ޑްރަގް ކޮންޓްރޯލް ކުރުމާ ގުޅޭ ނެޝަލް ސްޓްރަޓެޖިކް ޕްލޭން މިއަހަރުގެ ޖޫން މަހު ލޯންޗުކުރުމަށް ތާވަލްކޮށްފައިވާކަމަށް ހެލްތު މިނިސްޓަރ އަހުމަދު ނަސީމް ވިދާޅުވެއްޖެއެވެ.
މިނިސްޓަރ މިފަދައިން ވިދާޅުވީ ދުނިޔޭގެ ސިއްހަތު ދުވަސް ފާހަގަކުރުމުގެ ގޮތުން ބޭއްވި ޖަލްސާގައި ވާހަކަފުޅު ދައްކަވަމުންނެވެ.
މިނިސްޓަރ ވިދާޅުވީ، މި މުޖުތަމައުގައި އިތުރު ބަލިމަޑުކަމެއް އާލާވެ ފެތުރެމުން ދާކަމަށާއި، ފާއިތުވި އަހަރުގެ މެއި މަހު ހެލްތު މިނިސްޓްރީން، ޑްރަގުން ރައްކާތެރިވުމާ ގުޅޭ މަސައްކަތާ ހަވާލުވިފަހުން ކުރަމުންދާ މަސައްކަތުގެ ތެރެއިން ޑަބްލިޔޫ.އެޗް.އޯ ގެ އެހީތެރިކަމާއެކު ކަމާ ގުޅުންހުރި ގިނަ ދިރާސާތަކެއް ކޮށް، ޑްރަގް ކޮންޓްރޯލް ކުރުމާ ގުޅޭ ނެޝަލް ސްޓްރަޓެޖިކް ޕްލޭން ޖޫން މަހު ލޯންޗުކުރުމަށް ތާވްލްކޮށްފައިވާކަމަށެވެ.
ރައީސުލްޖުމްހޫރިއްޔާ އިބްރާހީމް މުހައްމަދު ސާލިހް ވެރިކަމާ ހަވާލުވެ ވަޑައިގަތުމަށްފަހު، އެންމެ ބޮޑަށް އަހައްމިއްޔަތުކަން ދެއްވާފައިވާ ކަންކަމުގެ ތެރޭގައި، ތިމާވެއްޓާ އިންސާނުންގެ ސިއްހަތު ރައްކާތެރިކުރުން ހިމެނޭ ކަން އެމަނިކުފާނުގެ ވާހަކަފުޅުގައި ފާހަގަކުރެއްވިއެވެ.
މިނިސްޓަރ ވިދާޅުވީ، މިސަރުކާރުން ރާއްޖޭގެ އެކި ސަރަހައްދު ތަކުގައި ޓާރޝަރީ ފަރުވާގެ ހިދުމަތް ގާއިމުކޮށް، އަތޮޅާއި ސަރަހައްދީ ފެންވަރުގައި، ސްޕެޝަލިސްޓުންގެ ހިދުމަތާއި، ތަފާތު ޓެސްޓްތައް ހެދުމުގެ ފުރުސަތުތައް ފަހިކޮށްދެމުން ދާކަމަށާއި، އިމަރޖެންސީ ފަރުވާއާއި ރިފަރަލްގެ ކަންކަން އިންތިޒާމު ކޮށް އިތުރަށް ހަރުދަނާ ކުރުމަށް ސަމާލުކަން ދެމުންދާ ކަމަށެވެ.
މި ކާމިޔާބީތައް ހާސިލްކޮށްފައިވަނީ މީން ޒަމާނަކުވެސް ޞިއްޙީ ދާއިރާއަށް ކުރިމަތިވެފައި ނުވާފަދަ ބޮޑެތި ގޮންޖެހުންތަކާއެކުގައިކަން މިނިސްޓަރ ވަނީ ފާހަގަކުރައްވާފައެވެ.
މީގެއިތުރުން، ކޮވިޑް-19ގެ ދަތި ހާލަތުގައި، ރާއިސް ސާލިހްގެ ސީދާ ބެއްލެވުމުގެ ދަށުން ރާއްޖެ ވެގެންގޮސްފައިވަނީ ކޮވިޑްގެ ކަންކަން އެންމެ ރަނގަޅަށް 'މެނޭޖް" ކުރި އެއްގައުމަށް ކަމަށާއި، އެކާމިޔާބީ ހާސިލު ކުރެވުނީ ސިއްހީ ދާއިރާގެ އިތުރުން، ދައުލަތުގެ އެހެން ހުރިހާ މުއައްސަސާތަކާ އަމިއްލަ ވިޔަފާރިތަކާ ކުންފުނިތަކާ ޖަމްއިއްޔާ ޖަމާއަތްތަކާ، އާންމު ފަރުދުން އެކުގައި އެއް މަގްސަދެއްގައި އެއް އަމާޒަކަށް ވާސިލުވާން މަސައްކަތް ކުރުމުން ކަމަށްވެސް އެމަނިކުފާނު ވިދާޅުވިއެވެ.
މިނިސްޓަރ ނަސީމް ވިދާޅުވީ، ސިއްހީ ދާއިރާ ގެ ސިޔާސަތުތަކާ، މަޝްރޫއުތަކާ ޚިދުމަތްތައް މިހާރު ބައްޓަން ކުރަމުން ގެންދަވަނީ މި ދާއިރާގެ ހިދުމަތް ފެހިކުރުމުގެ ވިސްނުންފުޅުގައި ކަމަށެވެ.
މިއަހަރުގެ ދުނިޔޭގެ ސިއްހަތު ދުވަހުގެ ޝިއާރުގެ ގޮތުގައި ކަނޑައަޅާފައިވަނީ "އަވަރ ޕްލެނެޓް، އަވަރ ހެލްތް" ނުވަތަ "އަހަރެމެންގެ ގުރަހަ، އަހަރެމެންގެ ޞިއްޙަތު" މި ޝިއާރެވެ.