ބައްތީގެ ހުޅުކޮޅަށް ބަލަހައްޓައިގެން ސަކީނާ އޮތްއިރު އޭނާގެ ހުސްނޫކަމާ މަޢްސޫމުކަން ކިތަންމެ ފުރިހަމައަށްވެސް އެހުރީ ފާޅުވެ ހާމަވާންށެވެ. ފަތްމިއްޏެއް ނޫންނަމަވެސް އެ ސަފުގައި ގުނާލެވޭނެ ފުރިހަމަކަމެއްމެއެވެ. މުޅި ތިލަދުންމަތީގައި ސަކީނާގެ ރީތިކަމުގެ ވާހަކަނުދައްކާ ހޮޅުއަށްޓެއް ނެތުން އެއީ މިކަމަށް ދަލީލުކުރާ ކަމެއްތާއެވެ. ލިބިފައިހުރި ރީތިކަމާ ބަނިޔާދަންކަމުގެ އިތުރުން ސަކީނާއަކީ އަޚްލާގު ހެޔޮ ޚުލްގުހެޔޮ ހިތް ސާފު ދީންވެރި މީހެއްވެސް މެއެވެ. މޭޒުމަތީގައި ބޯއަޅާލާގެން ސަކީނާ އޮންނައިރު ބަލާމީހަކަށް އެމަންޒަރު ސިފަކޮއްދިނުމަށް އެންމެ ކުޅަދާނަވާނީ މޭޒެއްގެމަތީ ބާއްވާލާފައިއޮތް އަސުރަށް ފޮޅުނުނު ރިވެތި މަލެއްގެ ސިފައިގައެވެ.

އަހަރުތަކެއް ކުރިއެވެ. އެއީ ސަކީނާ ފުރާވަރަށް އަޅާފުރިހަމަވަމުން އައި ދުވަސްވަރެވެ. މުޅި ރަށުގައި އޮތީ ރާވެރި ހަސަނާ ފާތުމަގެ ސަކީނާ ރީތިކަމުގެ ވާހަކައެވެ. އޭނާގެ ކައިވެއްޏަށް ނާހާ ޒުވާނެއް މުޅި ރަށުގައިވެސް ނެތީއެވެ. މިކަމާ ރާވެރި ހަސަނާ ފާތުމަ ކިތަންމެ ފަޚުރުވެރި ވިއެއްކަމަކު އެދެމީހުންގެ ކަންބޮޑުވުންތަށް އިންތިހާޔަށް ގިނައެވެ. މި ކަންބޮޑުވުންތަކުގެ ވާހަކަ ކިތަންމެ ރެއަކު ފާތުމަ ހަސަނު ގާތު ދައްކާފިއެއްކަމަކު ހަސަނުގެ މާބޮޑު ފަރުވާލެއް ސައުގުވެރިކަމެއް ފާތުމަގެ ވާހަކަތަކަކަށް ނުދިނެވެ. އަމުދަކުން ހަސަނަށް ކުރެވޭނެ މާބައިވަރު ކަންތަށްތަކެއް ހުރީއެއްނޫނެވެ. އާއިލާގެ ފަގީރުކަމާއި ރައިވެރިއަކަށްވެފައި ރަށުގައި ގަދަރު ވެރިއެއް ނޫންކަމުން މާބޮޑު ބާރެއް ހަސަނުގެ ނޯއްނާތީއެވެ. ހުރި ހަމައެކަނި ދަރި ސަކީނާ ފުރިހަމަކަމުގައި ފުރާ ފުރިހަމަ ވަމުން އަންނައިރު ޝިކާރަވެރިއެއްގެ ފަރާތުން އައިސްދާނެ ނުބައި ހަމަލާއަކަށް ފާތުމަމެންގެ ދެމަފިރިންގެ ހިތް ނުތަނަވަސްވެއެވެ. އަދި ސަކީނާގެ ރީތިކަމުގެ ދަހިވެތިކަމުގައި އޭނާއާއި ދިމާކުރާނެ ކިތަންމެ ޒުވާން ހިއްސުތަކެއް ވާނޭކަން އެގި ފާތުމަ އިންތިހާޔަށް ކަންބޮޑުވެއެވެ. ސައިތާނީ ވަސްވާހުގައިޖެހި ސަކީނާ ކަސިޔާރު ފިޔަވަޅެއް އަޅާފާނެތީ ބިރުގަންނަނީއެވެ.

