އޭއެފްސީ ކަޕުގެ ކޮލިފިކޭޝަންގެ ދެވަނަ ބުރުގައި ކުޅުމުގެ ފުރުސަތު ލިބުނު ނަމަވެސް، އެކުލަބަށް ލިބެންޖެހޭ ފައިސާ ނުލިބުމުގެ ސަބަބުން މެޗުގައި ކުޅުމަށް ވެލެންސިއާ އަށް ނުފުރިފައިވާކަމަށް ވީނިއުސް އަށް މައުލޫމާތު ލިބިއްޖެއެވެ.

އިތުބާރުހުރި މަސްދަރަކުން ވީނިއުސް އާއި ވާހަކަދައްކަވަމުން ވިދާޅުވީ، މުބާރާތުގެ ކަންކަން ހަމަޖެއްސުމަށް ބޭނުންވާ ފައިސާ ނުލިބި، ދަތުރުގައި އެކަމަޑޭޝަން އާއި ކެއިން ބުއިމުގެ ޚަރަދު ބެލެހެއްޓޭނެ ގޮތެއް ވެލެންސިއާ އަކަށް ނެތެވެ. އަދި މިއީ ފުޓުބޯޅަ އެސޯސިއޭޝަން އޮފް މޯލްޑިވްސް (އެފްއޭއެމް) އިން ދޭން ޖެހޭ ފައިސާ ނުދީގެން އެކުލަބަށް ކުރިމަތިވެފައިވާ ހާލަތެއް ކަމަށްވެސް ވީނިއުސް އާއި ވާހަކަދެއްކި ފަރާތުން ބުނެފައިވެއެވެ.

ކޮލިފައިންގެ ދެ ވަނަ ބުރުގައި ވެލެންސިއާ އިން ބަންގްލަދޭޝްގެ ޑާކާ އަބަހާނީއާ ދެކޮޅަށް ކުޅުމަށް ހަަމަޖެހިފައި އޮތީ އަންނަ އަންގާރަ ދުވަހުއެވެ. މެޗަށް ވެލެންސިއާ އިން ފުރަތަމަ ފުރަން މަސައްކަތް ކުރީ ހޮނިހިރު ދުވަހުއެވެ. ނަމަވެސް ފުރަން ބޭނުންވާ ޓިކެޓު ހަމަ ނުޖެހުމުގެ ސަބަބުން ވެލެންސިއާ އަށް ހޮނިހިރު ދުވަހު ފުރޭގޮތް ނުވީއެވެ. މިފަދަ ދަތުރުތަކުގެ ޓިކެޓަކީ ކުޅިވަރާބެހޭ ވުޒާރާއިން ޒިންމާވާ އެއްޗެކެވެ.

ޓިކެޓު ނުލިބުމުގެ ސަބަބުން ހޮނިހިރު ދުވަހުގެރޭ ވެލެންސިއާ އަށް ފުރޭގޮތް ނުވިއިރު، ފަހުން ޓިކެޓު ލިބުމުން އާދިއްތަ ދުވަހު މެންދުރުގެ ވަގުތެއްގައި ވެލެންސިއާ އިންވަނީ ފުރަން މަސައްކަތް ކޮށްފައެވެ. ލިބުނު ދެވަނަ ފުރުސަތުގައިވެސް ވެލެންސިއާ އިން ނުފުރީ، ބަންގްލަދޭޝް އަށް ގޮސް އެގައުމުގައި ހުރުމަށް ބޭނުންވާ އެކަމަޑޭޝަން އާއި ކެއިން ބުއިމުގެ ޚަރަދުތައް ބަލަހައްޓާނެ ގޮތެއް ނެތުމުގެ ސަބަބުންނެވެ.

