުގެ ފްރީޒިންގ ކެޕޭސިޓީއަކީ ދުވާލަކު 240 ޓަނުގެ މަހެވެ. މިފްކޯއިން ބުނީ މަސްކިރާ އަދަދު ލިމިޓްކޮށްފައި ވީނަމަވެސް، ކޫއްޑޫ ފިޝަރީޒް ކޮމްޕްލެކްސް އާއި އައްޑޫ ފިޝަރީޒް ކޮމްޕްލެކްސްގައި މިހާރު ކިއު ނަމްބަރު ދެވިފައިހުރި ދޯނިފަހަރު މަސްކިރައި ނިމެންދެން ކޮންޓްރޯލް ނެތި ކުރިއަށްދާނެ ކަމަށާއި، ކޯލްޑް ސްޓޯރުތައް ފުރެމުންދާތީ ޖާގަހެދުމުގެ ގޮތުން މެދުނުކެނޑި ކެރިއަރ ބޯޓުތައް ގެނެސް ލޯޑުކޮށް އެކްސްޕޯޓް ކުރުމުގެ މަސައްކަތްވެސް ކުރަމުންދާ ކަމަށެވެ.

ނަމަވެސް، މަސްވެރިންނަށް އެންމެ އެދެވޭ މިންވަރަށް މަސްކިރުމުގެ ކަންކަން މިފްކޯއަށް ކުރިއަށް ނުގެންދެވޭތީ ގިނަ މަސްވެރިންގެ ޝަކުވާތައް ވަނީ ފެންމަތިވެފައެވެ.