ލޯކަލް ކައުންސިލްތަކުގެ އިންތިޚާބުގެ ކެމްޕެއިންގައި އއ. ތޮއްޑޫ ކައުންސިލްގެ ރައީސް އަހުމަދު ކަރަމް ރައްޔިތުންނަށް ވައުދުވެފައިވާ ގޮތަށް އެ ރަށުން ހާފިޒުކަމުގެ ސަނަދު ހާސިލުކުރާ ކޮންމެ މީހަކަށް ފައިސާގެ އިނާމް ދޭން ފާސްކޮށްފިއެވެ.

މިގޮތަށް ފާސްކުރީ އަރިއަތޮޅު ތޮއްޑޫ ކައުންސިލްގެ 4 ވަނަ ދައުރުގެ 36 ވަނަ އާންމު ޖަލްސާގައި ނެގުނު ވޯޓަކުން މެމްބަރުންގެ އިއްތިފާގުންނެވެ.
އެ ޖަލްސާގައި ބައިވެރިވި 3 މެމްބަރުން ވެސް އިއްތިފާގުވެފައި ވަނީ، ތަރައްގީގެ ޕްލޭންގައިވާ ގޮތުގެ މަތިން ހާފިޒުކަމުގެ ސަނަދު ހާސިލްކުރާ ތޮއްޑުއަށް ނިސްބަތްވާ ކޮންމެ ފަރުދަކަށް ވެސް، ޖުމުލަ 50،000 (ދޮޅު ލައްކަ) ރުފިޔާގެ ފައިސާގެ އިނާމެއް ދިނުމަށެވެ. މި ފައިސާގެ ދެބައިކުޅަ އެއްބައި ނުވަތަ 25،000 (ފަންސަވީސް ހާސް) ރުފިޔާ ދޭނީ ކައުންސިލްގެ ރައީސް ކަރަމްގެ އަމިއްލަ ޖީބުންނެވެ.

ބާކީބައި [ފަންސަވީސް ހާސް] ދޭން ނިންމާފައި ވަނީ ހެޔޮ އެދޭ ފަރާތްތަކުން ދޭ ފައިސާ ނުވަތަ ސްޕޮންސަރކުރާ ފައިސާއިންނެވެ.

ތޮއްޑޫ ކައުންސިލްގެ ރައީސް އަހުމަދު ކަރަމް މިރޭ "ވީނިއުސް"އަށް ވިދާޅުވީ، ކައުންސިލްގެ މި ދައުރުގެ ފާއިތުވި ދުވަސްތަކުގައި ތޮއްޑޫގެ ރަޖިސްޓަރީގައިވާ މީހަކު ހާފިޒުކަމުގެ ސަނަދު ހާސިލްކޮށްފައި ނުވާ ކަމަށެވެ. ފައިސާގެ އިނާމެއް ދޭން ނިންމީ، އެ ކަމުގެ ސަބަބުން މުސްތަގުބަލުގައި އިތުރު ހާފިޒުން އުފެދުމަށް ބާރު އެޅޭނެތީ ކަމަށް އޭނާ ވިދާޅުވިއެވެ.

ކަރަމް ވިދާޅުވީ، ތައްޑޫގައި ރަޖިސްޓަރީގައި ހާފިޒުކަމުގެ ސަނަދު ހާސިލްކޮށްފައިވާ ތިން މީހަކު އެބަ ތިބި ކަމަށެވެ.

އއ. ތޮއްޑުގައި ހުންނަ މަސްޖިދުލް އައިޝާ (އައިޝާ މިސްކިތް) --- ފޮޓޯ: ޒިދާން މުޙައްމަދު . ވީނިއުސް

ރާއްޖެއަކީ ސައްތައިންސައްތަ މުސްލިމް ގައުމަކަށް ވެފައި، އަހަރަކު އެއްފަހަރު އަންނަ ރަމަޟާން މަހުގެ ތަރާވީސް ނަމާދަށް ވަރަށް ގިނަ އަދަދަކަށް ބޭރުގެ ހާފިޟުންނާއި ގާރީން ގެންނަން ޖެހޭ ޖެހުމާއި މެދު ތޮއްޑޫ ކައުންސިލުން ކަންބޮޑުވެއެވެ.

ކައުންސިލުގެ އުންމީދަކީ ކުރިއަށް އޮތް ތަނުގައި ތޮއްޑޫގައި އިތުރު ހާފިޒުން އުފެދި، އެ ރަށުގައި ތަރާވީސްކުރާ ހަތަރު މިސްކިތުގައި ވެސް ތޮއްޑުއަށް ނިސްބަތްވާ ހާފިޒުން އިމާމުވެ ނަމާދުކުރުމެވެ.