ޕާކިސްތާނުގެ ބޮޑުވަޒީރުކަމުން އިމްރާން ޚާން ދުރުކޮށްފިއެވެ.
އިމްރާން ޚާންއާ ދެކޮޅަށް އިދިކޮޅު ޕާޓީތަކުން ހުށަހެޅި އިތުބާރު ނެތްކަމުގެ މައްސަލާގައި މިރޭ ވޯޓަށް އެހުމުން، އިމްރާން ޚާންގެ އިތުބާރު ނެތްކަމަށް 174 މެމްބަރުން ވޯޓު ދެއްވިއެވެ.
342 މެމްބަރުން ހިމެނޭ ޕާލަމެންޓްގައި ބޮޑުވަޒީރުގެ އިތުބާރު ނެތްކަމަށް ފާސްކުރަން ބޭނުންވަނީ 172 ވޯޓެވެ.
އިތުބާރު ނެތްކަމުގެ މައްސަލައާ ދެކޮޅަށް އެއްވެސް މެމްބަރަކު ވޯޓު ދެއްވާފައެއް ނުވެއެވެ.
އިތުބާރު ނެތްކަމުގެ ވޯޓު ނެގުމުގެ ކުރިން ޕާލަމެންޓުގައި ހިމެނިވަޑައިގަންނަވާ އިމްރާން ޚާންގެ ޕާޓީގެ ހުރިހާ މެމްބަރުންނާއި، އިމްރާންއަށް ތާއީދުކުރައްވާ ހުރިހާ މެމްބަރުންވެސް ވަނީ ޖަލްސާއިން ނުކުމެވަޑައި ގެންފައެވެ.
މިއީ، ޕާކިސްތާނުގެ ތާރީޚްގައިވެސް ބޮޑުވަޒީރެއްގެ އިތުބާރު ނެތްކަމަށް ޕާލަމެންޓަށް ހުށަހެޅުނު މައްސަލައެއް ފާސްކޮށް މަގާމުން ދުރުކުރެވުނު ފުރަތަމަ ފަހަރެވެ.
ޕާކިސްތާނުގެ 75 އަހަރުގެ ތާރީޚްގައި މިހާތަނަށް ބޮޑުވަޒީރަކަށް މަގާމުގެ ދައުރު ފުރިހަމަ ކުރެއްވިފައެއް ނުވެއެވެ.
ގިނަ ބޮޑުވަޒީރުންގެ ސަރުކާރުތައް ޕާކިސްތާނުގެ އަސްކަރީން އިންގިލާބުކޮށްލަނީއެވެ.
ބޮޑުވަޒީރުންނަށް މަގާމުގެ ދައުރު ފުރިހަމަ ނުކުރެއްވުނުއިރު، ޕާކިސްތާނުގައި މިހާތަނަށް އިންތިޚާބު ކުރެވުނު ޕާލަމެންޓްތަކުގެ ތެރެއިން ދައުރު ފުރިހަމަ ކުރެވުނީ އެންމެ 2 ޕާލަމެންޓަށެވެ.
ބޮޑުވަޒީރު އިމްރާން ޚާން މަގާމުން ދުރުކޮށްފިނަމަ ޕާކިސްތާނުގެ ސިޔާސީ މުސްތަގްބަލް ބޮޑު މައްސަލަގަނޑެއްގެ ތެރެއަށް ވެއްޓިގެންދާނެ ކަމަށް މަސްރަހް ދިރާސާކުރާ ފަރާތްތަކުން ކުރިން ގެންދެވީ ވިދާޅުވަމުންނެވެ. ޕާކިސްތާނުގައި ދެން ކަންތައްތައް ވެގެން ހިނގައިދާނެގޮތެއް ނޭނގެއެވެ.
އިމްރާން ޚާން ވިދާޅުވަމުން ގެންދެވީ، އޭނާއާ ދެކޮޅަށް އިދިކޮޅުން ހުށަހެޅި އިތުބާރު ނެތްކަމުގެ ވޯޓުގެ އަޑީގައިއޮތީ އެމެރިކާ ކަމަށެވެ. އެމެރިކާއިން އޭނާ މަގާމުން ދުރުކުރަން މަސައްކަތް ފެށީ، ރަޝިޔާއިން ޔޫކްރެއިނަށް އަރައިގަތްދުވަހު މޮސްކޯއަށް ވަޑައިގެން ޕޫޓިންއާ ބައްދަލު ކުރެއްވުމުން ކަމަށެވެ.
އިތުބާރު ނެތްކަމުގެ ވޯޓު ނެގިޔަނުދޭން އިމްރާން ޚާން އެންމެ ފަހު ވަގުތާ ހަމައަށްވެސް މަސައްކަތް ކުރެއްވިއެވެ. އެ ވޯޓުގެ ފަހަތުގައި އޮތީ އެމެރިކާކަން ސާބިތުކޮށްދޭން ޕާކިސްތާނުގެ ޗީފް ޖަސްޓިސްއާއި، ޕާލަމެންޓުގެ ރައީސާއި، ސެނޭޓްގެ ޗެއަރމަނާއި، ސިފައިންގެ ވެރިޔާއާ ހެކި ހިއްސާ ކުރައްވަން އިމްރާން މަސައްކަތް ކުރެއްވި ކަމަށް މީޑިއާއިން ރިޕޯޓް ކޮށްފައި ވެއެވެ.
އެންމެފަހުން ވޯޓު ކުރިއަށް ގެންދެވޭގޮތްވީ، ޕާލަމެންޓްގެ ރައީސާއި ނައިބް ރައީސް އިސްތިއުފާ ދެއްވުމުން، އިދިކޮޅު ޕާޓީގެ ބޭފުޅަކު ރިޔާސަތާ ހަވާލުވެވަޑައިގެންނެވެ.
އިތުބާރު ނެތްކަމުގެ ވޯޓު ނަގަން ފެށުމުގެކުރިން އިމްރާން ޚާންވަނީ ބޮޑުވަޒީރުގެ ރަސްމީ ގެކޮޅުން ނުކުމެވަޑައި ގެންފައެވެ.
ސުޕްރީމްކޯޓުން ހިންގި ޖަރީމާއެއް.