- ޕާކިސްތާނު ޕާލަމެންޓްގެ ރައީސް މިހާރުވަނީ އިސްތިއުފާ ދެއްވާފައި
ޕާކިސްތާނުގެ ބޮޑުވަޒީރު އިމްރާން ޚާންގެ މައްޗަށް ހުށަހެޅިފައިވާ އިތުބާރު ނެތްކަމުގެ މައްސަލައިގެ ވޯޓުނެގުން އަނެއްކާވެސް ފަސްކޮށްފިއެވެ.
އިމްރާން ޚާންއާ ދެކޮޅަށް ވޯޓްނަގަން މިއަދު ޖަލްސާ ފެށިތާ 12 ގަޑިއިރު ވެގެންދިޔަ އިރުވެސް ވޯޓް ނެގޭގޮތްވަނީ ނުވެފައެވެ.
ވޯޓުނެގުން ފަސްކުރެވިފައިވާ އެއް ސަބަބަކީ، އިތުބާރު ނެތްކަމުގެ ވޯޓާއިގެން ކުރިއަށްދިއުމަށް ޕާކިސްތާނުގެ ސުޕްރީމް ކޯޓުން ކޮށްފައިވާ އަމުރު އަލުން މުރާޖައާ ކުރުމަށް އިމްރާން ޚާންގެ ތަހްރީކޭ އިންސާފް ޕާޓީން ހުށަހަޅާފައި ވުމުންނެވެ.
ތަހްރީކޭ އިންސާފް ޕާޓީން ހުށަހެޅި މުރާޖައާ ކުރުމުގެ މައްސަލައިގައި ބުނެފައިވަނީ، ޕާލަމެންޓުގެ މަސައްކަތްތަކާ ސުޕްރީމް ކޯޓުން ބެހިގެން ނުވާނެ ކަމަށެވެ.
މީޑިއާ ރިޕޯޓްތައް ބުނާގޮތުގައި، އިމްރާން ޚާންގެ އިތުބާރު ނެތްކަމުގެ ވޯޓު ނަގަން ޕާލަމެންޓްގެ ރައީސް އަސަދު ގައިސަރު ފުރަތަމަ ދެކޮޅު ހެއްދެވުމަށްފަހު ފަހުންވަނީ ވޯޓާއިގެން ކުރިއަށް ދިއުމަށް އެއްބަސްވެވަޑައި ގެންފައެވެ. ނަމަވެސް، ވޯޓުނެގުންވަނީ ފަސްކުރައްވާފައެވެ.
*ނޯޓް: އެންމެފަހުގެ ރިޕޯޓްތައް ބުނާގޮތުގައި ޕާކިސްތާނު ޕާލަމެންޓްގެ ރައީސް އަސަދު ގައިސަރު މިހާރުވަނީ އިސްތިއުފާ ދެއްވާފައެވެ. އޭނާ އިސްތިއުފާ އިއުލާން ކުރެއްވީ ޕާލަމެންޓް ޖަލްސާގެ ރިޔާސަތުގައި އިންނަވައެވެ.
ޕާލަމެންޓުގެ ރައީސް އިސްތިއުފާ ދެއްވިއިރު، ސުޕްރީމް ކޯޓުގެ އަމުރާ އެއްގޮތަށް މިރޭ މެންދަމުގެ ކުރިން ވޯޓު ނުނަގައިފިނަމަ ގާނޫނީ ފިޔަވަޅު އަޅާނޭ ކަމުގެ އިންޒާރު ސުޕްރީމް ކޯޓުން ދީފައި ވެއެވެ.
ސަރުކާރުގެ މަސްދަރުތަކާ ހަވާލާދީ ޚަބަރުތައް ބުނާގޮތުގައި އިމްރާން ޚާން ބޮޑުވަޒީރުކަމުން ދުރުކުރަން އުޅެނީ ބޭރުގެ ނުފޫޒަކުންކަން ސާބިތުކޮށް ދެއްވުމަށް އިމްރާން ޚާން މިހާރު ގެންދަވަނީ މަސައްކަތް ކުރައްވަމުންނެވެ.
އެގޮތުން، ޕާކިސްތާނުގެ ސަރުކާރު ބަދަލުކޮށްލަން އުޅެނީ އެމެރިކާއިންކަމަށް ވިދާޅުވެ އިމްރާން ޚާން ދައްކަވާ ވާހަކަތަކުގެ ހެކި، ޕާކިސްތާނުގެ ޗީފް ޖަސްޓިސްއަށާއި، ޕާލަމެންޓުގެ ރައީސަށާއި، ސެނޭޓްގެ ޗެއަރމަނަށާއި، ސިފައިންގެ ވެރިޔާއާ ހިއްސާ ކުރައްވަން އިމްރާން ގެންދަވަނީ މަސައްކަތް ކުރައްވަމުންނެވެ.
އެގޮތުން، އިމްރާން ޚާން ޕާކިސްތާނު ސިފައިންގެ ނުފޫޒުގަދަ ވެރިޔާ ޖެނެރަލް ގަމަރު ޖާވިދް ބަޖްވާއާ ބައްދަލު ކުރައްވާފައިވާ ކަމުގެ ރިޕޯޓްތައްވެސް ލިބެމުން އެބަދެއެވެ.
އިމްރާން ޚާންވަނީ، ޕާކިސްތާނުގެ މިނިވަންކަމާއި އިސްތިގްލާލް ހިމާޔަތް ކުރުމަށް ކުރަންޖެހުނު ކޮންމެ ކަމެއް ކުރައްވާނޭ ކަމަށް ވައުދުވެވަޑައި ގެންފައެވެ.
އަދި، އޭނާ މަގާމުން ދުރުކުރަން ކުރެވޭ މަސައްކަތްތަކާ ދެކޮޅަށް ސުލްހަވެރި މުޒާހަރާތައް ފެށުމަށް އިމްރާން ޚާން ގޮވާލެއްވި ގޮވާލެއްވުމަށް ޕާކިސްތާނުގެ މަގުތަކަށް އާންމުން މިއަދުވަނީ ނުކުމެފައެވެ.