އިންސާފުވެރި ގޮތަކީ ހިޔާ ފްލެޓް ލިބުނު ފަރާތްތަކުން ކުރި ޚަރަދު ހަމަވަންދެން މަހަކު 4500 ރުފިޔާ ކުލީގެ ގޮތުގައި ނެގުން ކަމަށް މާފަންނު މެދު ދާއިރާގެ މެމްބަރު އިބްރާހީމް ރަޝީދު ވިދާޅުވެއްޖެއެވެ.

މެމްބަރު މިފަދައިން ވިދާޅުވީ ހިޔާ މަޝްރޫއުގެ ދަށުން ފްލެޓް ލިބުނު ފަރާތްތަކުން، އެފްލެޓްތަކަށް ކުލި ނުދައްކާ، މަޑުޖައްސާލުމަށް ހިޔާ ޔޫނިއަނުން އެދުމާ ގުޅިގެން ކުރެއްވި ޓްވީޓެއްގައެވެ.

މެމްބަރު ކުރެއްވި ޓްވީޓުގައި ވަނީ ފުލެޓުގެ ބަދަލުގައި ދެވުނީ ހަތަރު ފާރެ ކަމަށާއި ދޮރު ހަރުކޮށް މުށިޖަހާ ކުލަލާ ހެދީ ކުއްޔަށް ހިފި ފަރާތްތަކުން ކަމަށެވެ.

އެހެންކަމުން އިންސާފުވެރި ގޮތަކީ ހިޔާ ފުލެޓް ނަމުގައި 4 ފާރު ލިބުނު ފަރާތްތަކުން ކުރި ހަރަދު ހަމަވާންދެން މަހަކު 4500 ރުފިޔާ ކުލީގެ ގޮތުގައި ނެގުން ކަމަށް މެމްބަރު ވިދާޅުވިއެވެ.

ފްލެޓް ލިބުނު ފަރާތްތަކުން ކުރި ޚަރަދު ހަމަވަންދެން މަހަކު 4500 ރުފިޔާ ކުލީގެ ގޮތުގައި ނެގުން ކަމަށް މެމްބަރު ވިދާޅުވިއިރު ހިޔާ ފްލެޓްތަކުން ކުލި ނެގޭނެ އެއްވެސް ޖާގައެއް ނެތްކަމަށް ހިޔާ ޔޫނިއަނުން ވަނީ ބުނެފައެވެ.

ހިޔާ ޔޫނިއަނުން ނެރުނު ބަޔާނުގައި ބުނެފައިވަނީ، މިމަހުގެ އެއްވަނަ ދުވަހު، ހިޔާ ފުލެޓުގެ ކުލި ނަގަން އަންގާ، އެޗްޑީސީން ނެރެފައިވާ އިއުލާނުގައި ބުނާ ކުލިނެގޭނެ އެއްވެސް ޖާގައެއް އޮތް ކަމަކަށް އެޔޫނިއަނުން ނުދެކޭ ކަމަށެވެ. މީގެއިތުރުން މެއިންޓަނަންސް ޕީ ހިމެނޭގޮތަށް ނަގަން އަންގާފައިވާ މިއެންގުމަކީ ޤާނޫނާއި ޚިލާފު އެންގުމެއް ކަމަށާއި، މެއިންޓަނަންސް ފީ ނެގޭނީ އެގްރިމަންޓައި ބުނެފައިވާ ފަދައިން ކޮންމެ 2 ޓަވަރެއްގެ މެދުގައި އުފައްދާ ކޯޕަރޭޓިވް ސޮސައިޓީގެ ބޯޑު މެދުވެރިކޮށް ކަމަށް ބަޔާނުގައިވެއެވެ.