ވާނީވެސް އެހެންތާއެވެ. ނިކަމެތިކަމާ ފަގީރުކަމާ މާޔޫސްކަމުން ހިތް ކުދިކުދިވެ ކަލާންގެ ކިބަފުޅަށް ދަރިޔަކު ދެއްވުމަށް އެދި ބާވީސްއަހަރު ކުރި ދުޢާ އާއިގެން ދެއްވި މިބޮޑު ނިޢުމަތަކީ ހަސަނާއި ފާތުމައަށް ލެއްވި ބޮޑު ނިއުމަތެއް މެއެވެ. މިފަދަ ނިއުމަތަކަށް ފަރުވާކުޑަކޮށް އަޅާނުލާފިނަމަ ކަލާންގެ ހަޟްރަތަށް ފަހެ އެ ދެމަފިރިން ދައްކާނީ ކޮން މޫނެއްހެއްޔެވެ. ދޭނީ ފަހެ ކޮން ޖަވާބެއްހެއްޔެވެ.

އެއްދުވަހެއްގެ ހަވީރެވެ. އެއްއަތުން ބަދިފަތި އަނެއްއަތުން ބަޅުވަޅިހިފައިގެން ބަނޑަހަގެއިން ނިކުމެ ހަސަނު މިސްރާބުޖެހީ ހެނދުނު އެރި ރުއްރުކުން ރާބާލާށެވެ. ހަވީރުގެ ވަގުތުކަމުން ގޭތެރޭގައި ހެދިފައިހުރި ބޮޑު ބަނބުކެޔޮ ގަސްދޮށުގައި ސަކީނާއާއި އެފުރާގެ ކުދިންތަކެއް އުޅުނީ ކުޅޭށެވެ. ހަސަނު ހެނދުނު ގެނައި ރާ ހަކުރަށް ހިލުމަށް ބަދިގޭގައި ފާތުމަ އަވަދިނެތި އުޅުނެވެ. ސަކީނާ އާއި އޭނާގެ އެކުވެރިން ހީ ސަމާސަކޮށް ކުޅެއުޅޭ މަންޒަރު ބަދިގެތެރޭގައި އުޅޭއިރު ފާތުމައަށް ރީއްޗަށް ފެނެއެވެ.

މީހެއްގެ ސަލާންގޮވުމުގެ އަޑަށް ފާތުމަ ބަދިގެއިންނިކުމެ އެމީހަކަށް ޒުވާބުދިންއިރު އެއީ ކަތީބެވެ. ދުފަމުން އައި ހައްޕުޑުގަނޑުން ދެމިޔަކަނުން ކުޑަކޮށް ސޮނި ފައިބައިފައި ހުރި ތަންކޮޅު ކަނާއަތުގެ ދެއިނގިލިން ފޮހެލުމަށްފަހު ފޮޅާލާ ހައްޕުޑުގަނޑު ބިމަށް ޖެހިއެވެ. އެއާއިއެކު ފާތުމައާއި ދިމާލަށް ހިނގާގަތެވެ. ކަތީބުގެ މި ހަރަކާތާއި އޭނާގެ ނިޔަތް ފާތުމައަށް އެނގޭތީ ވީ ފޫއްސެއްގެ ބޮޑުކަމުން ކަތީބު ގާތު އިށީންނަން ބުނަންވެސް ހަނދާން ނެތުނެވެ. ވާނީވެސް އެހެންތާއެވެ. މީގެކުރިންވެސް ކަތީބުގެ އާދަނާ ސަކީނާގެ ކައިވެއްޏައިގެން ކިތަންމެ ފަހަރަކުމެ މިގެޔަށް ކަތީބު އައެވެ. ކަތީބެއްގެ ދަރިއަކަސް އާދަނަކީ ވިޔާނުދާ، އަޚްލާގެއް އަމުދަކުން ނުވެސްނެތް މީހެކެވެ. ސަކީނާގެ ދެމަފިރިން ނޫނަސް ކިތަންމެ ބަޔަކު އާދަނުގެ ކައިވެއްޏަށް ނުރުހުނެވެ.

