ރާއްޖެއަށް މިހާރު އެންމެ ގިނަ ފަތުރުވެރިން އަންނަނީ އިނގިރޭސިވިލާތުން ކަމަށް ޓޫރިޒަމް މިނިސްޓްރީން ބުނެފިއެވެ.

ޓުއަރިޒަމް މިނިސްޓްރީގެ ތަފާސްހިސާބުތައް ދައްކާގޮތުގައި މިމަހުގެ 6 ވަަނަ ދުވަހުގެ ނިޔަލަށް ރާއްޖެއަށް 460،479 ފަތުރުވެރިން ވަނީ ޒިޔާރަތްކޮށްފައެވެ. މިއީ މިދިޔަ އަހަރުގެ މި މުއްދަތާއި އަޅާބަލާއިރު 43.5 އިންސައްތައިގެ ކުރިއެރުމެކެވެ.

އޭގެތެރެއިން ގިނަ ފަތުރުވެރިން ޒިޔާރަތްކުރީ އިނގިރޭސިވިލާތުންއެވެ.

މިއަހަރުގެ މިހާތަނަށް އިނގިރޭސިވިލާތުން ރާއްޖެއަށް 58،608 ފަތުރުވެރިން ޒިޔާރަތް ކޮށްފައިވާއިރު 53،010 ފަތުރުވެރިންނާއެކު ދެވަނައަށް އެންމެ ގިނަ ފަތުރުވެރިން ޒިޔާރަތް ކޮށްފައިވަނީ ރަޝިޔާއިންއެވެ.

ތިންވަނަ ލިބެނީ އިންޑިޔާ އަށެވެ. އެގައުމުން 50،242 ފަތުރުވެރިން ރާއްޖެ އައިސްފައިވާއިރު ދެން އެންމެ ގިނަ ފަތުރުވެރިން ރާއްޖެ އަންނަނީ ޖަރުމަނާއި އިޓަލީ އަދި ފްރާންސުންނެވެ.

މިމަހުގެ 1 ވަނަ ދުވަހުން ފެށިގެން 6 ވަނަ ދުވަހުގެ ނިޔަލަށް ރާއްޖެއަށް 28,968 ފަތުރުވެރިން ޒިޔާރަތް ކޮށްފައިވެއެވެ. މިއީ މިދިޔަ އަހަރުގެ މި މުއްދަތާއި އަޅާ ބަލާއިރު 24.5 އިންސައްތަ ކުރިއެރުމެކެވެ.

ކޮވިޑް-19ގެ ބަލިމަޑުކަމާ ގުޅިގެން ރާއްޖޭގެ ބޯޑަރު ބަންދުކޮށްފައި އޮތުމަށް ފަހު، 2020 ވަނަ އަހަރުގެ ޖުލައިމަހުގެ 15 ވަނަ ދުވަހު ބޯޑަރު އަލުން ހުޅުވާލިފަހުން، ފަތުރުވެރިންނަށް ހިދުމަތްދޭ 1،171 ތަނެއް މިހާރު ވަނީ އަލުން ހިދުމަތަށް ގެނެސްފައެވެ. މީގެތެރޭގައި ހިމެނެނީ، 169 ރިސޯޓާއި، 850 ގެސްޓްހައުސްގެ އިތުރުން 152 ސަފާރީއެވެ. މިއީ 54،662 ބެޑް ކެޕޭސިޓީއެވެ.

އަދި ހޯމްސްޓޭ ޓުއަރިޒަމްގެ ނަމުގައި ރަށްރަށުގައި މުޅިން ތަފާތު ވައްތަރެއްގެ ފަތުރުވެރިކަމެއް ވަނީ ތައާރަފުކޮށްފައެވެ.

ރާއްޖެއަކީ ފަތުރުވެރިންނަށް ރައްކާތެރި މަންޒިލަކަށް ހެދުމުގެގޮތުން، ޓުއަރިޒަމް މިނިސްޓްރީން ފެށި ވެކްސިން ޕްރޮގްރާމުގެ ދަށުން މިހާތަނަށް 97.5 އިންސައްތަ ރިޒޯޓް މުވައްޒަފުން ވަނީ ވެކްސިން ފުރިހަމަ ކޮށްފައެވެ.

ސަރުކާރުގެ މިއަހަރުގެ އަމާޒައަކީ 1.6 މިލިއަން ފަތުރުވެރިން ރާއްޖެ ޒިޔާރަތް ކުރުމެވެ.