މިދުވަސްވަރު ކަރަންޓު ބޭނުންކުރުމުގައި ސަމާލުވުމަށް ސްޓޭޓް އިލެކްޓްރިކް ކޮމްޕެނީ (ސްޓެލްކޯ) އިން އިލްތިމާސްކޮށްފިއެވެ.

ސްޓްލްކޯއިން ކުރި ޓްވީޓެއްގައި ބުނެފައިވަނީ މިދުވަސްވަރަކީ ރާއްޖެއަށް އެންމެ ހޫނު ގަދަވާނެ ދުވަސްވަރު ކަމަށް މޫސުމާއި ބެހޭ ގައުމީ އިދާރާއިން ލަފާކޮށްފައިވާ ކަމަށާއި، އަދި މިދުވަސްވަރާ ރަމަޟާން މަސް ދިމާވެފައިވާތީ ކރަންޓު ބޭނުންކުރުމުގައި ހާއްސަ ސަމާލުކަމެއް ދޭން ޖެހޭ ކަމަށެވެ.

އެގޮތުން، މިދުވަސްވަރަކީ އެންމެ ގިނައިން ކަރަންޓު ބޭނުންކުރާ ދުވަސްވަރު ކަމަށް ބެލެވޭ ކަމަށާއި، އެހެންކަމުން ކަރަންޓު އިގްތިސާދު ކުރުމަށް ސަމާލުވެ، އޭސީ ފަދަ ވަސީލަތްތައް ބޭނުންކުރުމުގައި އިތުރަށް ސަމާލުވުމަށް އެކުންފުނިން އިލްތިމާސްކޮށްފައިވެއެވެ.

މޫސުމާއި ބެހޭ ގައުމީ އިދާރާއިން ހާމަކޮށްފައިވާގޮތުގައި އޭޕްރިލް މަހަކީ އަހަރުގެ ތެރޭގައި މުޅި ރާއްޖެއަށް އެންމެ ހޫނުގަދަ މަސް ކަމަށެވެ. އަދި މިއީ އިރުވައި މޫސުމުން ހުޅަނގު މޫސުމަށް ބަދަލުވާ ދުވަސްވަރުކަން ފާހަގަކޮށް މެޓް އޮފީހުން ބުނީ މިދުވަސްވަރު ވައި މަޑުވުމާއި، އޭގެ ސަބަބުން ވައިގެ ތެތްކަށް މަތިކޮށް ހިފެހެއްޓިފައި ހުރުމުން ވައިގެ ހޫނުމިނަށްވުރެ އިހުސާސް ކުރެވޭ ހޫނުމިން އެތައް ގުނައެއް މަތިވާ ކަމަށެވެ.

އެވަރެޖް ގޮތެއްގައި މުޅި ރާއްޖޭގެ ފިނި ހޫނުމިން މިދުވަސްވަރު އުޅެނީ 28.9 ޑިގްރީ ސެލްސިއަސް އާއި 29.7 ޑިގްރީ ސެލްސިއަސް އާ ދެމެދުއެވެ.