ގޭގެ ބޭރުގައި ހުރި ޖޯލިފަތީގައި ކަތީބު އިށީންނަމުން ބޮޑާކަމުގެ ރާގެއްގައި އެފެށީ އަނެއްކާވެސް އެވާހަކައެވެ. އާދަނު ނުހަނު އެދިހުރި ކަމެއްކަމާ މިކައިވެނި ވެވިއްޖެނަމަ ފާތުމައާއި ހަސަނަށް ވާނެ ފަސޭހައިގެ ވާހަކަތަކެވެ. ހަސަނު ރުއް އަރަން ދެން ނުޖެހޭނެ ވާހަކައާއި ލިބޭނެ ތަނަވަސްކަމުގެ ވާހަކަތަކުން ކަތީބު ފާތުމަގެ ހިތްރުހޭބަސް ލިބޭތޯ މަސައްކަތް ފެށިއެވެ. ކިތަންމެ ފަގީރު ބައެއް ނަމަވެސް ފާތުމަގެ ހަމައެކަނި ހުރި ދަރިފުޅު ސަކީނާއަށް ކަތީބުގެ އާދަނަށްވުރެ އިންނާން ރަނގަޅު ކިތަންމެ މީހަކު ވާނޭކަން ފާތުމައަށް ޔަގީނެއެވެ. އެހެންކަމުން ކުރިން ފަހަރެކޭވެސް އެއްގޮތަށް ހަސަނާ ތިޔަވާހަކަ ދައްކާފައިނޫނީ އެއްޗެއް ބުނަން ނުކެރޭނެއޭބުނެ ކަތީބު ފޮނުވާލިއެވެ. ކަތީބުދަމުން ސަކީނާއާދިމާލަށް ބަލާލާފައި ދަރިފުޅާ ސަކީނާއޭކިޔާ ގޮވާލާފައި ނިކުމެގެންގޮސް އޮބާލާފިއެވެ.

އޮއްސޭން ޖެހި އިރާއިއެކު ހަސަނު ގެޔަށް އައިސް ކޮނޑުގައި އޮތް ކާށިބަސްތާ ބަދިގެފަރާތަށް ވައްޓާލުމަށްފަހު ބަދިގެތެރޭގައި ބަދިތަށް އަޅުވާފައި ވަނީ ގައިން ތާހިރުވެލަން ގިފިއްޔަށެވެ. ފާތުމަ ބަދިގެތެރޭން އަވަދިވެގެން ހަސަނަށް ކާންހެދިއެވެ. ފެންވަރާ މުންޑުގަނޑު ބަދަލު ކޮށްގެން ހަސަނު ބޮޑުއަށިމައްޗަށް އެރިއިރު ކާންހުރީ ތައްޔާރަށެވެ. ކައި އަވަދިވިތަނާ ސަކީނާ ގުޑުގުޑާގަނޑު ގެނެސް ހަސަނު ގާތުބަހައްޓާ ހަސަނުގެ އަތް ދޮއްވާ ތަށިތަށް ބަދިގެއަށްލާފައި އެއްފަރާތެއްގައި އިށީނދެއްޖެއެވެ. "ހަސަނާ، މިޔަދު ކަތީބު ދުރުވި" ދަމާލި ގުދުގުޑާ ހޮޅި ބޭރަށް ދޫކޮއްލުމަށްފަހު "އަނެއްކާވެސް ސަކީނާ ކަންތަކުގަތަ؟" ފާތުމަ ކަތީބު ދެއްކި ހުރިހާ ވާހަކަތަކެއް ހަސަނަށް ކިޔާދިނެވެ. ފާތުމަގެ ވާހަކަތަށް އަޑުއަހާފައި ހަސަނު މާދަމާ ތިޔަވާހަކަ ކަތީބުގާތު ދައްކާނަމޭބުނެ އެވާހަކަ ކުރުކޮށްލިއެވެ.

