އައްޑޫ ސިޓީގެ މަސްވެރިންގެ ކަންބޮޑުވުންތައް ރައީސް އިބްރާހިމް މުހައްމަދު ސޯލިހާއި ހިއްސާކުރުމަށް އައްޑޫ ސިޓީ ކައުންސިލުން ފާސްކޮށްފިއެވެ.

އައްޑޫ ސިޓީ ކައުންސިލުން ރޭ ބޭއްވި ކުއްލި ޖަލްސާއަށް މިހުށަހެޅުން ހުށަހެޅުއްވީ ހިތަދޫ މޫލެކެޑެ ދާއިރާގެ ކައުންސިލަރު އަހުމަދު ސައީދެވެ. މި ހުށަހެޅުން ފާސްވީ 7 ކައުންސިލަރުންގެ ވޯޓުންނެވެ.

މިމައްސަލަ ހުށަހަޅާފައިވަނީ ދެކުނުގެ މަސްވެރިކަން ތިޔާގިވެ، މަސްވެރިން ބާނާ މަސްކޮޅު ނުކިރި އަދި އާމްދަނީ ހޯދަން ކުރާ މަސައްކަތް ހުއްޓުމަކަށް އައިސްފައިވާތީ އެމައްސަލައަށް ކައުންސިލުން އިސްނަގައިގެން ހައްލެއް ހޯދުމުގެ ބޭނުމުގައެވެ.

އެ މައްސަލައަށް ކައުންސިލަރު ސައީދު ހުށަހެޅި ހުށަހެޅުމުގައި ދޯނިތަކަށް ފަސޭހައިން ކިޔޫ ނަމްބަރު ލިބޭނެ އިންތިޒާމެއް ހަމަޖެއްސުމަށް މިފްކޯގެ ވެރިންނާއި މަޝްވަރާކޮށް ގޮތެއް ހޯދުމަށާއި އަދި އައްޑޫގެ އޮޑިވެރިންނާއި ބައްދަލުކޮށް މަޝްވަރާ ކުރުން ހިމެނެއެވެ.

މީގެއިތުރުން މަސްވެރިންގެ ޝަކުވާތަކާއެކު ފިޝަރީޒް މިނިސްޓަރާއި ބައްދަލުކޮށް މަސްވެރިންގެ ޝަކުވާތަކާ ގުޅޭގޮތުން މަޝްވަރާކޮށް ހައްލެއް ހޯދަން މަސައްކަތް ކުރުމަށާއި އައްޑޫގެ މަސްވެރިންގެ ކަންބޮޑުވުންތައް ރައީސްގެ ސަމާލުކަމަށް ގެނައުމާއެކު އެކަމަށް އަވަސް ހައްލެއް ހޯދުމަށް މަސައްކަތް ކުރުންވެސް ހިމެނެއެވެ.

މިހުށަހެޅުމުގައި ވަނީ ރައްޔިތުންގެ މަޖިލީހުގައި އައްޑޫ ތަމްސީލު ކުރައްވާ މެމްބަރުންނާއި މިމައްސަލަ ހިއްސާކޮށް މަޖިލީހުގެ ތެރެއިން ކުރެވިދާނެ ކަންކަމަކީ ކޮބައިތޯ ބަލައި މަޖިލީހުގެ އެއްބާރުލުން ހޯދުމަށް މަސައްކަތް ކުރުމަށްވެސް ހިމަނާފައެވެ.

އަދި މަސް ގަނެ، އެކްސްޕޯޓު ކުރާ ފަރާތްތަކާ މަޝްވަރާކޮށް މިކަމަށް ހައްލެއް ހޯދުމަށް ކުރެވިދާނެ ކަންމަކީ ކޮބައިތޯ ބަލައި ދިރާސާކޮށް މަސައްކަތް ކުރުންވެސް ހިމެނެއެވެ.

ޒަމާނީ ބޮޑެތި ބަދަލުތަކާއެކު ދޯނިފަހަރުގެ ސައިޒަށް ވެސް ބަދަލުއައިިސްފައިވާއިރު، ކޮންމެ ދޯންޏަކީވެސް ފަސްޓަނަށް ވުރެ ގިނައިން މަސްބާނާ އުޅަނދުފަހަރެވެ.

މިފްކޯއިން މަސްގަތުން ކޮންޓްރޯލު ކުރުމުން ގިނަ މަސްވެރިން ނުރުހުން ފާޅުކުރަމުންދާއިރު، ބައެއް ދޯނިފަހަރުން ބޭނި މަސްތައް ނުކިރިގެން ވަނީ އުކާވެސް ލާފައެވެ.