ރާއްޖޭގައި ކަރަންޓުގެ ޚިދުމަތް ފޯރުކޮށްދެމުން އަންނަނީ ގައުމުތަކުން އެތެރެކުރާ ތެލަށް ބަރޯސާވެގެން ކަމަށްވުމާއެކު ކަރަންޓު އުފެއްދުމަށް ވަރަށްބޮޑު ހޭދައެއް ކުރަންޖެހެއެވެ. އެހެންކަމުން ކަރަންޓުގެ ޚިދުމަތަކީ މާލީ ގޮތުންނާއި ތިމާވެށީގެ ގޮތުން ދެމެހެއްޓެނިވި ޚިދުމަތަކަށް ނުހަދައި ފަރުޖެއްސޭކަށް ނެތެވެ.

މިކަން ކުރުމަކީ ރައީސުލްޖުމްހޫރިއްޔާ އިބްރާޙިމް މުހައްމަދު ޞާލިހުގެ ސަރުކާރުގެ އަމާޒެކެވެ. މި އަމާޒަށް ވާސިލުވުމަށްޓަކައި، ސަރުކާރުގެ ސްޓްރެޓެޖިކް އެކްޝަން ޕްލޭންގައި ވަނީ މުހިއްމު ކަންތައްތަކެއް ހިމަނާފައެވެ. އެގޮތުން 2023 ވަނަ އަހަރު ނިމޭއިރު، 2018 ވަނަ އަހަރުގެ ނިޔަލަށް އިއާދަކުރަނިވި ހަކަތަ ރާއްޖޭގައި ޤާއިމުކޮށްފައިވާ އިންސައްތައަށްވުރެ 20 އިންސައްތަ އިތުރުކުރުން ހިމެނެއެވެ.

މީގެ އިތުރުން، ރާއްޖެއަކީ 2030 ގެ ނިޔަލަށް ނެޓް-ޒީރޯ ޤައުމަކަށް ހެދުމަށް ސަރުކާރުން ވަނީ ނިންމާފައެވެ.

ރާއްޖޭގައި ޤާއިމުކޮށްފައިވާ ކަރަންޓުގެ ނިޒާމު ޒަމާނީކޮށް ދެމެހެއްޓެނެވި ކުރުމަށް ކުރެވެމުންދާ މަސައްކަތްތަކުގެ ތެރޭގައި ޖަނަރޭޓަރުތަކާއި ކަރަންޓު ވިއުގަ އައުކޮށް އިއާދަކުރަނިވި ހަކަތައިން ކަރަންޓު އުފައްދާ ވަސީލަތްތަކާއި އެނަރޖީ މެނޭޖުމަންޓް ސިސްޓަމް މެދުވެރިކޮށް އެސިސްޓަމްތައް ބެލެހެއްޓޭނެގޮތް ހެދުން ހިމެނެއެވެ.

ރާއްޖޭގައި ދެވަނައަށް އެންމެ އާބާދީ ބޮޑު އައްޑޫ ސިޓީގައި މިހާރުވެސް 1.6 މެގަވޮޓުގެ ސޯލާ ޕީވީ –ޑީސަލް ހައިބްރިޑް ސިސްޓަމް ވަނީ ޤާއިމުކޮށްފައެވެ. އަދި ހަމަ އެ ސިޓީގައިވަނީ 01 މެގަވޮޓުގެ ބެޓެރީ އެނަރޖީ ސްޓޯރޭޖު ސިސްޓަމެއްވެސް ގާއިމުކޮށްފައެވެ.

އައްޑޫގައި ގާއިމުކޮށްފައިވާ ބެޓެރީ އެނަރޖީ ސްޓޯރޭޖު ސިސްޓަމުން މޫސުމަށް އަންނަ ބަދަލާއެކު ސޯލާ ޕީވީ ނިޒާމަށް އަންނަ ލޮޅުންތައް ކުޑަކޮށް ޑީސަލް ޖެނެރޭޓަރުތަކަށް ދިމާވެދާނެ މައްސަލަތަކުން ސަލާމަތްކޮށްދީ ތެލުގެ އިސްރާފު ކުޑަކޮށްދޭނެއެވެ. އަދި މިސިސްޓަމުގެ ސަބަބުން ސޯލާ ޕީވީ އިތުރުކޮށް ގްރިޑަށް ފީޑުކުރުމަށް ފުރުސަތު އިތުރުކޮށްދޭނެއެވެ.

ހަމައެހެންމެ، މި ސިސްޓަމުގެ ސަބަބުން އައްޑޫ ސިޓީގައި ކަރަންޓު އުފެއްދުމަށް ބޭނުންކުރާ ތެލުން އަހަރަކު 800،000 ލިޓަރު ޑީސަލް ސަލާމަތްވާނެއެވެ. އެއީ ރުފިޔާއިން ބަލާކަމުގައި ވާނަމަ ގާތްގަނޑަކަށް އަހަރަކު 6،500،000 ރުފިޔާއެވެ.

ސަރުކާރުގެ ސްޓްރެޓެޖިކް އެކްޝަން ޕްލޭންގައިވާ އަމާޒަށް ވާސިލުވުމަށް ސަރުކާރުން ވަނީ 15 ރަށެއްގެ ކަރަންޓް ވިއުގަ ޒަމާނީ ފެންވަރަށް އަޕްގްރޭޑް ކުރުމުގެ ބިޔަ މަޝްރުޢެއްވެސް އިޢުލާންކޮށްފައެވެ.