ރާއްޖޭގައި މަސްވެރިކަން ރަނގަޅު ދުވަސްވަރަކަށް ވާތީ، މާލޭ ސިޓީގެ މަސް މާރުކޭޓުގައި މަސް ތިޔާގިވެ އަގުތަށް ދަށަށް ގޮސްފިއެވެ.

މި ރަމަޟާން މަސް ފެށުނު އިރު، މާރުކޭޓުގައި ކަނޑުމަސް ކިލޯއެއްގެ އަގު ހުރީ 40 ރުފިޔާ އާއި 45 ރުފިޔާއާ ދެމެދުގައެވެ.

އެކަމަކު މަސް ތިޔާގިވާން ފެށުމުން މަޑުމަޑުން އަގު ތިރިވެ، މާރުކޭޓުގައި މިހާރު މަހުގެ އަގުތައް ހުރީ ކިލޯއެއްގެ މަގުން ބަލާ ނަމަ 25 ރުފިޔާ އާއި 35 ރުފިޔާއާ ދެމެދުގައެވެ.

މާރުކޭޓުން ލައްޓި/ރާގޮނޑި ކިލޯއެއް އުޅެނީ 10 ރުފިޔާ އާއި 25 ރުފިޔާއާ ދެމެދުގެ އަގުތަކެއްގައެވެ.

ކަނޑުމަސް ތިޔާގިވި ނަމަވެސް ކަންނެލީގެ އަގު އަދިވެސް ހުރީ ކުރިން ވެސް ހުރި ވަރުގައި ހިފެހެއްޓިފައެވެ. އެގޮތުން ކަންނެލި މަސް ކިލޯއެއްގެ އަގު އުޅެނީ 60 ރުފިޔާ އާއި 70 ރުފިޔާއާ ދެމެދުއެވެ.

ގިނަ އަދެއްގެ ކަނޑުމަސް ދޯނިތައް މާލެއަށް ބަނދަރުކުރަމުން އަންނައިރު، ކަންނެލި ދޯނިތައް މަހަށް ފުރީ މީގެ ދެތިން ދުވަސް ކުރިން ކަމަށް ވެއެވެ.

އެ ދޯނިތައް މަހުން އައުމުން ކަންނެލީގެ އަގު ވެސް ވެއްޓޭނެ ކަމަށް މާރުކޭޓުގައި މަސް ވިއްކާ ފަރާތްތަކުން ލަފާކުރެއެވެ.

ނަމަވެސް ކުރިއަށް އޮތީ ހުޅަނގު މޫސުން ކަމަށްވުމާއެކު ވިއްސާރަވެއްޖެ ނަމަ މަހުގެ އަގުތައް އަނެއްކާ ވެސް އުފިލިދާނެއެވެ.