ސްރީލަންކާ ސަރުކާރުގެ މިނިސްޓަރ އޮފް ފިނޭންސް އަލީ ސަބްރީގެ އިސްތިއުފާ ސްރީލަންކާގެ ރައީސް ގަބޫލުފުޅު ނުކުރެއްވުމުން، މަގާމުގައި ދެމި ހުންނެވުމަށް އޭނާ ނިންމަވައިފިއެވެ.

ހުކުރު ދުވަހު ބޭއްވި ޕާލަމެންޓް ޖަލްސާގައި ވާހަކަ ދައްކަވަމުން، ޕާލަމެންޓް މެމްބަރ އަދި ސްޓޭޓް މިނިސްޓަރ ކަންޗަނާ ވިޖެސޭކަރާ ވިދާޅުވީ، އަލީ ސަބްރީގެ އިސްތިއުފާ ރައީސް ގަބޫލުފުޅު ނުކުރެއްވުމުން އޭނާއަކީ އަދިވެސް ފިނޭންސް މިނިސްޓަރު ކަމަށެވެ.

ސަރުކާރުގެ ކެބިނެޓުން އިސްތިއުފާ ދެއްވި 26 ވަޒީރުންގެ ލިސްޓް ސްރީލަންކާ ސަރުކާރުން ބުރާސްފަތި ދުވަހު ވަނީ ގެޒެޓް ކޮށްފައެވެ. އެ ލިސްޓުގައިވެސް އަލީ ސަބްރީ ނުހިމެނެއެވެ.

ސްރީލަންކާގެ މުޅި ކެބިނެޓް އިސްތިއުފާ ދެއްވިއިރު އަލީ ސަބްރީއަކީ ސްރީލަންކާގެ ޖަސްޓިސް މިނިސްޓަރެވެ.

ކެބިނެޓް އިސްތިއުފާ ދެއްވުމުން، އަލީ ސަބްރީ ފިނޭންސް މިނިސްޓަރުކަމަށް އައްޔަން ކުރައްވާފައިވަނީ އެޕްރީލްމަހުގެ 4 ވަނަ ދުވަހު ސްރީލަންކާގެ ރައީސް އެކުލަވާލެއްވި 4 ވަޒީރުން ހިމެނޭ ވަގުތީ ކެބިނެޓުގައެވެ.

ނަމަވެސް، ޖެހިގެން އައިދުވަހު އަލީ ސަބްރީވަނީ ފިނޭންސް މިނިސްޓަރުކަމުގެ މަގާމުން އިސްތިއުފާ ދެއްވައި، ރައީސް ގޮޓަބާޔަ ރާޖަޕަކްސައަށް ސިޓީފުޅެއް ފޮނުއްވާފައެވެ.

ސިޓީފުޅުގައި އަލީ ސަބްރީ ވިދާޅުވެފައިވަނީ، މަގާމުން އިސްތިއުފާ ދެއްވަން ނިންމެވީ، ސްރީލަންކާއަށް މިވަގުތު ދިމާވެފައިވާ އިގްތިސާދީ އަދި މާލީ މައްސަލަތަކުން އަރައިގަތުމަށް އޭނާއަށްވުރެ ގާބިލް ބޭފުޅަކު ވަޒީރުކަމަށް އިސްކުރެއްވުމަށް ރައީސަށް ފުރުސަތު ދެއްވުމުގެ ގޮތުން ކަމަށެވެ.

ފިނޭންސް މިނިސްޓަރުކަމުގެ މަގާމުގެ އިތުރުން، ނޭޝަނަލް ލިސްޓް އެމްޕީގެ ޕޯސްޓުންވެސް އޭނާ އިސްތިއުފާ ދެއްވިއެވެ. އެއީ، ޕާލަމެންޓުގެ ބޭރުންވެސް ފިނޭންސް މިނިސްޓަރުކަމަށް ގާބިލް ބޭފުޅަކު އިސްކުރެއްވުމަށް ރައީސަށް މަގުފަހި ކޮށްދެއްވުމުގެ ބޭނުމުގައެވެ.

ސްރީލަންކާގެ އިގްތިސާދީ ހާލަތު ހައްތަހާ ގޯސްވަމުންދާއިރު، އަންގާރަ ދުވަހު އަލީ ސަބްރީ އިސްތިއުފާ ދެއްވުމުން ފިނޭންސް މިނިސްޓަރުގެ މަގާމު މިހާތަނަށް އޮތީ ހުސްކޮށެވެ.

ހުކުރުދުވަހު ބޭއްވި ޕާލަމެންޓް ޖަލްސާގައި ވާހަކަފުޅު ދައްކަވަމުން އަލީ ސަބްރީވަނީ، ރައީސްގެ ނިންމެވުމާއެކު ފިނޭންސް މިނިސްޓަރު ކަމުގައި ދެމިހުންނެވުމަށް ނިންމެވި ސަބަބު ހާމަކޮށްދެއްވާފައެވެ.

އޭނާ ވިދާޅުވީ، މަގާމުގައި ދެމިހުންނެވުމަށް ނިންމެވީ، މިހާރުގެ ހާލަތަށް ބަލައި ދިމާވެދާނެ ނުރުހުންތަކާހެދި ފިނޭންސް މިނިސްޓަރުކަމާ ހަވާލުވާން އެއްވެސް ބޭފުޅަކު ބޭނުން ނުވުމުން ކަމަށެވެ. އެހެން ނަމަވެސް، ދިމާވެދާނެ ކޮންމެ ފަދަ ގޮންޖެހުމަކާވެސް ކުރިމަތިލައި ގައުމުގެ އިގްތިސާދު ސަލާމަތްކުރަން އޭނާ ހުންނެވީ ތައްޔާރަށް ކަމަށް ސަބްރީ ވިދާޅުވިއެވެ.

ފިނޭންސް މިނިސްޓަރު ކަމުގައި ދެމިހުންނެވުމަށް އަލީ ސަބްރީ ނިންމެވިއިރު، ސްރީލަންކާ މިހާރު ތައްޔާރުވަމުންދަނީ އިންޓަރނޭޝަނަލް މަނިޓަރީ ފަންޑާއެކު ބާއްވާ މަޝްވަރާތަކަށެވެ.