ޕާކިސްތާނުގެ ބޮޑުވަޒީރު އިމްރާން ޚާން، ވެރިރަށް އިސްލާމްއާބާދުގައި ހުންނަ ބޮޑުވަޒީރުގެ ރަސްމީ ގެކޮޅުން ނުކުމެވަޑައި ގެންފިއެވެ.

އިމްރާން ޚާން ބޮޑުވަޒީރުގެ ރަސްމީ ގެކޮޅުން ނުކުމެވަޑައި ގެންނެވީ، އޭނާގެ މައްޗަށް ހުށަހެޅިފައިވާ އިތުބާރު ނެތްކަމުގެ ވޯޓު ނެގުމުގެ މަސައްކަތް ޕާލަމެންޓްގައި ކުރިއަށްދާން ރިޔާސަތުން އެންގުމާ ގުޅިގެންނެވެ.

އިމްރާން ޚާންއާ ދެކޮޅަށް ހުށަހެޅުނު އިތުބާރު ނެތްކަމުގެ ވޯޓު ނެގުމާއިގެން ޕާލަމެންޓަށް ކުރިއަށް ދެވޭގޮތްވީ، ޕާލަމެންޓް ރައީސްކަމުގައި ހުންނެވި އަސަދު ގައިސަރާއި، އަދި ޕާލަމެންޓްގެ ނައިބް ރައީސްވެސް މަގާމުން އިސްތިއުފާ ދެއްވުމުންނެވެ. އެދެ ބޭފުޅުންނަކީވެސް އިމްރާން ޚާން ފަޅީގެ ދެ ބޭފުޅުންނެވެ.

ޕާލަމެންޓުގެ ރައީސް އަސަދު ގައިސަރު އިސްތިއުފާ ދެއްވުމުން، ޕާލަމެންޓްގެ ރިޔާސަތާ ހަވާލުވެވަޑައި ގެންނެވީ އިދިކޮޅު ޕާކިސްތާން މުސްލިމް ލީގް – ނަވާޒް ޕާޓީގެ ބޭފުޅެއް ކަމަށްވާ ސަރްދާރް އަޔާޒް ސާދިގުއެވެ. ރިޔާސަތާ ހަވާލުވެވަޑައިގެން އިތުބާރު ނެތްކަމުގެ ވޯޓު ނެގުމަށް އޭނާ ވަގުތުން އަމުރު ކުރެއްވިއެވެ.

ޚަބަރުތައް ބުނާގޮތުގައި، އިމްރާން ޚާންގެ އިތުބާރު ނެތްކަމުގެ ވޯޓު ނެގުމުގެ މަސައްކަތް ޕާލަމެންޓްގައި މިހާރުވަނީ ފެށިފައެވެ.

ވޯޓުގައި ބައިވެރި ނުވާންވެގެން ޕާލަމެންޓްގައި ހިމެނިވަޑައިގަންނަވާ އިމްރާން ޚާންގެ ޕާޓީގެ ހުރިހާ މެމްބަރުންނާއި އަދި އިމްރާންއަށް ތާއީދުކުރާ މެމްބަރުންވެސް ޖަލްސާގައި ނުކުމެވަޑައި ގެންފައިވާ ކަމަށް ޚަބަރުލިބެއެވެ.

އިތުބާރު ނެތްކަމުގެ ވޯޓާއިގެން ޕާލަމެންޓް ކުރިއަށްދާން މިފެށީ، މިރޭ މެންދަމާ ހަމައަށް އަންނައިރު ވޯޓު ނުނަގައިފިނަމަ ގާނޫނީ ފިޔަވަޅު އަޅާނޭކަމުގެ އިންޒާރު ޕާކިސްތާން ސުޕްރީމް ކޯޓުން ދީފައި ވަނިކޮށެވެ.

ވޯޓުނެގުން ކުރިއަށްދާއިރު، އިމްރާން ޚާންއަށް ތާއީދުކުރާ އެތައްސަތޭކަ ބަޔަކު ގެންދަނީ ޕާލަމެންޓް އިމާރާތުގެ ކައިރިއަށް އެއްވެ އަޑުއުފުލަމުންނެވެ. އަދި ސޯޝަލް މީޑިއާގައި އެތައްބަޔަކު ގެންދަނީ އިމްރާން ޚާންއަށް އިތުބާރުކުރާ ކަމަށާއި، އެވަރުގެ ވެރިޔަކު ޕާކިސްތާނަށް ނުލިބޭނޭ ކަމަށް ބުނަމުންނެވެ.

އިމްރާން ޚާން ބޮޑުވަޒީރުގެ ރަސްމީ ގެކޮޅުން ނުކުމެވަޑައި ގެންނެވިއިރު، އޭނާ ދެން ބަދަލުވެވަޑައި ގަންނަވާނީ އަމިއްލަފުޅު ގެކޮޅު ބަނީ ގާލާއަށް ކަމަށް ޕާކިސްތާނުގެ މީޑިއާއިން ބުނެއެވެ.

އިތުބާރު ނެތްކަމުގެ ވޯޓު ނަގައި ނުނިމެނީސް އިމްރާން ޚާން ބޮޑުވަޒީރުގެ ގެކޮޅުން ނުކުމެވަޑައި ގެންނެވީ ކީއްވެގެންކަމެއް އަދި ސާފެއް ނުވެއެވެ.