• މިފްކޯ އިން ވަނީ މަސްކިރާނެ މިންވަރެއް ކަނޑައަޅާފައި
  • މަސް ނުކިރުނަސް އިސްރާފުކޮށްގެން ނުވާނެ
  • މަސްވެރިކަން ކިތަންމެ ރަނގަޅު ނަމަވެސް މަސްބާނާ މިންވަރު ކޮންޓްެރޯލްކުރަންޖެހޭ

އަނެއްކާވެސް ދެކުނުގެ މަސްވެރިކަން އާދަޔާ ހިލާފަށް ރަނގަޅުވެ، މަސް ކިރުވާ އަދަދު އިތުރުވުމުން މޯލްޑިވްސް ފިޝަރީޒް ކޮމްޕެނީ (މިފްކޯ) އިން މިވަނީ މަސް ގަންނަ އަދަދު ލިމިޓްކޮށްފައެވެ. އެ ކުންފުނިން ނެރުނު ބަޔާނެއްގައި ވާގޮތުގައި، އެއްފަހަރާ ގިނަ ދޯނިތަކުން ދެކުނުގެ ސެންޓަރުތަކަށް މަސް ކިރުވާ އަދަދުވަނީ އެ ކުންފުނީގެ ކެޕޭސިޓީއަށް ވުރެ އިތުރުވެފައެވެ. އެހެންވެ މަސް ކިރުމުގައި ދަތިތަކާ ދިމާވާ ކަމަށާއި މަސް ކިރުވަން ކިޔޫގައިޖެހޭ އަދަދުވެސް އިތުރުވެފައިވާ ކަމަށް މިފްކޯއިން ނެރުނު ބަޔާނުގައި ފާހަގަ ކޮށްފައިވެއެވެ.

މިފަދަ ކޮންމެ ހާލަތެއްގައި މި ފަހަކަށް އައިސް މަަސްވެރިންގެ ފަރާތުން ގޯސް އާދައެއް ފެނެއެވެ. ބާނާ މަސްތައް އެއްކޮށް ނުކިރުމުން، ނުކިރިވާ މަސްތައް ކަނޑަށް ނުވަތަ މޫދަށް އުކާލުމެވެ. މިއީ ހަގީގަތުގައިވެސް ކަންބޮޑުވާންޖެހޭ ވަރުގެ މައްސަލައެކެވެ. ކުރެވޭ ބޮޑު އިސްރާފަކަށް ވާއިރު، މުސްލިމުންގެ ގޮތުގައި ތިބެ އެއްގޮތަކަށްވެސް ކުރަން ހެޔޮވާ ވަރުގެ ކަމެއް ނޫނެވެ. އިސްލާމްދީން އިސްރާފުކުރުމަށް ބުނަނީ ކަނޑައެޅިގެން "ނޫނެކޭ" އެވެ. އިސްލާމްދީނުގައި އިސްރާފްކުރުން އެއީ ނަހީ ކުރައްވާފައިވާ ކަމެކެވެ. އިސްރާފްކުރުމަކީ މާތްﷲ ނުރުއްސަވާ ސިފަތަކުގެ ތެރެއިން ސިފައެކެވެ. އިސްރާފްކުރުމަކީ ވެވޭ ހިޔާނާތެކެވެ.

https://youtu.be/KqseY8_6RIA

މަސްވެރިކަން ރަނގަޅުވާ ކޮންމެ ފަހަރަކު "ކަނޑު ހުސްކުރަން ދިމާކޮށްލާކަށް ނުޖެހޭ" ނޫންތޯއެވެ؟ މަހުގެ ސްޓޮކް ސަސްޓެއިން ކުރުމަށްޓަކައި އެކުލަވާލާފައިވާ މިންގަނޑުތަކާ ޚިލާފުވެެއްޖެނަމަ ފަހުން މާ ދެރަވާނެ ނޫންތޯއެވެ؟ މަސްވެރިކަން ކިތަންމެ ރަނގަޅުވިޔަސް މަސްބޭނުމުގައި ވެސް ހައްދެއް އޮންނަންޖެހެއެވެ. ކިތަންމެ ބޭނުން ވިޔަސް ކުންފުނިތަކަށް ނުކަތާ ވަރަށް މަސް ބާނައިގެން ނުކިރޭނެކަން ދަންނަންޖެހެއެވެ. ކިތަންމެ ގަބޫލުކުރަން އުނދަގޫ ވިޔަސް ހަގީގަތާއި ކުރިމަތިލުމީ އޮތް ކަމެކެވެ.

