އައްޑޫ ސިޓީގެ ރައްޔިތުންނަށް ބޯފެން ލިބުން ދަތިވެ، ފެނަށް ޖެހިއްޖެއެވެ.

އައްޑޫ ސިޓީއަށް ވާރޭ ނުވެހޭތާ ގިނަ ދުވަސްތަކެއް ވެފައިވާއިރު، އެ ސިޓީގެ ގިނަ ފިހާރަތަކުންވެސް ވަނީ ފެން ހުސްވެފައެވެ.

އައްޑޫގައި ފެންވިއްކުމުގެ ވިޔަފާރިކުރާ ފަރާތަކުން ބުނީ މިދުވަސްކޮޅު މާލެއިންވެސް ފެން ލިބުމުގައި ދަތިތަކެއް އެބަހުރި ކަމަށެވެ. އަދި މިހާރު، ގެނައުމަށް ހަމަޖެހިފައިވާ ޝިޕްމެންޓްވެސް، ލިމިޓްކޮށް ވިއްކަން ނިންމާފައިވާ ކަމަށެވެ.

މިހާރު ފެން ލިބެން ހުރި މަދު ފިހާރަތަކުންވެސް ލިމިޓްކޮށް ފެން ކޭސް ވިއްކަމުން ދާއިރު، މިކަމުގެ ސަބަބުން ގިނަ ބަޔަކަށް ވަނީ ދަތިތަކާއި ކުރިމަތިލާންޖެހިފައެވެ.

އައްޑޫގެ ފިހާރަތަކުން މިހާރު އެންމެ ކުޑަފުޅިވެސް ވިއްކަނީ ލިމިޓްކޮށްގެން ކަމަށާއީ އިއްޔެވެސް ހުޅުދޫ މީދޫއިން ފެން ނުލިބިގެން ފޭދޫއިން ގަންނަން ޖެހުނު ކަމަށް ވީނިއުސްއަށް މައުލުމާތުދިން މީހަކު ބުންޏެވެ.

ފޭދޫ އިން ވެސް މީހަކަށް ދެ ކޭސް މި ވިއްކަނީ. މި ރަމަޟާން މަހު ފެން ހުސްވެ، ފެން ހޯދުމަށް ގިނަ ދަތިތަކެއް އަންނަނީ ކުރިމަތިވަމުން"
މީދޫ މީހާކު

އައްޑޫއިން ފެން ހުސްވެ ފެނަށް ޖެހިފައިވާއިރު، ސަރުކާރުގެ ފެން ކުންފުނި އެމްޑަބްލިޔުއެސްސީގެ ދަށުން ހިންގާ ކުންފުންޏެއްގެ އުފެއްދުމެއް ކަމަށްވާ ތާޒާ ފެން އެއްވެސް ދަތިކަމެއްނެތި ލިބޭނެކަމަށް އެމްޑަބްލިޔުއެސްސީން ވަނީ ބުނެފައެވެ.

އެމްޑަބްލިޔުއެސްސީގެ މެނޭޖިންގ ޑިރެކްޓަރ ހަސަން ޝާހު ވިދާޅުވީ އެމްޑަބްލިޔުއެސްސީން އުފައްދާ ތާޒާ ފެނުގެ ރަނގަޅު ސްޓޮކެއް އެބަހުރި ކަމަށާއި، ރޯދަމަހު އެއްވެސް ދަތިކަމެއްނެތި ފެން ލިބޭނެކަމުގެ ފުރިހަމަ ޔަގީންކަންވެސް އެބައޮތް ކަމަށެވެ.