ޔޫކްރެއިންގެ މައްސަލާގައި އދގެ އިންސާނީ ހައްގުތަކާބެހޭ ކައުންސިލުން ރަޝިޔާ ސަސްޕެންޑް ކޮށްފިއެވެ.

އދގެ ހިއުމަން ރައިޓްސް ކައުންސިލުން ރަޝިޔާ ސަސްޕެންޑްކުރީ، ރަޝިޔާ ސިފައިން ޔޫކްރެއިނަށް އަރައި ހިންގާފައިވާ ކަމަށް ރިޕޯޓްކޮށްފައިވާ އިންސާނިއްޔަތާ ޚިލާފް ޖަރީމާތަކުގެ މައްސަލައިގައެވެ.

އދގެ އާންމު މަޖިލީހުގެ ކުއްލި ޖަލްސާއެއްގައި، އެމެރިކާއިން އިސްވެއޮވެ ނެގި ވޯޓްގައި، ރަޝިޔާ ސަސްޕެންޑްކުރަން 93 މެމްބަރު ގައުމުން ވޯޓު ދިންއިރު، 24 ގައުމަކުންވަނީ ރަޝިޔާ ސަސްޕެންޑްކުރުމާ ދެކޮޅަށް ވޯޓްދީފައެވެ. އަދި 58 ގައުމަކުން ވޯޓްނެގި ޖަލްސާގައި ބައިވެރިއެއް ނުވެއެވެ.

ނިޒާމު ހަމަޖެހިފައި އޮތްގޮތުން ރަޝިޔާ ސަސްޕެންޑްކުރަން ބޭނުންވަނީ ޖަލްސާއަށް ހާޟިރުވި މެމްބަރު ގައުމުތަކުގެ ތިންބައިކުޅަ ދެބައި ވޯޓެވެ. ހާޟިރުނުވާ ގައުމުތައް ވޯޓްގައި ނުގުނައެވެ.

47 މެމްބަރު ގައުމު ހިމެނޭ އދގެ އިންސާނީ ހައްގުތަކާބެހޭ ކައުންސިލުން ރަޝިޔާ ސަސްޕެންޑްކުރަން އދގެ 193 މެމްބަރު ގައުމު ހިމެނޭ އާންމު މަޖިލީހުން ފާސްކުރިއިރު، މިފަދަ ގޮތަކަށް މެމްބަރު ގައުމެއް މީގެކުރިން ސަސްޕެންޑް ކޮށްފައިވަނީ ނާދިރު ހާލަތެއްގައެވެ.

މީގެކުރިން 2011 ވަނަ އަހަރު އާންމު މަޖިލީހުން ލީބިޔާ ސަސްޕެންޑް ކޮށްފައި ވާއިރު، ލީބިޔާ ސަސްޕެންޑްކުރީ ލީބިޔާގެ އޭރުގެ ލީޑަރު ކާނަލް މުއައްމަރުލް ޣައްޒާފީއަށް ވަފާތެރި ފައުޖުތަކުން، ލީބިޔާގައި ސަރުކާރާ ދެކޮޅަށް މުޒާހަރާ ކުރަމުންދިޔަ އާންމުންނާ ދެކޮޅަށް ހިންގި އަނިޔާވެރި އަމަލުތަކާ ގުޅިގެންނެވެ.

ރަޝިޔާ ސަސްޕެންޑްކުރުމަށް އާންމު މަޖިލީހަށް ހުށަހެޅި ގަރާރުގައި، ޔޫކްރެއިންގައި ރަޝިޔާ ސިފައިން ހިންގާ އަދި މިހާތަނަށް ހިންގާފައިވާ ލާއިންސާނީ ޖަރީމާތައް ފާހަގަކޮށްފައި ވެއެވެ.

ވޯޓުގެކުރިން ރަޝިޔާއިން ބުނެފައިވަނީ، އެ ގަރާރަށް "އާނބަސް" ބުނާ ގައުމުތައް އަދި ޖަލްސާއަށް ހާޟިރުނުވާ މެމްބަރު ގައުމުތަކުގެ އެ އަމަލު ރަޝިޔާއިން ދެކޭނީ "ބީރައްޓެރި އަމަލެއްގެ ގޮތުގައި" ކަމަށެވެ. އަދި އޭގެ ސަބަބުން ދޭދޭ ގުޅުންތައް އަސަރު ކުރާނެކަމުގެ އިންޒާރުވެސް ދިނެވެ.

އދގެ އިންސާނީ ހައްގުތަކާބެހޭ ކައުންސިލްގެ 3 އަހަރުގެ ދައުރުގެ ތެރެއިން ރަޝިޔާއިން މިހާރު ގުނަމުންދަނީ ދެވަނަ އަހަރެވެ.

ރަޝިޔާ ވެފައިވަނީ އދގެ ކައުންސިލްގައި އިންސާނީ ހައްގުތަކުގެ މައްސަލާގައި އަޑުހަރުކޮށް ވަކާލާތު ކުރަމުން އައި ގައުމަކަށެވެ.

އެހެން ނަމަވެސް، ސަސްޕެންޝަންގެ ސަބަބުން އިންސާނީ ހައްގުތަކުގެ ވާހަކަ ދެއްކުމާއި، އެފަދަ މައްސަލަތަކުގައި ވޯޓުލުމުގެ ފުރުސަތެއް ރަޝިޔާއަކަށް ދެން ނޯންނާނެއެވެ.