އަރައިގެން އައި އިރާއެކު މާލެދާން ފުރި ރަށު ބައްތެއްޔަށް ހިލި ހަކުރުކޮޅު ލާފައި ހަސަނު މިސްރާބުޖެހީ ރުކަށް ދިއުމަށެވެ. ވަކި ހިސާބަކަށް ދިއުމަށްފަހު އެނބުރި ފަހަތަށް ތަންކޮޅެއް ހިނގާލާފައި ކުރިމަތިން ފެންނަންހުރި ހައިބަތު ރަނގަޅުގެޔަކަށް ވަންނަމުން ސަލާން ގޮވާލިއެވެ. އެތެރެއިން ކަތީބުގެ ހައްވާފުޅު ހަސަނު ފެނުމުން ސަލާން ބަލައިގަނެ ކަތީބު ގޭތެރޭގައި އެބަ އިންނެވިކަމަށް ބުއްޏެވެ. ހަސަނު ގޮސް ގެޔަށް ވަނުމުން ކަތީބު ދުފަންއިން ތަބައް އެއްފަރާތް ކޮށްލާފައި ކުރިމަތީގައި ހުރި ގޮނޑިއެއް ދައްކާފައި އިށީނުމަށް އެދުނެވެ. ހަސަނު އިށީނދެ ހަމަޖެހިލާފައި އިސްވެ ވާހަކަފެށިއެވެ. ހަސަނުގެ ވާހަކަތަށް ނިމުނު އިރު ކަތީބުގެ މޫނުގެ ކުލަވަރުން އޭނާގެ ހިތް އޮތް ގޮތް ހަމަ ރަނގަޅަށްވެސް ބަލައިލި ކޮންމެ މީހަކަށްމެ އެނގޭނެއެވެ. ކަތީބުގެ ޒުވާބަކަށް މަޑުކުރުމެއްނެތި ހަސަނު ވާހަކަ ނިންމާލުމަށްފަހު ނިކުމެގެން ދިޔައީއެވެ.

މަސްތަކެއް ފަހެވެ. އެއްދުވަހެއްގެ ހަވީރު ހަސަނު އަސުރުން ފައިބާގެން ތައްޔާރުވެލީ އޭނާގެ މަސައްކަތައިގެން ކުރިއަށް ދިއުމަށެވެ. އިރު އެރީއްސުރެ މިއަދު ފާތުމައަށް ބިރުވެރި އިހްސާސްތަކެއް ކުރެވޭ ދުވަހެއްކަމުން ހަސަނު ގާތު މިއަދު ވަލަށްނުގޮސް މަޑުކޮށްލުމަށް ފާތުމަ އެދުނެވެ. ނަމަވެސް އެއީ ފާތުމަ މާބޮޑަށް ކަންކަމާ ވިސްނާތީ ވާގޮތެކޭ އެހާވަރަށް ނުވިސްނާށޭ ކިޔާފައި ހަސަނު މިސްރާބުޖެހީ ރުއްގަނޑަށެވެ. ފާތުމަ ފުޅަށްބުޑުގައި ހަސަނު ގޮސް އޮބާލަންދެން ބަލަން ހުރެފައި ގޭތެރެޔަށްވަދެ ސަކީނާ އަށް ގޮވާލާފައި އިރުއޮއްސުމުގެ ކުރިން ފެންވަރަންދާށޭ ބުނެފައި މޮއް އިލޮށި ފައްޗެއް ނަގާ ރަނގަޅަށް ބުޑުގަނޑު ބަނބުކެޔޮ ގަހުގައި ތަޅާލައި ހެޔޮވަރު ކޮށްލުމަށްފަހު ގޭތެރެ ކަހަން ފެށިއެވެ.

އަސުރު ނަމާދުން ފޭބިގޮތަށް ބޮޑުފޮށިން ކުޑަ ފޮތެއް މުންޑުދަށައްޖަހާ ފޮރުވައިގެން ކަތީބު ވަރަށް ސިއްރުސިއްރުން ރުއްގަނޑުވަލު އަތިރިޔަށް ދިޔައެވެ. ކަތީބަކީ ރަށުގައި އާއިލާބޮޑު ތަނަވަސް މީހެއްކަމުން އޭނާ އެދޭ ކޮންމެ ކަމެއް މީގެކުރީގައި އަންނަނީ ވަމުންނެވެ. ކޮންމެ ފަދަ ޙާލެއްގައިނަމަވެސް އޭނާގެ ގަދަރާ ބާރުވެރިކަން އެހެންމީހުންގެ ކުރިމަތީ ހިފަހައްޓަން އޭނާ ބޭނުންވެއެވެ. ކަތީބުގެ ހިތް އެދޭގޮތްނޫން އެހެން ގޮތަކަށް ކަމެއް ހިނގައްޖެނަމަ ގަދަކަމުންވެސް އެކަމެއް ހާސިލްކުރުމީ ކަތީބުގެ އާދައެކެވެ. މީހުންގެ ކުރިމަތީގައި ރަނގަޅު މީހަކަށް ހެދިގެންއުޅޭ ނުބައި ނުލަފާ މީހެއްމެއެވެ.

