ޕާކިސްތާނުގެ ބޮޑުވަޒީރު އިމްރާން ޚާންއާ ދެކޮޅަށް ޕާލަމެންޓަށް ހުށަހެޅި އިތުބާރުނެތް ކަމުގެ މައްސަލަ، ޕާލަމެންޓުގެ ނައިބް ގާސިމް ސޫރީ، ވޯޓަށް ނާހައި ޖަލްސާއިން ބޭރުކޮށްލީ ގާނޫނާ ޚިލާފަށް ކަމަށް ޕާކިސްތާނުގެ ސުޕްރީމް ކޯޓުން ކަނޑައަޅައިފިއެވެ.

އަދި ހަމަ އެއާއެކު، ބޮޑުވަޒީރުގެ އެންގެވުމަށް ޕާކިސްތާނުގެ ރައީސް އާރިފް އަލްވީ ޕާލަމެންޓް ރޫޅާލެއްވީވެސް ގާނޫނާ ޚިލާފަށް ކަމަށް ސުޕްރީމް ކޯޓުން ހުކުމް ކޮށްފައި ވެއެވެ.

އަދި ޕާލަމެންޓް އަލުން އެއްކުރުމަށްވެސް އަމުރު ކޮށްފައި ވެއެވެ.

މިކަމާ ގުޅިގެން، ބޮޑުވަޒީރު އިމްރާން ޚާންގެ މައްޗަށް ހުށަހެޅިފައިވާ އިތުބާރު ނެތްކަމުގެ މައްސަލައިގަ ވޯޓަށް އެހުން އަންނަ ހޮނިހިރު ދުވަހަށް މިހާރުވަނީ ތާވަލް ކޮށްފައެވެ.

ސުޕްރީމް ކޯޓުގެ ނިންމުމުގެ ސަބަބުން ބޮޑުވަޒީރު އިމްރާން ޚާންއަށް ވަރަށް ބޮޑު ނާއުންމީދަކާ ކުރިމަތިވެވަޑައި ގަންނަވާނޭ ކަމަށް މުހައްލިލުން ވިދާޅުވެއެވެ. ސަބަބަކީ، އިދިކޮޅު ހުށަހަޅާފައިވާ އިތުބާރު ނެތްކަމުގެ މައްސަލައިގެ އަޑީގައި އޮތީ އެމެރިކާ ކަމަށް އިމްރާން ޚާން ތުހުމަތު ކުރައްވާފައި ވުމުންނެވެ.

އިތުބާރު ނެތްކަމުގެ މައްސަލަ ވޯޓަށް އަހަން އޮތްދުވަސް ކަމަށްވާ އޭޕްރީލްމަހުގެ 3 ވަނަ ދުވަހު މައްސަލަ ޖަލްސާއިން ބޭރުކޮށްލީ އެއީ ގާނޫނާ ޚިލާފަށް ހުށަހެޅި މައްސަލައެއް ކަމަށް ބުނެއެވެ. އަދި ހަމަ އެ ދުވަހު ބޮޑުވަޒީރު އިމްރާން ޚާންގެ ލަފާގެމަތިން ޕާކިސްތާނުގެ ރައީސް، ޕާލަމެންޓްވެސް ރޫޅާލެއްވިއެވެ.

ނަމަވެސް، އިދިކޮޅު މި މައްސަލަ ސުޕްރީމް ކޯޓަށް ވެއްދިއެވެ. ޕާލަމެންޓު ރޫޅާލެއްވި މައްސަލައާއި، އިތުބާރު ނެތްކަމުގެ ވޯޓް ބޭރުކޮށްލި މައްސަލަވެސް އިދިކޮޅުން ސުޕްރީމް ކޯޓަށް ވެއްދިއެވެ.

އިމްރާން ޚާންގެ މައްޗަށް އިތުބާރު ނެތްކަމުގެ ވޯޓު، އޭޕްރީލް 9 ގައި ނަގާއިރު، 342 މެމްބަރުން ހިމެނޭ ޕާލަމެންޓުގައި ބޮޑުވަޒީރުގެ އިތުބާރު ނެތްކަމަށް ފާސްކުރަން ބޭނުންވަނީ 172 ވޯޓެވެ. އިދިކޮޅު ބުނަނީ 177 ވޯޓް ހަމަކޮށްފައިވާ ކަމަށެވެ.

އިމްރާން ޚާން މަގާމުން ދުރުކުރަން، ޚުދު އިމްރާން ޚާންގެ ތަހްރީކޭ އިންސާފު ޕާޓީގެ ބައެއް މެމްބަރުންވެސް އިދިކޮޅާ ގުޅިފައި ވާއިރު، ވެރިކަންކުރާ ކޯލިޝަންގައި ހިމެނޭ އެންމެ ބޮޑު ޕާޓީވެސް ކޯލިޝަނުން ވަކިވުމުން އިމްރާން ޚާންއަށް މިހާރުވަނީ ޕާލަމެންޓުގެ އަޣުލަބިއްޔަތު ގެއްލިވަޑައި ގެންފައެވެ.

ސުޕްރީމް ކޯޓުގެ ނިންމުމާ ގުޅިގެން އިމްރާން ޚާން މިހާރުވަނީ ކެބިނެޓުގެ ކުއްލި ބައްދަލުވުމެއް މާދަމާ ބާއްވަން ނިންމަވާފައެވެ.

އިމްރާން ޚާން ކުރެއްވި ޓްވީޓެއްގައި ވިދާޅުވެފައިވަނީ، ގައުމަށްޓަކައި އެންމެ ފަހު ވަގުތާ ޖެހެންދެންވެސް ފައިޓްކުރައްވާނެ ކަމަށެވެ.