• އެއީ، ފިރި މަރުވެފައިވާ ހުވަފަތް އަންހެނެއްވެސްމެ

ފަލަސްތީނުގެ ބައިތުލަހުމްގައި އިސްރާއީލުގެ އުދުވާނީ ބާރުތަކުން ބަޑިޖަހައި ފަލަސްތީނުގެ އަންހެނަކު ޝަހީދު ކޮށްލައިފިއެވެ.

ފަލަސްތީނު ސަރުކާރުގެ ހެލްތު މިނިސްޓްރީން ބުނެފައިވަނީ، އިސްރާއީލު ސިފައިން ބަޑިޖެހުމުގެ ސަބަބުން ޝަހީދުވެފައިވަނީ އުމުރުން 47 އަހަރުގެ އަންހެނެއް ކަމަށެވެ.

އެ އަންހެން މީހާގެ ގަޔަށް އިސްރާއީލު ސިފައިން ބަޑިޖަހާފައިވަނީ ބައިތުލަހުމްގެ ޗެކްޕޮއިންޓެއްގެ ކައިރިން މަގުމަތިން ހިނގާފައި ދަނިކޮށް ކަމަށާއި، އޭނާ ޝަހީދުވީ ލިބުނު ޒަޚަމްތަކަށް ފަރުވާނުދެވި ގިނައިރުވެ، ހަށިގަނޑުން ގިނަ އަދަދެއްގެ ލޭ ބޭރުވެގެން ކަމަށް ފަލަސްތީނުން ބުނެއެވެ.

އެ އަންހެންމީހާގެ ގަޔަށް ބަޑިޖައި އޭނާ ޒަޚަމްވެގެން ބިންމައްޗަށް ވެއްޓިފައިއޮއްވައި، އިސްރާއީލުގެ ލާއިންސާނީ ސިފައިން އޭނާގެ ހަށިގަނޑު ބަލައިފާސްކުރާ މަންޒަރު ފެންނަ ވީޑިއޯއެއް ސޯޝަލް މީޑިއާގައި އާންމުވެފައި ވެއެވެ.

މިއުދުވާނުގައި ޝަހީދުވެފައިވަނީ، ފިރިމަރުވެފައިވާ އަދި 6 ކުދިންގެ މަންމައެއް ކަމަށް ފަލަސްތީނުގެ މީޑިއާއިން ބުނެއެވެ.

އިސްރާއީލުގެ އުދުވާނީ ސިފައިން ގެންދަނީ ހިފާފައިވާ ހުޅަނގު އައްސޭރީގެ އެކި ރަށްތަކަށް ރޭގަނޑު ދަންވަރާއި ދުވާލުގެ ވަގުތުތަކުގައިވެސް އަރައިގަނެ، އިސްރާއީލުގެ ތެލްއަވީވަށް މީގެ ތިންދުވަސްކުރިން ބަޑީގެ ހަމަލާދިން މީހަކު ހޯދުމަށް އަތްފުނާ އަޅަމުންނެވެ.

ތެލްއަވީވަށް ހަމަލާދިނީ ޖެނީންއަށް ނިސްބަތްވާ މީހެއްކަމަށް ވެއެވެ. އެ ހަމަލާގައި އިސްރާއީލުގެ 3 މީހުން މަރުވެ، އެތައްބަޔަކު ޒަޚަމްވިއެވެ.

އެހެންވެ، އިސްރާއީލުގެ އުދުވާނީ ސިފައިން ފަލަސްތީނުގައި ހިންގާ އަސްކަރީ އޮޕަރޭޝަން ބޮޑަށް އަމާޒުކޮށްފައިވަނީވެސް ޖެނީނަށެވެ. ޖެނީންގައި އިއްޔެވަނީ ފަލަސްތީނު މީހެއްގެ ގަޔަށް ބަޑިޖަހައި ޝަހީދުކޮށްލާފައެވެ.

ޖެނީނާއި، ޣަރީހާއާއި އަދި ތުލްކަރަމްގައި އިސްރާއީލު ސިފައިންނާއި ފަލަސްތީނު މީހުންނާ ދެމެދު މިއަދު ހިނގި ކުރިމަތިލުންތަކުގައި ފަލަސްތީނުގެ 10 މީހުން ޒަޚަމްވެފައި ވެއެވެ.

އިސްރާއީލު ސިފައިން ހަމަލާދިނުމުގެ ސަބަބުން އިއްޔެ ފަލަސްތީނުގެ 13 މީހުން ޒަޚަމްވި ކަމަށް ފަލަސްތީނުގެ ހެލްތު މިނިސްޓްރީން ބުނެފައި ވެއެވެ.

ފަލަސްތީނުގެ އަސީރުންގެ ކަންތައް ބަލަހައްޓާ ކްލަބުން ބުނެފައިވަނީ، އިއްޔެއާއި މިއަދު ފަލަސްތީނުގެ 24 މީހުން ހައްޔަރުކޮށްފައިވާ ކަމަށެވެ.

ހުޅަނގު އައްސޭރީގައި އިސްރާއީލުން މިހާރު ހިންގަމުންގެންދާ އޮޕަރޭޝަނާ ގުޅޭގޮތުން އިސްރާއީލުގެ ބޮޑުވަޒީރު ނަފްޓަލީ ދައްކާފައިވާ ވާހަކަތަކީ، ފަލަސްތީނު ރައްޔިތުން މެރުމަށް އިސްރާއީލު ސިފައިންނަށް ދިން ހުއްދައެއް ކަމަށް ފަލަސްތީނު ސަރުކާރުގެ ޚާރިޖިއްޔާއިން ބުނެފައި ވެއެވެ.