ރުއްގަނޑުތެރެއިން ބާރުބާރަށް ހިނގާފައިގޮސް ހަސަނު ރާބާލަން އަރާނޭ ރުކެއް ކަށަވަރު ކުރުމަށްފަހު މުންޑުދަށުން އެއްކަލަ ކުޑަފޮތްނަގާ ކަތީބުގެ މަސްދަތް ފިޔޮހިން ރުކުބުޑުގައި ވަރަށް ފަރުވާތެރިކަމާއިއެކު އަކައެއް ކުރަހާ މޫދުން ލޮނުގެނެސް އެ އަކަޔަށް އަޅާ އެއްޗެހިތަކެއް ކިޔެވުމަށްފަހު އަކަ މެދަށް ހަތްފަހަރު ފުމެލާފައި އަވަސްއަވަހަށް ވަލުތެރެއިން ނިކުމެގެން ގެޔާދިމާލަށް ހިނގައިގަތެވެ. ހަސަނު ފަހަރަކު ރުކަކުން ރާބާލަމުން ދަނިކޮށް އަތިރިޔަކަށްދާން ޖެހުނެވެ. ނަމަވެސް ބާކީ ނޭރި ހުރީ އެއްމެ ރުކެއްކަމުން އެރުކަށް އަރާފައި ނޫނީ ނުދާން މަޑުކޮށްލީއެވެ.

އިސާޔަށް ގޮވަން ކައިރިވިއިރުވެސް ހަސަނުގެ ޚަބަރެއް ނުވުމުން ފާތުމަހުރީ ވަރަށް ކަންބޮޑުވެފައެވެ. މިޔަދު ހަތަރުދަމު އެފަކީރު އެއުޅެނީ މިހާލެއްގައެވެ. ހާސްކަމެއްގެ ތެރޭގައެވެ. ފުޅަށްބުޑަށް ތެޅެމުން ފޮޅެމުން އައި ސޮރަކު ޖެހިގަތް އަޑަށް ފާތުމަގެ ހިތް އަތަށް އައިކަހަލައެވެ. " ހަސަނު ހެޔެއްނެތޭ" މަރުނުވާކަމެއްވެސްނޭގޭ" އެބަ ގެނެއޭ" ރުކުބުޑަށް ދެމިފައޭ އޮތީކިޔާ" އެއްނޭވާއިން ހުރިހާއެއްޗެއް ކިޔައި ނިންމާލިއެވެ. ފާތުމަ ހުރީ ހަދާނެ ގޮތްހުސްވެ ހުއްޓުން އަރާފައެވެ. ހަދާނޭގޮތެއް ބުނާނޭއެއްޗެއް ނޭގި ގަބުވެފައި ހުއްޓާ ސަކީނާ އައިސް އޭނާގެ މަންމަ އަތުލަފިކޮށްގެން ގެންގޮސް ޖޯލީގައި ބޭންދިއިރު ބަޔަކުމީހުން ހަސަނު ފައްޖެހި އެނދަކަށްލައިގެން ގެނެސް ގޭތެރެޔަށް ވައްދަނީއެވެ.

