އުރީދޫ ދިވެހި ޕްރިމިއަރ ލީގުގައި އާދިއްތަ ދުވަހުގެރޭ ކްލަބް ގްރީން ސްޓްރީޓްސް އިން ދަ ގްރާންޑޭ ސްޕޯޓްސް ކްލަބުގެ މައްޗަށް ފަސޭހަ މޮޅެއް ހޯދިއިރު ހަސަން ނަޒީމް ގާސިމް (ޗޯޓު) ހެޓްރިކް ހަދައިފިއެވެ.

ގަލޮޅު ރަސްމީ ފުޓުބޯޅަ ދަނޑުގައި ކުޅުނު މިމެޗުން ގްރީން ސްޓްރީޓްސް މޮޅުވީ 0-4 ގެ ނަތީޖާއަކުންނެވެ.

މިމެޗުން ގްރީން ސްޓްރީޓްސް މޮޅުވިއިރު މިއީ މި ސީޒަނުގެ ލީގުގައި އެޓީމުން ހޯދި ދެވަނަ މޮޅެވެ. ހަތް މެޗު ކުޅުނު ދިވެހި ލީގުގެ މި ސީޒަނުގެ ފުރަތަމަ ބުރު ގްރީން އިން ނިންމާލީ އެންމެ މެޗަކުން މޮޅުވެގެންނެވެ. އެއީ ވަރުގަދަ ކްލަބް ވެލެންސިއާ އަތުން ހޯދި މޮޅެވެ. ފުރަތަމަ ބުރުގައި ދެން ގްރީން އަށް ލިބިފައިވާ ޕޮއިންޓަކީ ދަ ގްރާންޑޭ އާއި އެއްވަރުވެގެން ހޯދި ޕޮއިންޓެވެ.

ޖުމްލަ ހަތަރު ޕޮއިންޓާއެކު ލީގުގެ ދެވަނަ ބުރުގައި ގްރީން އިން ކުޅުނު ފުރަތަމަ މެޗުގައި އެޓީމުގެ ކުޅުންތެރިން ވަނީ ދަ ގްރާންޑޭ އާއި ދެކޮޅަށް މޮޅު ކުޅުމެއް ދައްކާފައެވެ. އެކަން ހާމަވާ އެއް ކަމަކީ މެޗު ފަށައިގެން 9 ވަނަ މިނެޓުގައި އެޓީމުން ލަނޑެއް ޖަހާ ލީޑު ނެގުމުންނެވެ. މިއީ ގްރީން ސްޓްރީޓްސްގެ ކޮލަމްބިއާ ފޯވާޑް ހޯސޭ އަވީލާ ކާމިޔާބު ކޮށްދިން ލަނޑެކެވެ.

މެޗުގައި ގްރީން އިން ދެވަނަ ލަނޑެއް ޖަހާ ލީޑުފުޅާކުރީ ފުރަތަމަ ހާފުގެ 23 ވަނަ މިނެޓުގައެވެ. އަހުމަދު ނާހިލް އިބްރާހިމް ތަނަވަސްކޮށްދިން ފުރުސަތަކުން މިލަނޑު އެޓީމަށް ކާމިޔާބު ކޮށްދިނީ ޗޯޓު އެވެ.

މިހާފުގައިވެސް އަދި މެޗުގައިވެސް ދަ ގްރާންޑޭގެ ކުޅުންތެރިން ވަނީ ލަނޑުޖަހަން ގިނަ މަސައްކަތްތަކެއް ކޮށް، ރަނގަޅު ހަމަލާތަކެއްވެސް ފޮނުވާލާފައެވެ. އެހެންނަމަވެސް މިފަދަ ހުރިހާ ހަމަލާއެއް ގޯލަށް ވަނުމަށް ހުރަހަކަށްވީ ގްރީން ސްޓްރީޓްސްގެ ޕާކިސްތާނު ކީޕަރު ހަނީފް ސާގިބް އެވެ.

ދެލަނޑުގެ ލީޑެއްގައި އޮވެ ގްރީން ސްޓްރީޓްސް އިން ދެވަނަ ހާފު ފެށިއިރު މިހާފުގެ ފުރަތަމަ 35 މިނެޓުގައި ލަނޑެއް ފެނިގެން ގޮސްފައެއް ނުވެއެވެ. ގްރީން ސްޓްރީޓްސް އަށް މިހާފުގައި ޖެހި ފުރަތަމަ ލަނޑު އަދި މެޗުގައި އެޓީމުން ޖެހި ތިންވަނަ ލަނޑު ކާމިޔާބު ކޮށްދިނީވެސް ޗޯޓުއެވެ. އަދި މެޗުގައި ތިންވަނަ ލަނޑެއް ޖަހާ ޗޯޓު ހެޓްރިކް ފުރިހަމަކުރީ މެޗުގެ ފުރިހަމަވަގުތުގެ އެންމެ ފަހު މިނެޓުގައެވެ.

މިމެޗުން ގްރީން ސްޓްރީޓްސް މޮޅުވިއިރު، އެޓީމަށް ހަތް ޕޮއިންޓް ލިބިފައިވާއިރު ލީގު ތާވަލުގައި ލިބެނީ ހަތްވަނައެވެ. މެޗުން ބަލިވި ދަ ގްރާންޑޭ އަށް މި ސީޒަނުގެ ލީގުގައި އަދި މޮޅެއް ހޯދިފައި ނުވާއިރު އެއް ޕޮއިންޓާއެކު އެޓީމު އޮތީ ތާވަލުގެ ފުލުގައެވެ.

މިމެޗާއެކު ދިވެހި ލީގުގައި ފުރަތަމަ ބުރުގައި ކުޅުނު 7 މެޗުގެ އިތުރުން ދެވަނަ ބުރުގެ ފުރަތަމަ ހަފްތާގެ ކުޅުން ނިމުނުއިރު، ހުރިހާ ޓީމެއްވެސް ވަނީ ޖުމްލަ 8 މެޗު ކުޅެފައެވެ. ލީގު ތާވަލުގެ އެއްވަނައިގައި އޮތް އެންމެފަހުގެ ޗެމްޕިއަން މާޒިޔާ ސްޕޯޓްސް އެންޑް ރެކްރިއޭޝަނަށް 21 ޕޮއިންޓް ލިބިފައިވެއެވެ. ދެވަނައިގައި އޮތް އީގަލްސް އަށް 19 ޕޮއިންޓު ލިބިފައިވާއިރު ތިންވަނައިގައި އޮތް ވެލެންސިއާ އަށް ލިބެނީ 13 ވަނަ އެވެ.

ހަތަރު ވަނައިގައި އޮތް ޓީސީ ސްޕޯޓްސް ކްލަބަށް 11 ޕޮއިންޓު ލިބިފައިވާއިރު، ފަސް ވަނައިގައި އޮތް ޔުނައިޓެޑް ވިކްޓްރީ އަށް ވަނީ 10 ޕޮއިންޓް ލިބިފައެވެ. ހަ ވަނައިގައި އޮތް ސުޕަ ޔުނައިޓެޑް ސްޕޯޓްސް (ސަސް) އަށް އަށް ޕޮއިންޓު ލިބިފައިވެއެވެ.