ޕާކިސްތާނަށް އައު ބޮޑުވަޒީރެއް އިންތިޚާބުކުރަން ވޯޓުލާން ޕާކިސްތާނުގެ ޕާލަމެންޓް މާދަމާ ބައްދަލުކުރާ ގޮތަށް ހަމަޖެހިއްޖެއެވެ.

އައު ބޮޑުވަޒީރެއް ކަނޑައަޅަން ޕާލަމެންޓް މި ބައްދަލުކުރަނީ، ޕާކިސްތާނުގެ ބޮޑުވަޒީރުކަމުގައި ހުންނެވި އިމްރާން ޚާންގެ އިތުބާރު ނެތްކަމަށް ރޭގައި ޕާލަމެންޓުން ފާސްކޮށް އޭނާ މަގާމުން ދުރުކުރުމުންނެވެ.

އިމްރާން ޚާންއަށް ބޮޑުވަޒީރުގެ މަގާމު ގެއްލިވަޑައިގަތީ، ވެރިކަންކުރާ ކޯލިޝަންގައި ހިމެނޭ މުއްތަހިދާ ޤައުމީ މޫވްމަންޓް ޕާކިސްތާން – އެމްކިޔުއެމް-ޕީ އާއި އަދި ކުދިން އެހެން ޕާޓީތަކުން ވެރިކަންކުރާ ކޯލިޝަނުން ވަކިވުމުންނެވެ.

އަދި ޚުދު އިމްރާން ޚާންގެ ތަހްރީކޭ އިންސާފް ޕާޓީގެ ބައެއް މެމްބަރުންވެސް އޭނާ މަގާމުން ވަކިކުރަން ބޭނުންވެ ތާއީދު އަނބުރާ ގެންދިއުމުންނެވެ.

އިމްރާން ޚާންގެ ޕާޓީއަށް ނިސްބަތްވާ ޕާލަމެންޓް މެމްބަރުން ރޭގެ ޖަލްސާގައިވެސް ބައިވެރި ނުވާތީއާއި، ޕާލަމެންޓްގެ ރައީސާއި ނައިބް ރައީސްވެސް އިސްތިއުފާ ދެއްވާފައިވުމުން، ޕާލަމެންޓުގެ ޖަލްސާތަކުގެ ރިޔާސަތާ ވަގުތީގޮތުން ހަވާލުވެގެން ހުންނެވީ އިދިކޮޅު ޕާކިސްތާން މުސްލިމް ލީގް – ނަވާޒް ޕާޓީގެ ބޭފުޅެއް ކަމަށްވާ ސަރްދާރް އަޔާޒް ސާދިގުއެވެ.

ބޮޑުވަޒީރުކަމަށް ޕާޓީތަކުން ނޮމިނޭޓްކުރާ މެމްބަރުންގެ ލިއުންތައް ޕާކިސްތާނު ގަޑިން މިއަދު ހެނދުނު 11:00 ގެ ކުރިން ހުށަހެޅުމަށް ސރްދާރް އަޔާޒް ސާދިގު އެންގެވުމުން މިހާތަނަށް ނަން ހުށަހަޅުއްވާފައިވަނީ، ޕާކިސްތާން މުސްލިމް ލީގް – ނަވާޒް ޕާޓީން ޝަހްބާޒް ޝަރީފް، އިމްރާން ޚާންގެ ޕާޓީ، ތަހްރީކޭ އިންސާފް ޕާޓީގެ ފަރާތުން ޝާހް މަހްމޫދު ގުރެއިޝީ ކަމަށް މައުލޫމާތު ލިބެއެވެ.

އިމްރާން ޚާންގެ ސަރުކާރުގެ ޚާރިޖީ ވަޒީރު ޝާހް މަހްމޫދު ގުރެއިޝީ: ތަހްރީކޭ އިންސާފް ޕާޓީން އޭނާގެ ނަންފުޅުވަނީ ބޮޑުވަޒީރު ކަމަށް ހުށަހަޅާފައި

ބޮޑުވަޒީރުކަމަށް ބޭފުޅަކު ކަނޑައަޅަން ވޯޓެއް ނެގުމަށް ޕާލަމެންޓް ތައްޔާރުވަމުން ދާއިރު، ޕާކިސްތާނުގައި އެންމެ އަވަހަށްވެސް އާންމު އިންތިޚާބު ބާއްވާން ތާވަލް ކޮށްފައިވަނީ އަންނަ 2023 ވަނަ އަހަރުގެ އޮގަސްޓްމަހުއެވެ.

އިދިކޮޅަށް އަޣުލަބިއްޔަތު ލިބިގެން އިމްރާން ޚާން މަގާމުން ދުރުކޮށް އައު ބޮޑުވަޒީރެއް މާދަމާ އިންތިޚާބުކުރަން ތައްޔާރުވަމުން ދާއިރު، ބޮޑުވަޒީރުކަމަށް ވަޑައިގަންނަވާނެ ކަމަށް އެންމެ ބޮޑަށް ބެލެވެނީ އިދިކޮޅު ލީޑަރު، އުމުރުފުޅުން 70 އަހަރުގެ ޝަހްބާޒް ޝަރީފެވެ.

އިމްރާން ޚާން މަގާމުން ދުރުކުރެވުމާއެކު ޝަހްބާޒް ވިދާޅުވެފައިވަނީ، ޕާކިސްތާނަށް މުޅިން އައު ދުވަހަކަށް އަލިވިލުނީ ކަމަށާއި، އިދިކޮޅު އިއްތިހާދުން ޕާކިސްތާނު އާރާސްތުކުރާނެ ކަމަށެވެ.

ޝަހްބާޒް ޝަރީފަކީ ޕާކިސްތާނުގެ ކުރީގެ ބޮޑުވަޒީރު ނަވާޒް ޝަރީފްގެ ކޮއްކޯފުޅެވެ.