• މުޒާހަރާއަށް އަދިވެސް މީހުން ޖަމާވަނީ

ސްރީލަންކާގެ ރައީސް ގޮޓަބާޔަ ރާޖަޕަކްސަގެ އިސްތިއުފާއަށް ގޮވާލައި، ވެރިރަށް ކޮޅުނބުގައި އަލުން މުޒާހަރާތައް ފަށައިފިއެވެ.

އާންމުން މުޒާހަރާއަށް ނުކުމެފައިވަނީ ކޮޅުނބުގެ ގޯލް ފޭސް ގްރީން ސަރަހައްދަށެވެ.

މީޑިއާ ރިޕޯޓްތައް ބުނާގޮތުގައި، އެތައްހާސް ބަޔަކު ދަނީ މުޒާހަރާގައި ބައިވެރިވަމުން،ނެވެ. އަދި އިތުރު މީހުންވެސްނީ މުޒާހަރާއާ ގުޅެމުންނެވެ.

ސޯޝަލް މީޑިއާގައި އާންމުވެފައިވާ ވީޑިއޯތަކުން ފެންނަ ގޮތުގައި، މުޒާހަރާގެ ބައިވެރިން ތިބީ ތަފާތު ޝުއޫރުތައް ލިޔެފައިވާ ބޮޑުތައްވެސް ހިފައިގެންނެވެ.

ސްރީލަންކާގެ އާންމުން ގެންދަނީ ރައީސްގެ އިސްތިއުފާއަށް ގޮވައި ކޮންމެ ދުވަހަކު މުޒާހަރާކުރަމުންނެވެ. އަދި މުޒާހަރާތަކުގައި ސްރީލަންކާގެ އެކި ދާއިރާތަކުގެ މުވައްޒަފުންވެސް ގެންދަނީ ބައިވެރިވަމުންނެވެ.

ރައީސް ގޮޓަބާޔަ ރާޖަޕަކްސަގެ އިސްތިއުފާއަށް ގޮވައި ކުރަމުންދާ މުޒާހަރާތައް ވަރުގަދަ ވަމުންދާއިރު، ރައީސް ގޮޓަބާޔައަށް ތާއީދު އޮތްކަން ހާމަކޮށްވެސް އިއްޔެ ކޮޅުނބުގައިވަނީ އެއްވުމެއް ބާއްވާފައެވެ.، މި އެއްވުމުގައި ސަތޭކައެއްހާ މީހުން ބައިވެރިވިއެވެ. އެމީހުން ތިބީ ސްރީލަންކާގެ ގައުމީ ދިދަވެސް ހިފައިގެންނެވެ.

ސްރީލަންކާގެ އިގްތިސާދު ހީނަރުވެ، ކާބޯތަކެއްޗާއި، ބޭހާއި ތެޔޮ ލިބުން ދަތިވެ، ތަކެތީގެ އަގު އަތްނުފޯރާ ފަށަށް މައްޗަށް ދިއުމުން ރައްޔިތުންވަނީ މަގުތަކަށް ނުކުމެ މުޒާހަރާތައް ފަށާފައެވެ. މުޒާހަރާތައް ހުއްޓުވަން ސަރުކާރުން މުޅި ގައުމުގައި ކުއްލި ނުރައްކަލުގެ ހާލަތު ހިންގައި އަދި ކާފިއުވެސް ހިންގިއެވެ.

ނަމަވެސް، ރައްޔިތުން މައިތިރި ނުވުމުން ސަރުކާރުގެ މުޅި ކެބިނެޓްވަނީ އިސްތިއުފާ ދީފައެވެ. ސަރުކާރުން ބުނެފައިވަނީ، ކޮންމެފަދަ ހާލަތެއް މެދުވެރިވިޔަސް ރައީސް ގޮޓަބާޔަ ރާޖަޕަކްސަ މަގާމުން އިސްތިއުފާ ނުދެއްވާނޭ ކަމަށެވެ.

މިކަމުގެ ތެރޭގައި، ޕާލަމެންޓްގައި ސަރުކާރަށް އޮތް އަޣުލަބިއްޔަތުވެސް މިހާރުވަނީ ގެއްލިފައެވެ. ނަމަވެސް، ރައީސްގެ އިތުބާރު ނެތްކަމަށް ފާސްކުރަން ޕާލަމެންޓުގެ އިދިކޮޅު ޕާޓީތަކުން އަދި ބޭނުމެއް ނުވެއެވެ.

ސްރީލަންކާ މިހާރު ވެއްޓިފައިވާ އިގްތިސާދީ ފުން ވަޅުގަނޑުން އަރައިގަތުމަށް ގިނަ މަސައްކަތްތަކެއް ކުރަމުންދާއިރު، ބޭރުގެ މާލީ އެހީއާއި، ދަރަންޏަށް ތަކެތި ހޯދުމުގެ މަސައްކަތްވެސް ސްރީލަންކާ ސަރުކާރުން ގެންދަނީ ކުރަމުންނެވެ.