ހަސަނުގެ ހާލު ވަރަށް ދެރައެވެ. އެއްފަޅީގައި ވާތްގެއް ނެތެވެ. ވާހަކައެއް ނުދެއްކެއެވެ. ހަރަކާތެއް ނުކުރެވެއެވެ. ފުރާނަ ހުރި ނަމަވެސް އެފަކީރެއްވާ ނެތެވެ. އިސާހިތަކު އެތަނަށް ކަތީބާއި ރަށުގެ ކަމުވޮށިގެންވާ ދެތިންމީހެއް ދުރުވެއްނެވިއެވެ. މުދިންބެއާ ކަތީބު ހަސަނު ބެއްލެވުމަށްފަހު އަވަހަށް މާލެގެންގޮސް ރަނގަޅު ބޭސްވެރިއަކަށް ދެއްކުމަށް އެދުނެވެ. ފާތުމަ އަދިވެސް ރޮނީއެވެ. އަވައްޓެރި ދެތިން މީހަކު ވަރަށް ހިތްވަރުދީ ނަސޭހަތްދީގެން ކޮންމެސް ވަރަކަށް މިހާރު ފާތުމަ މައިތިރި ވެއްޖެއެވެ. ނަމަވެސް ސަކީނާ ތަންކޮޅެއް ދުރުގައި ރޯންހުއްޓެވެ. ފާތުމަމެންގެ ނިކަމެތިކަމާއިއެކު އަޅާއިލާނޭ އިތުރު ބަޔަކު ނެތުމުން މާލެ ކީއްކުރަންހެއްޔެވެ. ޖެހިގެން އޮތް ރަށަށްވެސް ދެވޭނޭފަދަވެސް ނެތީއެވެ. ހަދާނެގޮތް ފާތުމައަށް ހުސްވެ ހަތަރު އުދަރެސް ފެނުޖެހުނެވެ.

ހަސަނު ކޮންމެސް ވަރަކަށް ތާހިރުކޮށް ދެވެންއޮތް ފަރުވާއެއް ދިނުމަށްފަހު މިހާރު އެއްވެފައިތިބި ދިހަވަރަކަށް މީހުންވެސް އެމީހަކު ގެޔަކަށް އެމީހަކުގޮސް ނިމިއްޖެއެވެ. މިހާރު ހަސަނުގާތު ހުރީ ސަކީނާއާއި ފާތުމަގެ އިތުރުން ރަށުގެ ކަމުއޮށިގެންވާ ދެމީހަކާއި ކަތީބެވެ.

އެމީހުންވެސް ހިނގާގަތުމުގެ ކުރިން ފާތުމައާއި ސަކީނާއަށް ވަރަށް ހިތްވަރުދީ ނަސޭހަތް ދިނުމަށްފަހު ނިކުމެގެން ދާން ހިގައިގަތެވެ. މިހުރިހާއިރު ކަތީބު އެމަޑުކުރަނީ މިދަނޑިވަޅަށެވެ. އޭނާގެ ރޭވުމުގެ ދެވަނަބައި ފުރިހަމަ ކުރުމަށެވެ. "ފާތުމާ! އަހަރެން ތި ހުރިހާ ޚަރަދެއް ކޮށްދޭން މިހުރީ ތައްޔާރަށް" އެކަމު އާދަނާ ސަކީނާގެ ކައިވެނި" ސަކީނާ އިސްއުފުލާލާ ފާތުމަގެ މޫނަށް ބަލާލާ އާއެކޭ ބުނުމުގެގޮތުން ބޯ ޖަހާލިއެވެ. ފާތުމަ ކަތީބާއި ދިމާލަށް ބަލާލުމަށްފަހު އެދެމައިން އެއްބަސްކަމަށް ބުންޏެވެ. "މާދަމާ ހެނދުނު ފުރަންވީ" ތައްޔާރުވާށޭ ބުނުމަށްފަހު ކަތީބު ނިކުމެގެން ހިނގައިގަތެވެ.

