ސްރީލަންކާ ސަރުކާރަށް ޕާލަމެންޓްގައި ދެމުން އައި ތާއީދު އަނބުރޭ ގެންދިޔަ 41 ޕާލަމެންޓް މެމްބަރުން ސްރީލަންކާގެ ރައީސް ގޮޓަބާޔަ ރާޖަޕަކްސައާ ބައްދަލު ކުރައްވައިފިއެވެ.

މި ބައްދަލުވުމުގައި މަޝްވަރާ ކުރެވުނު ކަންކަމާ ގުޅޭގޮތުން ރައީސް ގޮޓަބާޔަ އަދި ސްރީލަންކާ ސަރުކާރުންވެސް އަދި ވަކި އެއްޗެއް ހާމައެއް ނުކުރެއެވެ.

ރައީސް ގޮޓަބާޔަ ބައްދަލުކުރެއްވި މެމްބަރުންގެ ތެރޭގައި ހިމެނިވަޑައިގަންނަވާ ވަސޫދޭވާ ނަނަޔައްކަރާ ވިދާޅުވެފައިވަނީ، ރައީސާއެކު ބޭއްވި ބައްދަލުވުމުގައި "މާމުހިންމު ވާހަކައެއް ނުދެކެވޭ" ކަމަށެވެ.

އެކަމަކު، ބައްދަލުވުމަށް ވަޑައިގެންނެވި ސްރީލަންކާގެ ކުރީގެ ރައީސް މައިތިރިޕާލަ ސިރިސޭނާ، ބައްދަލުވުމުގެ ކުރިން ވިދާޅުވެފައިވަނީ، ބައްދަލުވުމުގެ މައިގަނޑު ބޭނުމަކީ މިހާރުގެ ބޮޑުވަޒީރު މަހިންދަ ރާޖަޕަކްސަ މަގާމުން ވަކިކުރައްވައި އައު ބޮޑުވަޒީރެއްގެ ދަށުން ވަގުތީ ސަރުކާރެއް އެކުލަވާލަން ރައީސަށް މަޝްވަރާ އެރުވުން ކަމަށެވެ.

ހުރިހާ ސިޔާސީ ޕާޓީއެއް ބައިވެރިވާ ވަގުތީ ސަރުކާރެއް އެކުލަވާލަން ރައީސް ގޮޓަބާޔަ ރާޖަޕަކްސަ އެއްބަސްވެވަޑައި ނުގަތުމުންނާއި، ސަރުކާރުގެ މުޅި ކެބިނެޓް އިސްތިއުފާ ދިނުމުންވެސް 4 މެމްބަރުން ހިމެނޭ ވަގުތީ ކެބިނެޓެއް އެކުލަވާލުމުން، އެކަމާ ހިތްހަމަނުޖެހިގެން ބޮޑުވަޒީރު މަހިންދާ ރާޖަޕަކްސަގެ ޕާޓީއަށް ނިސްބަތްވާ ބައެއް މެމްބަރުންނާއި، ސްރީލަންކާ ފްރީޑަމް ޕާޓީ، ސިލޯން ވޯރކަރސް ކޮންގްރެސް، އޯލް ސިލޯން މައްކަލް ކޮންގްރެސް، އަދި ސަރުކާރަށް ނިސްބަތްވާ 11 ކުދި ޕާޓީއަކުންވަނީ ސަރުކާރަށް ދެމުން އައި ތާއީދު އޭޕްރީލް 5 ވަނަ ދުވަހު އަނބުރާ ގެންގޮސްފައެވެ.

އެގޮތުން، ބޮޑުވަޒީރު މަހިންދަ ރާޖަޕަކްސަގެ ޕާޓީގެ 9 މެމްބަރުން، ސަރުކާރަށް ނިސްބަތްވާ ކުދި ޕާޓީތަކުގެ 16 މެމްބަރުން، ސްރީލަންކާ ފްރީޑަމް ޕާޓީގެ 14 މެމްބަރުން، ސިލޯން ވޯރކަރސް ކޮންގްރެސްގެ 2 މެމްބަރުން އަދި އޯލް ސިލޯން މައްކަލް ކޮންގްރެސްގެ 1 މެމްބަރަކު ސަރުކާރާ ވަކިވެ، މިހާރު މަސައްކަތް ކުރަމުން ގެންދަނީ މިނިވަން ކެންޑިޑޭޓުންގެ ގޮތުގައެވެ.

މިކަމާހެދި، ކުރިން ޕާލަމެންޓުގައި އޮތް ރައީސް ގޮޓަބާޔަ ރާޖަޕަކްސަގެ ބާރުގަދަ ކޯލިޝަން ވަނީ ރޫޅިގެންގޮސްފައެވެ.

225 މެމްބަރުން ހިމެނޭ ޕާލަމެންޓުގެ އަޣުލަބިއްޔަތަކީ 113 ގޮނޑިއެވެ. ސަރުކާރު މިހާރުއޮތީ އަޣުލަބިއްޔަތަށްވުރެ 5 މެމްބަރުން މަދުކޮށެވެ.

ސްރީލަންކާގެ ރައީސްގެ އިސްތިއުފާއަށް ގޮވައި އާންމުން ކުރަމުންދާ މުޒާހަރާ:

އަނެއްކޮޅުން، ސްރީލަންކާގެ ވެރިރަށް ކޮޅނބުގެ ގޯލް ފޭސްގައި ރައީސް ގޮޓަބާޔަ ރާޖަޕަކްސަގެ އިސްތިއުފާއަށް ގޮވާލައި އާންމުން ކުރަމުންދާ މުޒާހަރާ މިރޭވެސް ކުރިއަށް އެބަދެއެވެ. މި މުޒާހަރާގައި އެތައްހާސް ބަޔަކު ގެންދަނީ ބައިވެރިވަމުންނެވެ. އަދި މުޅި ސަރަހައްދުގައިވަނީ ކޭމްޕް ޖަހާފައެވެ.

އެހެން ނަމަވެސް، އެއްވެސް ހަމަނުޖެހުމެއް ނުހިނގާ ކަމަށް ވެއެވެ.

އާންމުން ގޮވަމުން ގެންދަނީ، ގައުމުގެ ވެރިކަމުގައި ތިއްބެވި ކޮރަޕްޓް ލީޑަރުންގެ ކިބައިން ސަލާމަތް ވަންދެން މުޒާހަރާ ހުއްޓާނުލާ ކުރިއަށް ގެންދާނޭ ކަމަށެވެ.

މުޒާހަރާގައި ބައިވެރިވާ މީހުންގެ އަދަދު ހައްތަހާ އިތުރުވަމުންދާއިރު، ސްރީލަންކާގެ އެކި ދާއިރާތަކުގެ މަސައްކަތްތެރިންވެސް މުޒާހަރާއާ ގުޅެމުންދާ ކަމަށް ސްރީލަންކާގެ މީޑިއާއިން ބުނެއެވެ.