މަސްވެރިިންގެ މައްސަލަތައް ހައްލުކުރުމަށް ގޮވާލައި ރައްޔިތުންގެ މަޖިލީހަށް ހުށަހެޅި ކުއްލި މައްސަލަ ބަލައިނުގަނެ ބޭރުކޮށްލައިފިއެވެ.

މަސްވެރިންގެ ކަންބޮޑުވުންތަކާ ގުޅޭ ކުއްލި މައްސަލަ މަޖިލީހަށް ހުށަހަޅުއްވައިފައިވަނީ ފަރެސްމާތޮޑާ ދާއިރާ މެމްބަރު، ހުސެއިން މުހައްމަދު ލަތީފެވެ.

މެމްބަރުގެ މައްސަލައިގައި ބުނެފައިވަނީ މަސްވެރިކަން އިންތިހާއަށް ރަނގަޅުވެފައި ވާއިރު، މަސްވެރިން ބާނާމަސް ކިރުން ކޮންޓްރޯލް ކޮށްފައިވުމަކީ އޭގެ ގެއްލުން މަސްވެރިންނަށް އިންތިހާއަށް ކުރާ ކަމެއް ކަމަށެވެ.

މި އިސްލާހު ބަލައިގަތުމަށް ފެންނަ ކަމަށް 9 މެމްބަރުން ވޯޓު ދެއްވިއިރު، މައްސަލަ ބަލައިގަތުމަށް ނުފެންނަ ކަމަށް 41 މެމްބަރުން ވޯޓު ދެއްވިއެވެ. އެހެންކަމުން މިމައްސަލަ ވަނީ މަޖިލީހުން ބޭރުކޮށްލައިފައެެވެ.

ހުށަހަޅާފައިވާ ކުއްލި މައްސަލައިގައި ބުނެފައިވަނީ މިދުވަސްވަރު ރަނގަޅަށް މަސްބާނަމުން އަންނައިރު މަސްކިރުން ކޮންޓްރޯލް ކޮށްފައިވާ ކަމަށާއި، އެކަމުގެ ސަބަބުން އާމްދަނީ ނުލިބި މަސްވެރި އާއިލާތައް ހާލުގައި ވާކަމަށެވެ.

އަދި މިދުވަސްވަރު ޑީސަލްގެ އަގު ބޮޑުވެ ޑީސަލް ލިބުން ދަތިވެފައިވާ ކަމަށްވެސް ކުއްލި މައްސަލައިގައި ބުނެފައިވެއެވެ.

މީގެއިތުރުން ކުއްލި މައްސަލައިގައި ބުނެފައިވަނީ މިސަރުކާރުން މަސްވެރިންނަށް ވެފައިވާ ވައުދުތައް ވެސް ނުފުއްދޭ ކަމަށެވެ. އެހެންކަމުން މަސްވެރިންނަށް ދިމާވެފައިވާ މައްސަލަތައް ހައްލުކުރުމަށް ގޮވާލާކަމަށް ކުއްލި މައްސަލައިގައި ބުނެފައިވެއެވެ.

އެމްޑީޕީގެ މެނިފެސްޓޯއަށް ރުޖޫއަވެ މަސްވެރިންނަށް ވެފައިވާ ވައުދުތައް ފުއްދައިދިނުމަށް ރައްޔިތުންގެ މަޖިލީހުގެ ރައީސް، މުހައްމަދު ނަޝީދުވެސް ވަނީ މީގެކުރިން ސަރުކާރަށް ގޮވާލައްވާފައެވެ.