ސަރުކާރުގެ އޮފީސްތަކުން އަންނަ އަހަރު އަލަށް ހިންގަން ބަޖެޓް ކުރާނެ މަޝްރޫއުތަކުގެ މައުލޫމާތު ދިނުމަށް ފިނޭންސް މިނިސްޓްރީން އެދިއްޖެއެވެ.
މިނިސްޓްރީ އޮފް ފިނޭންސުން އޮފީސްތަކަށް ފޮނުވި ސާކިއުލާއެއްގައި ބުނެފައީއޮތީ 2023 އިން 2025 ވަނަ އަހަރަށް ލަފާކުރާ މެދުރާސްތާގެ ބަޖެޓް އެކުލަވާލުމުގެ މަސައްކަތްތައް އެ މިނިސްޓްރީން ކުރަމުން ގެންދާތީ ސަރުކާރު އޮފީސްތަކުން އަލަށް ކުރަން ކަނޑައަޅާ ކަންކަން އަދި މަޝްރޫއުތަކުގެ މައުލޫމާތު އެނގެން ބޭނުންވާ ކަމަށެވެ.
ސާކިއުލާގައި ބުނެފައިވަނީ 2023 އިން 2025 އަށް ލަފާކުރާ މެދުރާސްތާގެ ބަޖެޓަކީ ސްޓްރެޓީޖިކް އެކްޝަން ޕްލޭނާއި ނޭޝަނަލް ރެޒިލިއެންސް އެންޑް ރިކަވަރީ ޕްލޭންގެ މައްޗަށް ބިނާކޮށް ތައްޔާރުކުރާ ޕްރޮގްރާމް ބަޖެޓެއް ކަމަށެވެ.
އެގޮތުން އެ ބަޖެޓު އެކުލަވާލުމުގެ ފުރަތަމަ މަރުހަލާގެ ގޮތުގައި ދައުލަތުގެ އޮފީސްތަކުން އަލަށް ފެށުމަށް ރާވާފައިވާ ޕްރޮގްރާމްތަކާއި މަޝްރޫއުތައް އެކުލަވާލައި ފިނޭންސް މިނިސްޓްރީއަށް ހުށަހެޅުން ހިމެނޭ ކަމަށް މިނިސްޓްރީން ބުނެފައިވެއެވެ.
ނިއު ޕޮލިސީ އިނިޝިއޭޓިވްސް އެކުލަވާލުމުގައި ދައުލަތުގެ އޮފީސްތަކުން ހުށަހަޅާ ކަންތައްތަކަކީ ސަރުކާރުން އެކުލަވާލާފައިވާ އެސްއޭޕީ އަދި އެންއާރްއާރްގައި ހިމެނޭ ކަންތައްތައް ހާސިލްވާނެ ގޮތަށް އެކުލަވާލާފައިވާ ކަންތައްތައްކަމުގައި ވާންވާނެ ކަމަށްވެސް ބުނެފައި ވެއެވެ.
އަދި ނިއުޕޮލިސީ އިނިޝިއޭޓިވްގެ ގޮތުގައި ހުށަހަޅާ ޕްރޮގްރާމް ނުވަތަ މަޝްރޫއުގެ ސަބަބުން މިންތީގެ ހަމަހަމަކަމަށް ކުރާނެ އަސަރާއި ސަސްޓެއިނަބަލް ޑިވެލޮޕްމަންޓް ގޯލްތަކާއި ހުރި ގުޅުން ބަޔާންކުރަންވާނެ ކަމަށް ސާކިއުލާގައި ވެއެވެ.
އެހެންކަމުން ސަރުކާރު އޮފީސްތަކުން އަންނަ އަހަރު އަލަށް ހިންގަން ބަޖެޓް ކުރާނެ މަޝްރޫއުތަކުގެ މައުލޫމާތު އަންނަ މަހުގެ 30ގެ ކުރިން ފިނޭންސް މިނިސްޓްރީއަށް ހުށަހެޅުމަށް އިދިފައި ވެއެވެ.