"ސެލްމޮނެއްލާ" ޖަރާސީމުން ތަޣައްޔަރުވެފައިވާ އުފެއްދުމެއް ކަމަށްވާ 'ވޭރސްޓެޖަން ސަޕައިސަސް އެންޑް ސޯސަސް ބީ.ވީ' ބްރޭންޑްގެ 'ހާބަލް މިކްސް' ރާއްޖެ އެތެރެކޮށްފައިވާ ކަމަށް ބުނެ، ފުޑް އެންޑް ޑްރަގް އޮތޯރިޓީ (އެފް.ޑީ.އޭ) އިން މިއަދު ވަނީ މި ބްރޭންޑްގެ 'ހާބަލް މިކްސް' ނުވިއްކުމަށާއި ބޭނުން ނުކުރުމަށް އާންމުކޮށް އަންގާފައެވެ.

އެފް.ޑީ.އޭ އިން މީގެ ކުރީން ވެސް "ސެލްމޮނެއްލާ" ޖަރާސީމުން ތަޣައްޔަރުވެފައިވާ އުފެއްދުންތައް ރާއްޖެއަށް އެތެރެކޮށްގެން ވިއްކަމުންދާ ކަން އެކިފަހަރުގެ މަތިން އާންމުންނާއި ވިޔަފާރިވެރިންގެ ސަމާލުކަމަށް ގެނެސް، އެފަދަ ތަކެތި ގަނެވިއްކުން އަދި ބޭނުންކުރުން ހުއްޓުވިއެވެ.

ސެލްމޮނެއްލާ ޖަރާސީމަކީ ކޮބާ؟

ސަލްމޮނެއްލާ (Salmonella) އަކީ އެންޓެރޯބެކްޓީރިއޭއިސިއާއި (Enterobacteriaceae) އާއިލާގެ އާއިލާއަށް ނިސްބަތްވާ ޖީނަސް އޮފް ރޮޑް-ޝޭޕްޑް ގްރާމް-ނެގެޓިވް ބެކްޓީރިއާއެކެވެ.

ސައިންސްގެ ހޯދުންތަކުގެ އަލީގައި މިހާތަނަށް އެނގިފައިވާ ސަލްމޮނެއްލާގެ ދެ ބާވަތެއް ވެއެވެ. އެއީ ސަލްމޮނެއްލާ އެންޓެރިކާ އަދި ސަލްމޮނެއްލާ ބޮންގޮރީއެވެ.

ސެލްމޮނެއްލާ ޖަރާސީމުން ބައްޔެއް ޖެހިދާނެތަ؟

މި ބެކްޓީރިއާއަކީ ޓައިފޮއިޑް ހުން (Typhoid fever) ޖައްސާ ބެކްޓީރިއާއެކެވެ. ސަލްމޮނެއްލާ ބެކްޓީރިޔާގައި ތަފާތު 3 އެންޓިޖެން އެއް އެކުލެވިގެން ވެއެވެ. ޓައިފޮއިޑް ހުން ފަތުރާ މަޞްދަރަކީ ޓައިފޮއިޑް ހުން ޖެހިފައިވާ ތިބޭމީހުންނާއި، އަދި ޓައިފޮއިޑް ހުން ޖައްސާ ބެކްޓީރިޔާ ހަށިގަނޑުގައި ހުރި މީހުންނެވެ.

ފަރުވާނުކޮށް ދޫކޮށްލުމުން މި ހުން ތިން ހަފްތާއަށް ނުވަތަ އެއަށް ވުރެ ގިނަ ދުވަހަށް ދިގުދެމިދެއެވެ. މި ހާލަތުގައި އާދަޔާ ޚިލާފަށް ބަރުދަން ލުއިވުމަކީ ވެދާނެ ގޮތެކެވެ. މި ހާލަތުގައި ބަލިމީހާ ވާނުވާ ނޭނގި ވަހުމުތައް އަދި ކުށްހީތައް ކުރާނެއެވެ. ލޮލަށް ވެސް އަސަރުކުރުމަކީ ވެދާނެ ގޮތެކެވެ. މީހާ އެއްވެސް ހަރަކާތެއްނެތި އޮންނާނެއެވެ. މިގޮތަށް އޮންނައިރު ލޮލުގެ ބައެއް މެރި، ވާނުވާ ނޭނގި، ގައިން ވަރުދެރަވެ، ވަރަށް ބޮޑަށް ވަރުބަލިކަން އިހްސާސްވާނެއެވެ. ބައްޔާއި ގުޅިގެން ދިމާވާ އެންމެ ނުރައްކާތެރި ކަންތައްތައް މެދުވެރިވަނީ މި ފަދަ ހާލަތެއް މެދުވެރިވެއްޖެ ނަމަ އެ ހާލަތުގައެވެ.

ރާއްޖޭން އެންމެ ފަހުން މި ޖަރާސީމު ފެނިފައިވަނީ ކޮން އުފެއްދުމަކުން؟

ރާއްޖެ އެތެރެވެފައިވާ "ސެލްމޮނެއްލާ" ޖަރާސީމުން ތަޣައްޔަރުވެފައިވާ އުފެއްދުމަކީ ނެދަލޭންޑްސްގެ އުފެއްދުމެކެވެ. މި އުފެއްދުން އެ ގައުމުން އެކްސްޕޯޓްކުރީ 'އެންއެލް ފުޑް ބީ.ވީ' ނަމަކަށް ކިޔާ ކުންފުންޏަކުންނެވެ.

މި އެލާޓާއިގުޅިގެން މި އުފެއްދުމުގެ ސަބަބުން ކާބޯތަކެތީގެ ރައްކާތެރިކަމަށް އޮތް ހިރާސްގެ މިންވަރު ދެނެގަތުމަށް އެފްޑީއޭން އަންނަނީ މަސައްކަތް ކުރަމުންނެވެ.

އެފްޑީއޭ އިން ވަނީ މި ބްރޭންޑްގެ 'ހާބަލް މިކްސް' ނުވިއްކުމަށާއި ބޭނުން ނުކުރުމަށް އާންމުކޮށް އަންގާފައެވެ.