ޖެންޑަރ އީކުއަލިޓީ އެކްޝަން ޕްލޭން ތަންފީޒުކުރުމަށް ގއ. ވިލިނގިލީ ސެކްޓަރތަކަށް އަމާޒުކޮށްގެން ގެވެށި އަނިޔާއާއި ބެހޭ ގޮތުން މައުލޫމާތު ދިނުމުގެ ސެޝަނެއް ބާއްވައިފިއެވެ.
އެ ސެޝަނަކީ ވިލިނގިލީގައި މަސައްކަތްކުރާ ފުލުހުންނާއި، އެރަށު ފެމެލީ ޗައިލްޑް ސާވިސް ސެންޓަރ ގުޅިގެން ކުރިއަށް ގެންދިޔަ ސެޝަނެކެވެ.
ފުލުހުން ބުނީ އެސެޝަނުގައި ގެވެށި އަނިޔާ މުޖުތަމައުގައި އާންމުވަމުންދާ މިންވަރާއި ގެވެށި އަނިޔާ ލިބިފައިވާ މީހުން ދެނެގަންނާނެ ގޮތްތަކާއި އެފަދަ މީހުންނަށް އެހީތެރިކަން ފޯރުކޮށްދޭނެ ގޮތުގެ މައުލޫމާތު ހިއްސާކޮށްފައިވާ ކަމަށެވެ. އަދި، ގެވެށި ގުޅުމަކީ ކޮބައިކަމާއި ގެވެށި ގުޅުމެއްގައި ހިމެނޭ ފަރާތްތަކަކީ ކޮބައިކަމާ ގުޅޭގޮތުން މައުލޫމާތު ދީފައިވާ ކަމަށެވެ.
ހަމައެއާއެކު ގާނޫނުގައި ބަޔާންކޮށްފައިވާ ގެވެށި އަނިޔާގެ އަމަލުތަކަކީ ކޮބައިކަމާއި، އަނިޔާގެ އަމަލުތައް ހިންގަމުންދާ ގޮތާއި އަދި އަނިޔާކުރާ ފަރާތްތަކުން ބާރުގެ ބޭނުންކޮށްގެން އަނިޔާ ލިބޭ ފަރާތްތައް ކޮންޓްރޯލްކޮށް، އަނިޔާކުރުމުގައި ދެމިހުންނަ ސަބަބުތަކާއި، އަނިޔާގެ ސަބަބުން އެކަމުގެ ޝިކާރައަށްވާ މީހުންނަށްކުރާ ނޭދެވޭ އަސަރުތަކާ ގުޅޭގޮތުންވެސް މައުލޫމާތު ދީފައިވެއެވެ.
މީގެއިތުރުން، ގެވެށި އަނިޔާއިން ރައްކާތެރިވާނެ ގޮތްތަކާއި، އަނިޔާގެ އަމަލުތައް ހުއްޓުވުމަށް ހުރިހާ އެންމެން ގުޅިގެން ކުރެވިދާނެ މަސައްކަތްތަކާއި، އަނިޔާގެ އަމަލެއް ހިނގައިފިނަމަ އެކަން ރިޕޯޓު ކުރެވޭނެ ވުޒާރާތަކުގެ މައުލޫމާތު ސެޝަނުގެ ބައިވެރިންނާއި ވަނީ ހިއްސާކޮށްފައެވެ.
އަދި އަނިޔާގެ އަމަލުތައް ހުއްޓުވުމުގެ ގޮތުން ރައްކާތެރިވުމުގެ އަމުރުގެ މުހިންމުކަމާއި ރައްކާތެރިވުމުގެ އަމުރަށް އެދެވޭނެ ގޮތްތަކުގެ މައުލޫމާތާއި، ގެވެށި އަނިޔާގެ މައްސަލައެއް ހުށަހެޅިއްޖެނަމަ އިދާރާތަކުން އަމަލުކުރަންޖެހޭ ގޮތްތަކާ ގުޅޭގޮތުން މައުލޫމާތު ހިއްސާކޮށް، ބައިވެރިންގެ ސުވާލުތަކަށް ޖަވާބުދީފައިވެއެވެ.
އެ ސެޝަނުގައި އެކި ސެކްޓަރތައް ހިމެނޭހެން 40 މީހުން ބައިވެރިވިއެވެ.