ފަތިހު ގޮވި ހާލާއިއެކު ރަށުތެރޭގައި އަޑުގަދަ ކޮށްލައިފިއެވެ. ހައިބަތުހުރި ހަތް އޮޑިކޮޅު އެހެރަގެން ރަށާދިމާލަށް އަންނަނީއެވެ. އެ އަންނަގޮތަށް އަންނަނަމަ އިރު އަރާވަގުތަށް މިރަށު ފަޅަށް ރިޔާ ދޫކުރާނެއެވެ. ރަށުގެ ކުދިބޮޑު އެންމެން އަތިރިމައްޗަށް ޖަމާވެނިމުނުއިރު އޮޑިތަށް ރަށުގެ ފަޅަށް ރިޔާދޫކޮށްފިއެވެ. އެއާއިއެކު ފެނުނީ ރަށާދިމާލަށް ކުޑަ އޮޑިކޮޅެއްގައި މިސްރު ހަރުބީގައި މައި އޮޑިކޮޅުން ފޭބެއްނެވި ބޭކަލެއް އެބަ ވަޑައިގައްނަވައެވެ. އެބޭކަލަކު ފައިބަންނަވާ ސަލާމް ގޮވާލެއްވުމުން ރަށުގެ އިއްޒަތްތެރިން އަދަބު އަދާކޮށް ކުރުނީސްކޮށް ވަރަށް އިޙްތިރާމާއިއެކު ސަލާމް ރައްދުކުރެއްވިއެވެ. ފާތުމަ އަވަދިނެތި އިރު އެރީންސުރެ ދަތުރަށް ތައްޔާރު ކުރުމުގައި އުޅެނީއެވެ. ބައެއްފަހަރު ރަށުތެރެއިން އަޑުގަދަވެލާފައި ހޯބޯލެވުންތައް ގިނަވާފަހަރު އާދެއެވެ. އެއިންކަމަކަށް ސަމާލުކަން ދޭނޭ ވަގުތެއް ފާތުމައާއި ސަކީނާގެ ދެމަފިރިންނަށް ނުވެއެވެ. ޝިފާއެއް މިންވަރު ކުރައްވާތޯ ހިތާ ހިތުން ދުޢާކުރަމުން ހަސަނަށް ދެވެންއޮތް ފަރުވާއެއް ކުރަމުން ދަތުރަށް އެރުމައިގެން އުޅެނިކޮށް ގޭތެރެއަށް ޖަމާއަތެއްގެ ބަޔަކު ވަދެއްޖެއެވެ. އެއާއިއެކު އިވުނީ "ދިވެހި ރާއްޖޭގެ ރަދުން ސަކީނާގެ ކައިވެންޏަށް އެދި ސަކީނާ ބަލާދުރުވެއްނެވި" ވާހަކައެވެ.

ސަކީނާގެ ސަރުތާއި އެއްގޮތަށް ރަދުން ސަކީނާ އާއި ހަސަނުގެ ދެމަފިރިން މާލެ ގެންދެވިތާ ހަތަރުމަސްފަހުން ހަސަނަށް ބޭސްފަންޑިތަކޮށް ގަދަވެއްޖެއެވެ. އެއާއިއެކު ސަކީނާ އާއި ރަދުންގެ ކައިވެނި ފުރިހަމަ އިއްޒަތުގައި ވެވުމުން ހަސަނުގެ ދެމަފިރިންނަށް ވަރަށްވެސް ގިނަ އިނާމުތަކާ ހަދިޔާތައް ދެއްވުމާއިއެކު ތިލަދުންމަތީ ވާރުވެރިކަން ހަސަނަށް ދެއްވާ ރަށު ކަތީބުކަމާއި ހަވާލުކޮށް ތިލަދުންމަށްޗަށް ފޮނުއްވާލެއްވިއެވެ. މިއަދަކީ ކައިވެއްޏައްފަހު ސަކީނާ ރަދުންގެ ގަނޑުވަރަށް ގެންނެވި ދުވަހެވެ. ފަގީރުކަމާ ނިކަމެތިކަމުގައި ބޮޑުވި ސަކީނާ ގަނޑުވަރުގެ ހައިބަތއިމެދު ޙައިރާންވެ ހުރެ ހިނގަމުންގޮސް އޭނާއަށް ޚާއްޞަ ކޮޓަރިކޮޅަށް ވަނެވެ. ތަރުތީބުކުރާ މީހަކު ފުރިހަމަޔަށް ތަރުތީބު ކޮށްފައިހުރި ކޮޓަރިކޮޅެކެވެ. މަޑުހިނގުމެއްގައި ގޮސް އެއްފަރާތެއްގައި ހުރި މޭޒެއްގެ މަތީގައި ބޯއަޅާލައިގެން ސަކީނާ މޭޒުމަތީ ދިއްލާފައި އިން ބައްތީގެ ހުޅުކޮޅަށް ބަލަން ރަދުންގެ އިންތިޒާރުގައި ސަކީނާ އޮތެވެ. ދެއްވި ބޮޑު ނިއުމަތަށް ޝުކުރުވެރިވާ ހާލުގައެވެ.