ކޮވިޑްގެ ފިޔަވަޅުތަކަށް ދެވުނު ލުޔާއެކު، ބޭރު ގައުމުތަކުގެ މީހުންނާއެކު މިއަހަރުގެ ހައްޖުގެ އަޅުކަމަށް އެއް މިލިއަން މީހުންނަށް ފުރުސަތު ދިނުމަށް ސައުދީ އަރަބިއްޔާއިން ނިންމައިފިއެވެ.
މިއީ، ގާތްގަނޑަކަށް ދެއަހަރު ފަހުން، ސައުދީ އަރަބިއްޔާއިން ބޭރުން ހައްޖަށް ދިއުމަށް ފުރުސަތު ދެވޭ ފުރަތަމަ ފަހަރެވެ. ވޭތުވެދިޔަ ދެއަހަރު ހައްޖުގެ އަޅުކަން ކުރިއަށް ގެންދިޔައީ ސައުދީ އަރަބިއްޔާގެ އެތެރެއިން މަދު ބަޔަކަށް ފުރުސަތު ދީގެންނެވެ.
ސައުދީ ސަރުކާރުގެ މިނިސްޓްރީ އޮފް ހައްޖު އެންޑް އުމްރާއިން އާންމުކުރި ބަޔާނެއްގައި ބުނެފައިވަނީ، މިއަހަރުގެ ހައްޖުގެ އަޅުކަމަށް އާދެވޭނީ އުމުރުން 65 އަހަރުން ދަށުގެ މީހުންނަށް އެކަނި ކަމަށާއި، އަދި ކޮވިޑް ވެކްސިން ފުރިހަމަ ކޮށްފައިވާ މީހުންނަށް އެކަނި ކަމަށެވެ.
ވެކްސިން ފުރިހަމަ ކުރި ނަމަވެސް، ސައުދީ އަރަބިއްޔާއިން ބޭރުން ހައްޖަށް އަންނަ އެންމެންވެސް 72 ގަޑިއިރުނުވާ ޕީސީއާރް ޓެސްޓުގެ ނެގަޓިވް ނަތީޖާ ހުށަހަޅަން ޖެހޭގޮތަށްވެސް ވަނީ ހަމަޖައްސާފައެވެ.
އަދި ހައްޖުވެރިންގެ ސިއްހީ ކަންތައްތައް ވަރަށް ގާތުން ބެލުމުގެ އިންތިޒާމުތައްވެސް ހަމަޖައްސާނޭ ކަމަށް ސައުދީ ހައްޖު އެންޑް އުމްރާ މިނިސްޓްރީން ބުނެފައި ވެއެވެ.
ކޮވިޑާހެދި 2020 ވަނަ އަހަރު ހައްޖަށް ދިއުމަށް ސައުދީ އަރަބިއްޔާގެ އެތެރެއިން ހުއްދަދިނީ 1،000 މީހުންނަށެވެ. 2021 ވަނަ އަހަރުވެސް ސައުދީ އަރަބިއްޔާގެ އެތެރެއިން އެކަނި މީހުން ބައިވެރި ވެފައިވާއިރު މިދިޔަ އަހަރު ފުރުސަތު ދިނީ 60،000 މީހުންނަށެވެ.
ކޮވިޑްގެ ކުރިން ގާތްގަނޑަކަށް ކޮންމެ އަހަރަކު 2.5 މިލިއަން މުސްލިމުން ހައްޖުގެ އަޅުކަން ފުރިހަމަ ކުރަމުން ގެންދިޔައެވެ.
ހައްޖުގެ އަޅުކަން ފުރިހަމަ ކުރުމަށް މައްކާއަށާއި މަދީނާއަށް ޒިޔާރަތް ކުރުން ހަފްތާއަކަށް ދެމިގެންދާއިރު، މުޅި އަހަރު ތެރޭގައި އުމްރާގެ އަޅުކަމަށް ޒިޔާރަތްކުރާ މުސްލިމުންގެ ސަބަބުން ސައުދީ އަރަބިއްޔާއަށް އަހަރެއްގެ މައްޗަށް އާމްދަނީގެގޮތުގައި 12 ބިލިއަން އެމެރިކާ ޑޮލަރު ލިބޭކަމަށް ރަސްމީ ތަފާސްހިސާބުތަކުން ދައްކައެވެ.
ކޮވިޑްގެ ސަބަބުން ހައްޖުވެރިންގެ ފަރާތުން ލިބެމުންދިޔަ އާމްދަނީ ބޮޑުތަނުން ދަށްވިއިރު، ސައުދީ އަރަބިއްޔާއިން މިހާރުވަނީ ކޮވިޑްބަލި ފެތުރުން ހުއްޓުވަން އެޅި ފިޔަވަޅުތައް އުވާލާފައެވެ.
އާންމު ތަންތާނގައި އުޅޭއިރު އިޖުތިމާއީ ގައިދުރުކަން ގާއިމްކުރަން ނުޖެހޭގޮތަށް އަދި ވެކްސިން ޖަހާފައިވާ މީހުން ކަރަންޓީނުވާން ނުޖެހޭގޮތަށްވެސް ވަނީ ނިންމާފައެވެ.
ސައުދީ އަރަބިއްޔާއިން މިހާތަނަށް 751،000 އަށްވުރެ ގިނަމީހުން ކޮވިޑަށް ޕޮޒިޓިވް ވެފައިވާއިރު، ބަލީގައި 9،055 މީހުން މަރުވެފައި ވެއެވެ. ސައުދީ އާބާދީއަކީ 34 މިލިއަނެވެ.