ފިޝަރީޒް މިނިސްޓަރ ޑރ. ހުސައިން ރަޝީދު ހަސަން ކޫއްޑޫއަށް ވަޑައިގެންފިއެވެ.

މިނިސްޓަރ ކުރައްވާފައިވާ ޓްވީޓެއްގައި ވިދާޅުވެފައިވަނީ މިއީ މަސްވެރިންގެ ޝަކުވާތައް އަޑުއެހުމަށް ކުރައްވާ ދަތުރުފުޅެއް ކަމަށެވެ.

މިނިސްޓަރުގެ ޓްވީޓުގައި ވިދާޅުވެފައިވަނީ، ކޫއްޑޫއަށް ވަޑައިގެންނެވީ ރާއްޖޭގެ ދެކުނަށް މަސްކިރާގޮތް ބަލައި މަސްވެރިންގެ ކަންބޮޑުވުމާއި ޝަކުވާ އަޑުއެހުމަށް ކަމަށެވެ.

މިނިސްޓަރު ކޫއްޑޫއަށް ވަޑައިގެންފައިމިވަނީ ރާއްޖޭގެ ދެކުނަށް މަސްވެރިކަން ރަނގަޅުވެ، މަސްވެރިން ބާނާ މަސް ކިރުމުގައި ދަތިތައް މެދުވެރިވެފައިވާ ދަނޑިވަޅެއްގައެވެ. އެގޮތުން މިފްކޯ އިން ނިންމާފައިވަނީ ކޮންމެ ދޯންޏަކުން ވެސް ފަސްޓަނުގެ މަސް ކިރުމަށެވެ.

ޒަމާނީ ބޮޑެތި ބަދަލުތަކާއެކު ދޯނިފަހަރުގެ ސައިޒަށް ވެސް ބަދަލުއައިިސްފައިވާއިރު، ކޮންމެ ދޯންޏަކީ ވެސް ފަސްޓަނަށް ވުރެ ގިނައިން މަސްބާނާ އުޅަނދުފަހަރެވެ.

މިފްކޯ އިން މަސްގަތުން ކޮންޓްރޯލު ކުރުމުން ގިނަ މަސްވެރިން ނުރުހުން ފާޅުކުރަމުންދާއިރު، ބައެއް ދޯނިފަހަރުން ބޭނި މަސްތައް ނުކިރިގެން ވަނީ އުކާވެސް ލާފައެވެ.