ޑްރައިވިން އިންސްޓްރަކްޓަރުންގެ ގޮތުގައި މަސައްކަތް ކުރާ ފަރާތްތަކަށް ދެން އެ މަސައްކަތް ކުރެވޭނީ ޓްރާންސްޕޯޓު މިނިސްޓްރީން އެކަމަށްޓަކައި ދޫކުރާ ޚާއްސަ ލައިސަންސެއް ނެގުމަށްފަހު ކަމަށް ޓްރާންސްޕޯޓް މިނިސްޓްރީން ބުނެފިއެވެ.

ޑްރައިވިންގ ސްކޫލް ހިންގުމާއި ޑްރައިވިންގ އިންސްޓްރަކްޓަރުންގެ ގޮތުގައި ހަރަކާތްތެރިވުމުގެ ގަވާއިދަށް ގެނެސްފައިވާ އިސްލާހުގައި ބުނެފައި ވަނީ ޑްރައިވިންގ ސްކޫލެއްގެ އިންސްޓްރަކްޓަރެއްގެ ގޮތުގައި އަދި އާންމު އިންސްޓްރަކްޓަރެއްގެ ގޮތުގައި މަސައްކަތް ކުރަންވާނީ، އެ ގަވާއިދާ އެއްގޮތްވާ ގޮތުގެ މަތީން އެ މިނިސްޓްރީން ދޫކުރާ "ޑްރައިވިންގ އިންސްޓްރަކްޓަރ ލައިސަންސް" ލިބުމަށް ފަހު ކަމަށެވެ.

ޑްރައިވިންގ ސްކޫލެއްގެ އިންސްޓްރަކްޓަރ ލައިސަންސް ހޯދުމަށް އެދި ހުށަހަޅާނީ އެކަމަށްޓަކައި ހާއްސަ ފޯމެއް ފުރިހަމަ ކުރުމަށްފަހުއެވެ. އަދި އިންސްޓްރަކްޓަރު ލައިސަންސް ހޯދުމަށް އެދި ހުށަހަޅާނީ، މިނިސްޓްރީން އެކަމަށް ކަނޑައަޅައިފައިވާ ޕޯޓަލް މެދުވެރިކޮށް ކަމަށް މިނިސްޓްރީގެ ގަވާއިދުގައިވެއެވެ.

އާންމު އިންސްޓްރަކްޓަރުންގެ މައުލޫމާތު ޓްރާންސްޕޯޓު މިނިސްޓްރީން ބަލަހައްޓަންވާނެ ކަމަށް ކަނޑައަޅާފަވާއިރު ޑްރައިވިން އިންސްޓްރަކްޓަރު ލައިސަންސަށް އެދި ހުށަހެޅުމެއް ލިބުމުން، އެ ގަވާއިދުގައިވާ ކަންކަން އެ ހުށަހެޅުމެއްގައި ފުރިހަމަވާނަމަ، ލަސްވެގެން ހަތް ދުވަހުގެ ތެރޭގައި، ލައިސަންސަށް އެދި ހުށަހެޅި ފަރާތަށް މިނިސްޓްރީން ލައިސަންސް ދޫކުރަންވާނެ ކަމަށްވެސް ވަނީ ބަޔާންކޮށްފައެވެ.

އަދި ވޭތުވެދިޔަ ތިން އަހަރު ދުވަހުގެ ތެރޭގައި ޖިނާއީ ކުށެއް ކޮށްގެން ހުކުމެއް އިއްވައިފައި މީހަކަށް ނުވުމާއި އަދި އެއްގަމު ދަތުރުފަތުރުގެ ގާނޫނާ ހިލާފުވެގެން ނުވަތަ އެ ގާނޫނުގެ ދަށުން ހަދައިފައިވާ ގަވާއިދަކާ ހިލާފުވެގެން ފާއިތުވި ތިން އަހަރު ދުވަހުގެ ތެރޭގައި ލައިސަންސް ހިފަހައްޓާފައި ނުވާ މީހަކަށްވެސް ވާންޖެހޭ ކަމަށް ގަވާއިދުގައިވެއެވެ.

ދުއްވަން ދަސްކޮށްދޭ ގިންތީގެ އުޅަނދު ދުއްވުމުގެ ލައިސަންސް ލިބި، ދުއްވުމުގައި މަދުވެގެން ދެ އަހަރު ދުވަހުގެ ތަޖުރިބާ ލިބިފައިވުމަކީވެސް ލާޒިމް ކަމެއްގެ ގޮތުގައި ގަވާއިދުގައިވެއެވެ.