މާލީގޮތުން ގޮންޖެހުންތަކަކާއި ކުރިމަތިވެފައިވާ ވެލެންސިއާ އަށް އެފްއޭއެމްގެ ފަރާތުން ލިބެންޖެހޭ ފައިސާ ނުލިބުމުގެ ސަބަބުން، މި ކަންކަން ހަމަޖެއްސޭނެ ގޮތެއް ވެލެންސިއާ އަށް ނެތްކަމަށް ވީނިއުސް އަށް މައުލޫމާތުދިން ފަރާތުން ބުނެފައިވެއެވެ.

މިއީ އޭއެފްސީގެ މުބާރާތަކުން ފުރުސަތު ލިބި، ރާއްޖޭގެ ކުލަބަކުން މުބާރާތަށް ނުދާން ނިންމި ފުރަތަމަ ފަހަރެވެ.

އޭއެފްސީ ކަޕުގެ ކޮލިފިކޭޝަންގެ ޕްރިލިމިނަރީ ދެވަނަ ބުރުން ވެލެންސިއާ އަށް ފުރުސަތު ލިބުނީ ޕްރިލިމިނަރީ ފުރަތަމަ ބުރުގައި ބޫޓާންގެ ޗެމްޕިއަން ޕަރޯ އެފްސީގެ މައްޗަށް ކުރިހޯދައިގެންނެވެ.

ވެލެންސިއާ އަށް އަބަހާނީ މެޗަށް ނުފުރުނުއިރު، ވެލެންސިއާ އަށް މެޗު ކުޅެން ބަންގްލަދޭޝަށް ނުދެވިއްޖަނަމަ އެޓީމު މެޗުން ބަލިވީ ކަމަށް ނިންމާ، ކޮލިފައިންގެ ޕްލޭ އޮފް މެޗުން އަބަހާނީ އަށް ފުރުސަތު ލިބޭނެއެވެ. ޕްލޭ އޮފް މެޗުގައި އަބަހާނީ ބައްދަލުކުރާނީ ޕްރިލިމިނަރީ ދެ ވަނަ ބުރުގެ އަނެއް މެޗުގައި އިންޑިއާގެ އޭޓީކޭ މޯހަން ބަގާން ނުވަތަ ބްލޫ ސްޓާ ކުޅެގެން މޮޅުވާ ޓީމަކާ ދެކޮޅަށެވެ.

ފާއިތުވީ ސީޒަނުގައި ރާއްޖޭގެ ކްލަބް އީގަލްސް އަށްވެސް ވަނީ ޕްލޭ އޮފް ބުރުން މިފަދަ ގޮތަކަށް ފުރުސަތު ލިބިފައެވެ. މިދިޔަ އަހަރު ރާއްޖޭގެ ކްލަބް އީގަލްސްއާ ދެކޮޅަށް އޭއެފްސީ ކަޕްގެ ޕްރިލިމިނަރީ ދެ ވަނަ ބުރުގައި އަބަހާނީ ކުޅެން އޮތް މެޗު، ކޮވިޑްގެ ހާލަތާ ހެދި ބަންގްލަދޭޝްގައި ކުޅެވޭނެ ގޮތެއް ނުވެ، އަބަހާނީ އަށް ރާއްޖެ އައިސް ކުޅެވޭނެ ފުރުސަތެއް ވެސް ނެތުމުން އެންމެ ފަހުން އޭއެފްސީން ނިންމީ އަބަހާނީ މުބާރާތުން ވަކިކޮށް އީގަލްސް އަށް އޮޓަމެޓިކުން ޕްލޭއޮފްގެ ޖާގައެއް ދޭށެވެ.

އޭއެފްސީ ކަޕްގެ ދެކުނު އޭޝިއާ ގްރޫޕްގައި މި ވަގުތު އޮތީ ތިން ޓީމެކެވެ. އެއީ ރާއްޖޭގެ ޗެމްޕިއަން މާޒިޔާ ސްޕޯޓްސް އެންޑް ރެކްރިއޭޝަނާއި އިންޑިއާގެ ގޯކުލަމް ކެރަލާ އަދި ބަންގްލަދޭޝްގެ ޗެމްޕިއަން ބަޝުންދަރާ ކިންގްސް އެވެ.