އިންޑިއާގައި ބްރިޖެއް ވަގަށްނެގި ގޭންގެއްގެ ބަޔަކު ހޯދުމުގެ މަސައްކަތް ފުލުހުން ފަށައިފިއެވެ.

ވަގުންގެ ގޭންގުން ރޫޅާލައިގެން ގެންދިޔައީ ކޯރެއް ހުރަސްކޮށް ހަދާފައިވާ 18 މީޓަރު (60 ފޫޓު) ދިގު ދަނގަނޑު ބްރިޖެކެވެ.

އޮފިޝަލުން ވިދާޅުވަނީ، ބްރިޖްގެ ދަގަނޑުތައް، ބާ ދަގަނޑުގެގޮތުގައި މިހާރު ވިއްކާލާފައިވާ ކަމަށް ބެލެވޭ ކަމަށެވެ.

މިހާދިސާ ހިނގާފައިވަނީ އިންޑިއާގެ އިރުމަތީގެ ބިހާރު ސްޓޭޓްގެ އަމިޔަވަރް އަވަށުގައެވެ.

ވަގުންގެ ގޭންގުން ބްރިޖް ރޫޅާލައިގެން ގެންދިޔައީ، ބިހާރު ސްޓޭޓް ސަރުކާރުގެ އިރިގޭޝަން ޑިޕާޓްމަންޓްމަންޓުގެ އޮފިޝަލުންކަމަށް ހެދިގެންތިބެ ކަމަށް ވެއެވެ.

އެމީހުން ދަނގަނޑު ބްރިޖް ރޫޅާލީ ގޭސް ކަޓަރާއި، އެނޫންވެސް މެޝިނަރީ ބޭނުންކޮށްގެންނެވެ.

ބާދަގަނޑު ވިއްކުމަކީ އިންޑިއާގައި ވަރަށް ބޮޑު އާމްދަނީއެއް ލިބޭ ކަމެކެވެ.

އެހެންވެ، ދައުލަތާއި، އާންމު ތަންތަނުން ދަގަނޑު ވަގަށް ނަގައިގެން، ދަގަނޑު ގަންނަ ތަންތަނަށް ވިއްކުމަކީ އާންމު ކަމެކެވެ. އެއީ، އަވަސް މަގަމުން ބޮޑެތި އަދަދުތަކުން ފައިސާ ލިބޭތީއެވެ.

އަމިޔަވަރް އަވަށުގައި ހުރި 18 މީޓަރުގެ ދަގަނޑު ބްރިޖަކީ ބައުވެފައިވާ ބްރިޖެއް ކަމަށް ވެއެވެ. އަދި އެއީ، މިހާރު ބޭނުން ނުކުރާ ބްރިޖެއް ކަމަށްވެސް ވެއެވެ.

"ސަރުކާރުގެ އޮފިޝަލުންތަކެއް އައިސް" ބްރިޖް ރޫޅަން ފެށުމުން އަވަށުގެ އާންމުން ހީކުރީ، ސަރުކާރުން އެ ބްރިޖް ރޫޅާލަން ނިންމީ ކަމަށެވެ. އެއީ، އެ ބްރިޖް ބައުވެފައި ވުމާއެކު ރޫޅާލަ ދިނުމަށްއެދި އަވަށުގެ ފަރާތުން އިރިގޭޝަން ޑިޕާޓްމަންޓަށް ކުރިން އެޕްލިކޭޝަން ފޯމެއް ލާފައި ވުމުންނެވެ.

ގޭސް ކަޓަރާއި، މެޝިނަރީ ހިފައިގެން އައި މީހުން ބްރިޖް ރޫޅާލަން ދެދުވަސް ނެގި ކަމަށް އަވަށުގެ މީހުން ބުނެއެވެ. އޭގެފަހުން، ބްރިޖްގެ ހުރިހާ ބައިތައް ބޮޑެތި ވެހިކަލްތަކަށް އަރުވައިގެން ގެންދިޔައީއެވެ.

ފުލުހުން ބުނެފައިވަނީ، ބްރިޖް ރޫޅާލައިގެން ގެންދިޔަ ގޭންގްގެ ބައެއް މެމްބަރުން މިހާރު ދެނެގަނެވިފައިވާ ކަމަށެވެ. ނަމަވެސް، އެމީހުން އަދި ނުހޯދޭ ކަމަށް، މިކަން ތަހްގީގުކުރާ ފުލުހުންގެ ޓީމުގެ އޮފިޝަލް ސުބާޝް ކުމާރު ވިދާޅުވިއެވެ.

"އެމީހުންވަނީ ދައުލަތުގެ މުދަލެއް ހަލާކުކޮށް ބްރިޖެއް ވަގަށް ނަގާފައި"
ސުބާޝް ކުމާރު