މިފްކޯއިން ބުނާ ގޮތުގައި، ފާއިތުވި ދެދުވަހު އެކި ސެންޓަރުތަކަށް 1،390 ޓަނުގެ މަސް ކިރުވަން ދޯނިތަކުން ވަނީ ގޮސްފައެވެ. އެއީ އެވްރެޖުކޮށް ދޯންޏަކަށް 12 ޓަނު ކަމަށް ވާއިރު ބޮޑެތި ދޯނިތަކުން ދުވާލަކު 25-60 ޓަނުގެ މަސް ބާނައެވެ. ނަމަވެސް ލިމިޓުކޮށްފައިވުމުން، އެ ކުންފުނިން ކިރާނީ އެންމެ ގިނަވެގެންވެސް ފަސްޓަނުގެ މަހެވެ.

މިފްކޯގެ ދެކުނުގެ ކެޕޭސިޓީއަކީ 420 ޓަނެވެ. އެ ކެޕޭސިޓީ އިތުރު ކުރުމަށް އެ ކުންފުނީގެ ޖަޒީރާ-102 ވަނީ ކޫއްޑުއަށް ގެންގޮސްފައެވެ. އެއީ 100 ޓަނުގެ މަސް ގަނެވޭ ވަރުގެ ބޯޓެކެވެ. ކެޕޭސިޓީއަށް ވުރެ ގިނައިން މަސް ލިބޭތީ މިފްކޯއިން އަންނަނީ ކޯލްޑް ސްޓޯރޭޖްތަކުން ޖާގަ ހޯދަން ކެރިއާ ބޯޓުތައް ގެންގޮސް އެކްސްޕޯޓް ކުރުމުގެ މަސައްކަތްވެސް ކުރަމުންނެވެ. އެ ކުންފުނިން އެ ކުންފުންޏަށް ވީ ވަރަކުން މިކަން ފަހިކުރެވޭތޯ އެބަ މަސައްކަތް ކުރެއެވެ.

މަސްތަކެއް އުކާލާއިރު، އަހަރެމެންގެ ތެރެއިން ގިނަ ބަޔަކަށް އެއީ ބަލަން ފަސޭހަ މަންޒަރެއް ނޫނެވެ. އެހެންކަމުން ނުކިރޭ ވަރަށް، ނުވިކޭ ވަރަށް، ހިލޭ ނުބެހޭ ވަރަށް، މަސްވެރިން މަސް ބާނަނީ ކީއްވެގެންތޯ ގިނަ ބަޔަކު އެބަ ސުވާލުކުރެއެވެ. ފޭސްބުކް ނުވަތަ ޓްވިޓާގައި މިވާހަކަ ވަރަށް ގަދަޔަށް އެބަ ދެކެވެއެވެ.

"ދިވެހި މަސްވެރިން" ބުނާ ގޮތުގައި އުކާލަނީ ނުކިރި ގިނަ ދުވަހު މަޑުކުރަން ޖެހުމުން ހަލާކުވާ މަސްތަކެވެ. ފިނިކޮށްފައި މާ ގިނަ ދުވަހު ދޯނިފަހަރުގައި މަހެއް ނުބެހެއްޓެއެވެ. މަސްކޮޅު ވިއްކާލައިފައި އަލުން އައިސް ހިފައިގެން ނައްޓާލަނީއެވެ. އަލުން އައިސް އެޅުމަށް ބަހަނާއަކަށް ދައްކާފައި ވިޔަސް މަސްތަކެއް އުކާލުމަކީ ދެރަކަމެކެވެ. ނުކިރޭނެކަން އެނގިތިބެ އިތުރަށް ބާނާކަށް ނުޖެހެއެވެ. ކޮންމެ މަސްވެރިކަމެއްގައި ވެސް އެފަދަ މަންޒަރު ފެނުމަކީ ހިތާމަކުރާންޖެހޭ ކަމެކެވެ.

ދިވެހިންނަކީ ވަރަށް މުރާލި، ކެރޭ، ހީވާގި، މަސައްކަތްތެރި ބައެއްގެ ގޮތުގައި ޒަމާނުންސުރެ ނަން މަޝްހޫރު ބައެކެވެ. މިފްކޯ ފަދަ ކުންފުނިތައް އުފަން ނުވާއިރުވެސް ދިވެހިންގެ ލޭނާރަކީ މަސްވެރިކަމެވެ. މަސްވެރިކަމަކީ އޭރުވެސް މިހާރުވެސް ގައުމުގެ އިގުތިސަދުގެ މައި ނާރެހެކެވެ. ދިވެހި ކަނޑުތަކުން ބާނާ މަސް ކިރާނެ ކުންފުންޏެއް ގައުމުގައި ނެތަސް، އެ ޒަމާނުގައި މިހާރު މިކުރާ ގޮތަށް މަސް އިސްރާފުކޮށް އުޅުނު ކަމަކަށް ނުވެއެވެ.